Roadha Mihaaru
ޓީ20 ޕްރެޒިޑެންޓްސް ކަޕް ސީބީއެލް ކާމިޔާބުކޮށްފި

ޓީ20 ޕްރެޒިޑެންޓްސް ކަޕް ސީބީއެލް ކާމިޔާބުކޮށްފި

27 ނޮވެމްބަރ 2022

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބާއްވާ ޓީ20 ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް ހޯދައިފި އެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބާއްވާ ޓީ20 ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް ހޯދައިފި އެވެ.

ސީބީއެލް ޗެމްޕިއަންކަން ހޯދީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި މާލޭ ސްޕޯޓްސް ކުލަބާ ވާދަކޮށް 17 ލަނޑުން މޮޅު ވެގެންނެެވެ.

މެޗުގެ ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކުލަބުން ނިންމީ އުކާށެވެ. ފުރަތަމަ އިނިންސަ ގައި ސީބީއެލް ކުޅެން އަރައި ވަނީ 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައި ވެގެން 162 ލަނޑު ޖަހަދައިފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 55 ލަނޑު ހެދި ބިދޭސީ ކުޅުންތެރިޔާ އަކްސަތު ރެޑޭ އެވެ. އަދި ކެޕްޓަން ހަސަން ހާޒިގު ވަނީ 21 ބޯޅައިން 25 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެން އަރައި 20 އޯވަރު ތެރޭ އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 145 ލަނޑެވެ. މުހައްމަދު ރިޝްވާން ވަނީ މާލޭ ސްޕޯޓްސް އަށް 42 ބޯޅައިން 66 ލަނޑު ހަދައިފަ އެވެ. އަދި އިސްހާގު އީސާ 19 ބޯޅައިން 22 ލަނޑު ހެދި އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރިޝްވާން އެވެ.

ޓީ20 ކްރިކެޓް ލީގުގެ ގަދަ ހަތަރު ޓީމާ އެކު ކުރިއަށް ދިޔަ މުބާރާތުގެ ފައިނަލުން ސީބީއެލް ޖާގަ ހޯދީ، ސެމީ ފައިނަލް ގައި ލީގުގެ އެއް ވަނަ ހޯދި މިލާން ކްރިކެޓް އެކަޑަމީ ބަލިކޮށްފަ އެވެ. މާލޭ ސްޕޯޓްސް ވަނީ ސެމީ ފައިނަލް ގައި މާލޭ ވެޓްރަންސް ބަލިކޮށްފަ އެވެ.

ފައިނަލް މެޗަށް ފަހު ޗެމްޕިއަން ތަށްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި ދެ ވަނައަށް ދިޔަ ޓީމަށް އިނާމް ހަވާލް ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފެވެ.

މީގެ އިތުރުން މިދިޔަ މަހު ނިމުނު ޓީ20 ކްރިކެޓް ލީގުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ވެސް އިއްޔެގެ ފައިނަލް މެޗަށް ފަހު ވަނީ އިނާމް ހަވާލް ކޮށްފަ އެވެ.

ލީގުގައި މުޅިއެކު 14 ވިކެޓް ނަގައިގެން އެންމެ މޮޅު ބޯލަރުންނަށް ހޮވުނީ ސީބީއެލްގެ އިބްރާހިމް ރިޒާން އާއި މިލާން ކްރިކެޓް އެކަޑެމީގެ ލީމް ޝަފީގު އެވެ. އެންމެ މޮޅު ބެޓްސްމަނާއި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ރުވާން ތަރަކަ އެވެ.

އެންމެ އުއްމީދީ ކުޅުންތެރިއަކަށް ކޮމެޓްސްގެ އަލީ ރާފިލް ހޮވިފައި ވާއިރު، އެންމެ މޮޅު ފީލްޑަރަކަށް ހޮނުވީ މާލޭ ވެޓްރަންސްގެ ދިލްޝާން ފެނާންޑޯ އެވެ.