Roadha Mihaaru
25 މީޓަރު އަޑިން ނެގި ފޯނު، ރާއްޖެއިން ސިންގަޕޫރަށް

25 މީޓަރު އަޑިން ނެގި ފޯނު، ރާއްޖެއިން ސިންގަޕޫރަށް

29 ނޮވެމްބަރ 2022

މިދިޔަ މަހު ގއ. މާނަގަލާގެ ބޭރުން 25 މީޓަރު އަޑިން ނެގި އައިފޯނުގެ ވެރިފަރާތުން، އެ ފޯނު ގެއްލުނު ގޮތާއި އަނބުރާ ލިބުނުގޮތް ކިޔައިދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ މަހު ގއ. މާނަގަލާގެ ބޭރުން 25 މީޓަރު އަޑިން ނެގި އައިފޯނުގެ ވެރިފަރާތުން، އެ ފޯނު ގެއްލުނު ގޮތާއި އަނބުރާ ލިބުނުގޮތް ކިޔައިދީފި އެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު މޮޑެލްގެ އެ ފޯނުގެ ވެރިފަރާތަކީ ސިންގަޕޫރުގެ އަންހެނެއް ކަމަށްވާ ޝާލީން ލީ އެވެ. އޭނާއަކީ މިދިޔަ މަހު ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓެކެވެ. މާނަގަލާ އޮންނަނީ އެ ރިސޯޓު ކުރިމަތީގަ އެވެ.

ފޯނު އަނބުރާ ލިބުމުން، މީގެ ދެ ދުވަސް ކުރިން ޝާލީން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަޔަކާ އެކު އޭނާ ޗުއްޓީއަށް ރާއްޖެ އައީ، ހަ މަހުގެ ދިގު އިންތިޒާރަކަށް ފަހު ކަމަށެވެ. އާ ފޯނެއް ގަތީ ވެސް އެ ދަތުރު އައުމުގެ ދެ ހަފުތާއެއް ކުރިން ކަމަށް އޭނާ ބުންޏެވެ.

"ދެ ހަފުތާ ވެސް ނުވާ އެ ފޯނުގެ ކެމެރާ ޓްރައިކޮށްލަން ވެގެން އަހަރެމެން ސްނޯކްލިންއަށް ގޮސް އުޅެނިކޮށް އެ ފޯނު މޫދަށް ގެއްލުނީ، ވަރަށް ގަދަ އޮއެގަނޑަކާ ދެކޮޅަށް ފަތަމުން ދަނިކޮށް. އަހަރެމެން އަޅައިގެން ތިބި ލައިފްޖެކެޓް ރަނގަޅު ކުރަން އުޅެނިކޮށް އެ ކަމެއްވީ،" އޭނާ ބުންޏެވެ.

ފޯނު ގެއްލުމުން ވަރަށް ދެރަވި ކަމަށާއި އެ ގަދަ އޮއިގަނޑުގެ ތެރޭގައި ވެސް ފޯނު ހޯދައިދޭން އެ މީހުންގެ ސްނޯކްލިން ގައިޑް މަސައްކަތްކުރި ނަމަވެސް ފޯނު ނުފެނުނު ކަމަށް އޭނާ ބުންޏެވެ.

ގެއްލޭ އައިފޯނު ހޯދަން އެހީވެދޭ ހާއްސަ ފީޗާއެއް ކަމަށްވާ "ފައިންޑް މައި އައިފޯން" މެދުވެރިކޮށް ވެސް ފޯނު އޮތް ހިސާބެއް ފެނޭތޯ އެ މީހުން ބެލި އެވެ. އެކަމަކު އެ އިން ދެއްކީ ފޯނު "އޮފްލައިން" ކަމަށެވެ. އެ ހިސާބުން ދެން އެ ފޯނު ފެންނާނެ ކަމުގެ އުއްމީދު ވެސް ކަނޑާލި އެވެ.

ފޯނުގެ ޚަބަރެއްވީ ދެ ދުވަސް ފަހުން

ޝާލީން ބުނި ގޮތުގައި އޭގެ ދެ ދުވަސް ފަހުން އޭނާގެ ފޯނު ނަންބަރުން މީހަކު ގްރޫޕް ޗެޓަށް މެސެޖުކުރަން ފެށި އެވެ. އެ މެސެޖުތަކުގައި އޮތީ އެ ފޯނުގެ ވެރިފަރާތް ހޯދަން ބޭނުންވެގެން އެ ވާހަކަ އެވެ.

"އަހަންނަށް ގަބޫލުކުރަން ވެސް ދަތިވި. އޭރު އަހަރެން ހުރީ ދެން ފޯނު ނުލިބޭނެ ކަމަށް ނިންމައިގެން،" އޭނާ ބުންޏެވެ.

ޝާލީން ބުނީ ފޯނު ހޯދި މީހާއާ މުއާމަލާތުކުރަން ފެށުމުން އެނގުނީ އޭނާއަކީ މަސްވެރިއެއް ކަމެވެ. އެ މަސްވެރިޔާ ފޯނު ހޯދީ ޝާލީން ސްނޯކްލިންއަށް ދިޔަ މާނަގަލާގެ ކައިރިން 25 މީޓަރުން ފުނުންނޭ ބުނި ކަމަށް ވެސް ބުންޏެވެ.

ގެއްލުނު އައިފޯން: އެ ފޯނު ނެގީ ގއ. މާނަގަލާގެ 25 މީޓަރު އަޑިން.

ގެއްލުނު އައިފޯން: އެ ފޯނު ނެގީ ގއ. މާނަގަލާގެ 25 މީޓަރު އަޑިން.

"އެކަމަކު ވަކި ހިސާބަކުން އަހަރެމެން މާޔޫސްވި. އޭނާ ޑިމާންޑްކުރީ 20،000ރ. ދޭން ފޯނު ރިސޯޓަށް ގެންގޮސްދޭ މަތިން. އެ ގޮތަށް ޑިމާންޑްކުރީ އޭނާ ރިސޯޓާ 60 ކިލޯމީޓަރު ދުރުގައި ހުރި ކަމަށް ބުނެ،" ޝާލީން ބުންޏެވެ.

20،000ރ. ދޭން ޑިމާންޑްކުރި ވާހަކަ ދޮގުކުރި

އެ މީހާ އެގޮތަށް ޑިމާންޑުކުރުމުން ރިސޯޓުގައި މަސައްކަތް ކުރާ ދިވެއްސަކު ލައްވައި އޭނާއާ މުއަމާލާތްކުރަން ފެށި ކަމަށް ޝާލީން ބުންޏެވެ. އެކަން ކޮށްދިނީ އެ ރިސޯޓުގެ ފްރޮންޓް ޑެސްކުގެ ސުޕަވައިޒަރު، އައްސަން ކަމަށް ބުންޏެވެ.

"އައްސަން މެދުވެރިކޮށް އޭނާއާ ވާހަކަ ދެއްކުމުން 20،000ރ. ދޭން ޑިމާންޑްކުރި ވާހަކަ އޭނާ ދޮގުކުރި،" ޝާލީން ބުންޏެވެ.

އޭރު ރާއްޖޭގެ "ލޮސްޓް އެންޑް ފައުންޑް" ފޭސްބުކް ޕޭޖެއްގައި އެ ފޯނުގެ ވެރިފަރާތް ހޯދަން ޕޯސްޓުކޮށްފައި އޮތެވެ. އަދި އައްސަންގެ އިރުޝާދުގެ މަތިން އެ މީހުން ދެން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރި ކަމަށް ބުންޏެވެ. ޝާލީން ބުނި ގޮތުގައި، ފައިސާ ދޭން ޑިމާންޑްކުރި ވާހަކަ އެ ފޯނު ހޯދި މީހާ ދޮގުކުރީ ފުލުހުން އޭނާއަށް ގުޅުމުންނެވެ.

އެ ފޯނު ނުލިބެނީސް އޭނާ އަނބުރާ ގައުމަށް ދާން ފުރަން ޖެހުމުން ފޯނު ހޯދައިދިނުމުގެ ހުރިހާ ކަމަކާ ހަވާލުވީ އައްސަން ކަމަށް ބުންޏެވެ.

ގެއްލުނު ފޯނު ޑީއެޗްއެލް މެދުވެރިކޮށް ސިންގަޕޫރަށް ފޮނުވަން ޕެކުކޮށްފައި.

ގެއްލުނު ފޯނު ޑީއެޗްއެލް މެދުވެރިކޮށް ސިންގަޕޫރަށް ފޮނުވަން ޕެކުކޮށްފައި.

"ފޯނު ހޯދި މީހާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކުން ފޯނު ބަރާބަރަށް މަސައްކަތްކުރާކަން އެނގުނު. އެހެންވެ، ފޯނު އަނބުރާ ހޯދަން ބޭނުންވީ، އޭގައި އަހަރެންގެ ވަރަށް ބައިވަރު މުހިންމު މައުލޫމާތުތައް ވެސް ހުންނާނެތީވެ،" އޭނާ ބުންޏެވެ.

އެންމެ ފަހުން އެ ފޯނު ހޯދި މީހާއަށް "އެކަށީގެންވާ އަދަދަކަށް ފައިސާ" ދިނުމުން، ރިސޯޓަށް ފޯނު ގެންގޮސްދިން ކަމަށް އޭނާ ބުންޏެވެ.

ރިސޯޓަށް ފޯނު ލިބުމުން ޑީއެޗްއެލްގެ އިންޓަނޭޝަނަލް ޑެލިވަރީ ހިދުމަތް މެދުވެރިކޮށް، އެ ފޯނު ސިންގަޕޫރަށް ފޮނުވި އެވެ. ޝާލީންއަށް ފޯނު ލިބުނީ މި މަހު 18 ގަ އެވެ.

ޝާލިން ބުނިގޮތުގައި އޭނާގެ ފޯނު މޫދަށް ގެއްލުމުން، "ގެއްލޭ މަތިންދާބޯޓުތައް ނުފެންނައިރު، ފޯނެއް ނުފެންނާނެޔޭ" ބުނެ ބައެއް މީހުން މަލާމަތް ވެސް ކުރި އެވެ.

"ވޯޓާ ޕްރޫފް ޕްލާސްޓިކް ކަވަރު މަސައްކަތްކުރާކަން ވެސް ޔަގީންވެއްޖެ،" އޭނާ ބުންޏެވެ.