Roadha Mihaaru
އިދިކޮޅުން ހުށަހެޅި އިސްލާހާ ނުލައި ބަޖެޓް ފާސްކޮށްފި

އިދިކޮޅުން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލައި ބަޖެޓް ފާސްކޮށްފި

28 ނޮވެމްބަރ 2022

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށް ފަހު، އަންނަ އަހަރަށް ލަފާކުރާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުށަހެޅި އިސްލާހުތައް ބޭރުކޮށްލުމަށް ފަހު، އަންނަ އަހަރަށް ލަފާކުރާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެފަހު ޖަލްސާގައި، ބަޖެޓް ރިޕޯޓް ފާސްކުރުމަށް ނެގި ވޯޓުގައި 61 މެމްބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ ފަހަރު އަހަރުގެ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.

ބަޖެޓަށް އިސްލާހު ހުށަހަޅަން ދިން މުއްދަތު އިއްޔެ ހަމަވިއިރު، އިދިކޮޅުން ގިނަ އިސްލާހުތަކެއް ވެސް ހުށަހެޅި އެވެ. މައިގަނޑު ގޮތެއްގައި އިސްލާހުތައް ހުށަހަޅާފައި ހުރީ ދައުލަތުގެ ބޭކާރު ހަރަދުތައް މަދުކޮށް، ބައެއް ކުންފުނިތައް އުވާލައި އެ ކުންފުނިތަކަށް ދޫކުރަން ނިންމާފައިވާ ފައިސާ އެހެން ކަންކަމަށް ހަރަދުކުރަން ހިމެނުމަށެވެ. ނަމަވެސް، އޭގެން އެއްވެސް އިސްލާހެއް ފާހެއް ނުވި އެވެ.

އިދިކޮޅުން ހުށަހެޅި އިސްލާހުތައް

• އަރަބިއްޔާގެ އާ އިމާރާތް އަޅަން 8.8 މިލިއަން ރުފިޔާ އިތުރުކުރުން.

• ހާއްސަ ބަޖެޓް 6.8 ބިލިއަން ރުފިޔާއިން 3.8 ބިލިއަން ރުފިޔާއަށް ކުޑަކުރުން.

• ސަރުކާރު ކުންފުނިތަކުގެ ކެޕިޓަލަށް ދޭ 764 މިލިއަން ރުފިޔާއިން 25 ޕަސެންޓް ކަނޑާލުން.

• ފޮރިން މިނިސްޓްރީގެ ބަޖެޓުން 73.5 މިލިއަން ރުފިޔާ އުނިކޮށް، އަރަބިއްޔާ ސްކޫލަށް އެ ފައިސާ ކަނޑައެޅުން.

• ކޮންޓިންޖެންސީ ބަޖެޓުގައި ހިމެނޭ 1.7 ބިލިއަން ރުފިޔާ، 100 މިލިއަން ރުފިޔާއަށް ކުޑަކުރުން.

• ސިޔާސީ މުވައްޒަފުންގެ މުސާރައިން 225.5 މިލިއަން ރުފިޔާ އުނިކޮށް، މަސްވެރިންގެ ސަބްސިޑީއަށް އެ ފައިސާ ހަރަދުކުރުން.

• ދަތުރު ހަރަދުތައް 104 މިލިއަން ރުފިޔާއަށް ކުޑަކުރުން.

• ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައި، ސަބްސިޑީ ސީދާ މަސްވެރިންނަށް ލިބޭ ގޮތް ހެދުން.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން، ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބަވާ ބައެއް މެމްބަރުން ވެސް ބަޖެޓަށް އިސްލާހުތަކެއް ހުށަހެޅި އެވެ. އެއީ މިދިޔަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކޮމްޕޯނެންޓްތައް ވަކިވަކިންނާއި ސަރުކާރުގެ ކުންފުނިތަކަށް ލިބޭ މިންވަރުގެ އިތުރުން ފިއުލް ސަބްސިޑީ ލިބޭ ފަރާތްތައް ވަކިވަކިން ތަފުސީލުކުރުމަށެވެ. އަދި މި އަހަރުގެ ބެޖެޓަށް އިތުރުކުރުމަށް ހުށަހެޅި ހާއްސަ ބަޖެޓުން ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރި އަދަދު ތަފުސީލުކޮށް ހިމެނުމަށް ވެސް އިސްލާހު ހުށަހެޅި އެވެ.

އެކަމަކު، އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއީދު ވެސް ނުލިބި އެ އިސްލާހުތައް މިއަދު ބޭރުކޮށްލީ އެވެ.

ސަޕްލިމަންޓްރީ ބަޖެޓް ވެސް ފާސްކުރި

މި އަހަރަށް ކަނޑައެޅި 36.9 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުތައް ފޫނުބެއްދޭތީ، މި އަހަރުގެ ބަޖެޓަށް 5.8 ބިލިއަން ރުފިޔާ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓު ވެސް މިއަދު މަޖިލީހުން ފާސްކުރި އެވެ.

މި އަހަރު މުޅި ޖުމްލަ 42.8 ބިލިއަން ރުފިޔާއާ ހަމައަށް ހަރަދުކުރުމަށް ހުއްދަދިނުމުގެ ގޮތުން ފާސްކުރި ސަޕްލިމަންޓްރީ ބަޖެޓް ފާސްކުރީ 61 މެމްބަރުންގެ ތާއީދާ އެކު އެވެ. އަދި އަށް މެމްބަރަކު ނުފެންނަ ކަމަށް ވޯޓު ދެއްވި އެވެ.