Roadha Mihaaru
ހަނި މޮޅަކާ އެކު ޔުވެންޓަސް ކުއާޓާ އަށް

ހަނި މޮޅަކާ އެކު ޔުވެންޓަސް ކުއާޓާ އަށް

12 ޖެނުއަރީ 2017

ޓިއުރިން (ޖެނުއަރީ 12) - އިޓާލިއަން ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 3-2 އިން އެޓަލާންޓާ އަތުން މޮޅުވެ ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން (ޖެނުއަރީ 12) - އިޓާލިއަން ކަޕްގައި ރޭ އަމިއްލަ ދަނޑުގައި 3-2 އިން އެޓަލާންޓާ އަތުން މޮޅުވެ ޔުވެންޓަސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޓީމުގެ އިތުބާރު ފޯވާޑް ގޮންޒާލޯ ހިގައިން ނުލައި ޔުވެންޓަސް އިން ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޔުވެންޓަސް އިން ދެ ގޯލުގެ ލީޑެއް ނެގި އެވެ. ޔުވެންޓަސް އަށް މި ދެ ލަނޑު ޖަހައިދިނީ ޕައޮލޯ ޑީބަލާ އާއި މާރިއޯ މަންޒުކިޗް އެވެ.

ދެ ވަަނަ ހާފް ފަށައިގެން ޔުވެންޓަސް އަށް ތިން ވަަނަ ލަނޑެއް ޖަހަން ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޔުވެންޓަސް އަށް މައްސަލަތައް ދިމާވީ ފަހު 20 މިނިޓް ތެރޭގަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އެޓަލަންޓާގެ އަބްދުﷲ ކޮންކޯ އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އޭގެ ތިން މިނިޓް ފަހުން މިރަލެމް ޔަނިޗް ލިބުނު ޕެނަލްޓީ އަކުން ޔުވެންޓަސްގެ ތިން ވަނަ ލަނޑު ކާމިޔާބުކުރި އެވެ.

ޔުވެންޓަސް ޕްރެޝަރަށް ދިޔައީ އެޓަލަންޓާ އިން މެޗުގެ 82 ވަނަ މިނިޓްގައި ދެ ވަނަ ލަނޑެއް ޖެހުމުންނެވެ. މި ލަނޑު ކާމިޔާބުކުރީ އެމަނުއަލް ލާޓޭ ލަތު އެވެ.

މި ލަނޑާ އެކު ޔުވެންޓަސްގެ ފަހަތަށް ޕްރެޝަރު ބޮޑުވި އެވެ. އަދި ފަހު ވަގުތާ ޖެހެންދެން އެޓަލަންޓާ އިން ވަނީ ޔުވެންޓަސް އަށް ނުރައްކާ ކޮށްފަ އެވެ.

ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އެލެގްރީ ބުނީ އެ ޓީމުގެ ފަރާތުން ފަހަކަށް އައިސް ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ފެންނަމުންދާ ކަމަށެވެ.

"މިއީ އަހަރެން ހިތްހަމަ ޖެހޭ ކަމެއް ނޫން. ފަހަކަށް އައިސް އަހަރެމެން އަތުގައި ކޮންޓްރޯލް އޮންނަ މެޗުތަކުން ފަރުވާ ކުޑަކޮށްލުމުގެ ސަބަބުން ޕްރެޝަރު ބޮޑު އެބަވޭ. މިއީ ވެސް އެފަދަ މެޗެއް. މި ފަދަ ކަންކަން ތަކުރާރުވާނަމަ ސީޒަންގެ ފަހުކޮޅުގައި ލަނޑު ލިބުން އެކަށީގެންވޭ،" ކުރިން އޭސީ މިލާނަން ކޯޗުކޮށްދިން އަލެގްރީ ބުންޏެވެ.

ރޭގެ މެޗަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ޔުވެންޓަސް ކޮޅަށް އެއް މެޗެއްގައި ދެ ލަނޑު ވަން ފުރަތަމަ ފަހަރެވެ.

އިޓަލިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް ނުކުންނާނީ މިލާނާއި ޓޮރިނޯ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.