Roadha Mihaaru
އައިފޯން 15 ހޫނުވާ ސަބަބު އެޕަލް އިން ކިޔައިދީފި

އައިފޯން 15 މާބޮޑަށް ހޫނުވާ ސަބަބު އެޕަލް އިން ކިޔައިދީފި

03 އޮކްޓޯބަރ 2023

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯންތައް މާބޮޑަށް ހޫނުވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެކަމުގެ ސަބަބު އެޕަލް އިން ކިޔައިދީފި އެވެ.

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯންތައް މާބޮޑަށް ހޫނުވާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެކަމުގެ ސަބަބު އެޕަލް އިން ކިޔައިދީފި އެވެ.

އެޕަލް އިން ބުނީ މިދިޔަ މަހު ނެރުނު އައިފޯން 15 ހޫނުވާ މައްސަލަ ދިމާވަނީ ފޯނުގެ އޮޕަރޭޓިން ސިސްޓަމްގައި އުޅޭ ބަގެއްގެ ސަބަބުންނާއި އިންސްޓަގްރާމް ފަދަ ބައެއް އެޕްތައް އާ އޮޕަރޭޓިން ސިސްޓަމަށް ފައްތަން ގެންނަ އަޕްޑޭޓްތަކުގެ ސަބަބުން ކަމަށެވެ.

އެޕަލް އިން ބުނީ އެޕަލްގެ އެންމެ ފަހުގެ އޯއެސް [އައިއޯއެސް 17] އަށް އަޕްޑޭޓްކުރާއިރު ބަގެއްގެ މައްސަލަ ދިމާވާ ކަމަށެވެ. މީގެ އިތުރުން ތާޑް ޕާޓީ ބައެއް އެޕްތަކަށް އައިއޯއެސް 17 އާ އެކު ގެނައި ބަދަލުތަކެއްގެ ސަަބަބުން ސިސްޓަމް އޯވަލޯޑްވާ ކަމަށް ވެސް ބުންޏެވެ.

އައިފޯނަކީ ސެޓަޕް ހަދާއިރު އަދި ބެކަޕް ނަގާއިރު ވަރަށް ބޮޑަށް ހޫނުވާ ޑިވައިސްއެކެވެ. މިއީ އެ ކަންކަމަށް ފޯނުގެ ޕްރޮސެސިން އިތުރުވުމާއި ގިނައިރު ފޯނު މަސައްކަތްކުރުމުން ވާ ގޮތެކެވެ. އެކަމަކު އައިފޯން ބޭނުންކުރާ މީހުން ބުނަނީ އައިފޯން 15 ގައި މި މައްސަލަ ވަރަށް ބޮޑު ކަމަށެވެ.

އެޕަލް އިން ބުނީ އައިފޯން 15 ފުރަތަމަ ބޭނުންކުރަން ފަށާތާ ދެތިން ދުވަހު ފޯނު ހޫނުކޮށް އޮވެދާނެ ކަމަށާއި އެއީ ފޯނުގެ ބެކްގްރައުންޑް އެކްޓިވިޓީތައް ގިނަވުމުން ކަމަށެވެ. އެކަމަކު ފޯނާއި އެޕްތަކުގެ އަޕްޑޭޓްތައް ހަމަޔަކަށް އެޅުމުން ހޫނުގެ މައްސަލަ ހައްލުވާނެ ކަމަށް ބުންޏެވެ.

"މިހާރު ވަނީ ވާންޖެހޭ ވަރަށް ވުރެ ބޮޑަށް ފޯނު ހޫނުވާ މައްސަލަ ދެތިން ކަމެއް ދެނެގެންފައި،" އެޕަލް އިން ބުންޏެވެ.

އައިއޯއެސްގެ ބަގްގެ އިތުރުން ފޯނުގެ ހޫނުކަން އިތުރުވާ އަނެއް ސަބަބެއްގެ ގޮތުގައި އެޕަލް އިން ފާހަގަކުރި އެޕްތަކަކީ އިންސްޓަގްރާމް، އޫބާ އަދި ވީޑިއޯ ގޭމް އަސްފަލްޓް 9 އެވެ.

އިންސްޓަގްރާމުން މިދިޔަ ހަފްތާގައި ވަނީ މައްސަލަ ހައްލުކޮށްފަ އެވެ.

އެޕަލް އިން ބުނީ ފޯނު ހޫނުވަނީ މިފަހަރު އަލަށް ބޭނުންކުރަން ފެށި ޓައިޓޭނިއަމް ކޭސިންގެ ސަބަބުން ނޫން ކަމަށެވެ. މިއީ އައިފޯންގައި އަލަށް ބޭނުންކުރަން ފެށި ޔޫއެސްބީ ސީ ޕޯޓްގެ ސަބަބުން ދިމާވާ ކަމެއްގެ ގޮތުގައި ބައެއް މީހުން ބުންޏަސް އެޕަލް އިން ބުނީ އެކަމާ މި މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މި ހޫނުގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށާއި ފޯނުގެ އުމުރަށް ވެސް މިކަމުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ބުންޏެވެ. -- ބީބީސީ