Roadha Mihaaru
މާލެ އާއި ފުވައްމުލަކުގައި ކްރިކެޓް ގިނަ މުބާރާތްތަކެއް

ކްރިކެޓް ކަލަންޑަރު: މާލެ އާއި ފުވައްމުލަކުގައި ގިނަ މުބާރާތްތަކެއް

24 ޖެނުއަރީ 2023

މާލެ އާއި ފުވައްމުލަކުގައި ގިނަ މުބާރާތްތަކެއް ކުރިއަށް ތާވަލުކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މި އަހަރުގެ ކަލަންޑަރު އިއުލާން ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މާލެ އާއި ފުވައްމުލަކުގައި ގިނަ މުބާރާތްތަކެއް ކުރިއަށް ތާވަލުކޮށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ މި އަހަރުގެ ކަލަންޑަރު އިއުލާން ކޮށްފި އެވެ.

ކްރިކެޓް ބޯޑުން ބުނީ ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ގިނަ ކްރިކެޓް ކުޅުންތެރިންތަކަކަށް ގިނަ މުބާރާތްތަކެއް ގެއްލުނު ކަމަށެވެ. އެހެން ކަމުން މި އަހަރަކީ ކްރިކެޓް ކުޅޭ އަދި ކުޅޭ ހިތްވާ ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ވެސް ގިނަ ހަރަކާތްތަކެއް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާނެ އަހަރެއް ކަމަށް އެ ބޯޑުން ބުންޏެވެ،.

އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ފިރިހެނުންގެ ޓީ10 ކްރިކެޓް ކަޕް ފުވައްމުލަކުގައި ވަނީ ފަށައިފަ އެވެ. މީގެ އިތުރުން މާދު ކަޕް ނަމުގައި ޓީ20 މުބާރާތަކާއި 19 އަހަރުން ދަށުގެ ޝީލްޑު މުބާރާތެއް ވެސް ފުވައްމުލަކުގައި ކުރިއަށް ގެންދަން ވަނީ ހަމެޖެހިފަ އެވެ.. ހަމަ އެއާ އެކު އަންހެނުންގެ ޓީ10 ކްރިކެޓް މުބާރާތެއް ވެސް ފުވައްމުލަކުގައި ކުރިއަށް ގެންދަނެ އެވެ.

ސީބީއެމް އިން މި އަހަރުގެ ކްރިކެޓް ކަލަންޑަރު އާއްމުކޮށް ކޮށްފައިވާ ޓްވީޓް.

ސީބީއެމުން އިއްޔެ އާއްމުކުރި ކަލަންޑަރުގައި، މާލޭގައި ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރޭގައި ވެޓެރަންސް ކަޕާއި 23 އަހަރުން ދަށުގެ ގައުމީ މުބާރާތާއި ޓީ20 ލީގާއި ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން ގައުމީ މުބާރާތާއި އަންހެނުންގެ ޓީ20 ކްރިކެޓް ޝީލްޑް މުބާރާތް ވެސް ހިމެނެ އެވެ.

ހަމަ އެއާއެކު ފިރިހެނުންނާއި އަންހެނުންނަށް ވެސް މާލެ އާއި ފުވައްމުލަކުގައި އިންޑޯ ކްރިކެޓް މުބާރާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ސީބީއެމްގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އަންހެން އަދި ފިރިހެން އިންޓަ ސްކޫލް ކްރިކެޓް މުބާރާތެއް ބާއްވަން ތާވަލް ކޮށްފައި ވާއިރު، މާލޭގައި ވެސް އަންހެން އަދި ފިރިހެން އިންޓަ ސްކޫލް މުބާރާތަކާއި ލީގެއް ބާއްވާނެ އެވެ.

ގައުމީ ލެވެލްގެ މުބާރާތްތަކުގެ އިތުރުން ސީބީއެމުން ވަނީ މާލެ އާއި ފުވައްމުލަކުގައި ވެސް ކުރިކެޓް ޓެކްނިކަލް ދާއިރާގެ ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފަ އެވެ. އެގޮތުން އަމްޕަޔަރުންގެ ރިފްރެޝާ ކޯހަކާއި އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ލެވެލް 2 އަދި 3 ގެ ކޯހަކާއި ކިއުރޭޓާ ކޯހެއް ވެސް މާލޭގައި ބާއްވަން ހަމަޖެހިފައި ވެއެވެ. ފުވައްމުލަކުގައި ކުރިއަށް ދާނީ އޭސީސީ ލެވެލް 1 ގެ އަމްޕަޔަރިން އަދި ކޯޗިން ކޯހެއްގެ އިތުރުން އަންހެން އަދި ފިރިހެން އެންޓްރީ ލެވެލްގެ އިވެންޓްތަކެކެވެ.

ކްރިކެޓް ބޯޑުން ވަނީ އަންނަ މަހުގެ 24 އިން މާޗު ހަތަކާ ހަމައަށް ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ގެންދާ 50 އޯވަރުގެ އޭސީސީ ޗެލެންޖާސް ކަޕް ގައި ފިރިހެން ގައުމީ ޓީމު ބައިވެރިކުރަން ނިންމައިފަ އެވެ. ހަމަ އެއާ އެކު ސެޕްޓެމްބަރު މަހު އޮންނަ އައިސީސީ ވޯލްޑް ޓީ20 ކޮލިފައިން ގައި ވެސް ގައުމީ ފިރިހެން ޓީމު ބައިވެރި ވާނެ އެވެ. އަދި މިއަހަރުގެ އޭޝިއަން ގޭމްސް ގައި ކްރިކެޓްގެ އަންހެން އަދި ފިރިހެން އިވެންޓުގައި ވެސް ރާއްޖެއިން ވާދަ ކުރާނެ އެވެ.

ކޮވިޑްގެ ބަލުމަޑުކަމާ އެކު ވެސް ފާއިތުވި ދެ އަހަރު ވެސް ސީބީއެމް އިން ވަނީ މާލެ އާއި ފުވައްމުލަކުގައި މުބާރާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި 2021 ގައި ރާއްޖެއަށް އިންޑޯ ކްރިކެޓް ތައާރަފް ކުރުމުގެ އިތުރުން މިދިޔަ އަހަރު ޓީ10 ކްރިކެޓް ލީގެއް ތައާރަފް ކުރި އެވެ.