Roadha Mihaaru
ބެންޒެމާގެ ވާހަކަ ދައްކަން ޑިޝޯމްޕްސް ބޭނުމެއް ނުވި

ބެންޒެމާގެ ވާހަކަ ދައްކަން ޑިޝޯމްޕްސް ބޭނުމެއް ނުވި

30 ނޮވެމްބަރ 2022

ދޯހާ (ނޮވެމްބަރު 30) - އަނިޔާގެ ސަބަބުން ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ވަކިވެ ޗުއްޓީއެއްގައި ހުރި ފޯވާޑް ކަރީމް ބެންޒެމާ ގެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެހުމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ހިތްހަމަ ނުޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދޯހާ (ނޮވެމްބަރު 30) - އަނިޔާގެ ސަބަބުން ފްރާންސްގެ ވޯލްޑް ކަޕް ސްކޮޑުން ވަކިވެ ޗުއްޓީއެއްގައި ހުރި ފޯވާޑް ކަރީމް ބެންޒެމާ ގެ ވާހަކަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އެހުމުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ހިތްހަމަ ނުޖެހިއްޖެ އެވެ.

ވޯލްޑް ކަޕް ފެށެން ކައިރި ވެފައިވަނިކޮށް ރެއާލް މެޑްރިޑުގެ ބެންޒެމާ އަށް އަނިޔާވުމުން އޭރު ޑިޝޯމްޕްސް ބުނީ އޭނާ އަށް ދެން މުބާރާތުގައި ނުކުޅެވޭނެ ކަމަށެވެ. އެކަމަކު އޭނާ މިހާރު ފިޓްވެފައިވާތީ އަލުން ސްކޮޑުގައި ހިމަނަފާނެ ކަމަށް ވާހަކަތައް ދެކެވެ އެވެ.

އެހެން ނަމަވެސް އިއްޔެ ފެނުނީ އޭނާ ރިޔޫނިއަން އައިލެންޑްސްގައި ޗުއްޓީ ހޭދަކުރަން ގޮސް ހުއްޓަ އެވެ. އެހެންވެ ނޫސްވެރިން ވަނީ ޑިޝޯމްޕްސް ކުރެން އެ ސުވާލު އަހައިފަ އެވެ.

"ތި މަސައްކަތް ކުރަނީ އަހަރެންގެ ކަރުތެރެއަށް އަތް ބާނައިގެން ނަމަވެސް ވާހަކަ ހޯދަން. އެކަމަކު ތި ވާހަކަތައް އަހަރެންގެ ސިކުނޑީގައެއް ނެތް. އަހަރެންނަކަށް ނޭނގޭ ކާކު ކޮންތާކު ކިހިނެއް ކީކޭ ކިޔަނީ ކަމެއް،" ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ޓިއުނީޝިއާއާ ދެކޮޅަށް ފްރާންސް ނުކުތުމުގެ ކުރިން ބެންޒެމާއާ ގުޅޭގޮތުން ސުވާލު ކުރުމުން ޑިޝޯމްޕްސް ބުންޏެވެ.

ޓިއުނީޝިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ގައި ފްރާންސްގެ ކޯޗު ޑިޝޯމްޕްސް.-- ފޮޓޯ: އޭއެފްޕީ

ޓިއުނީޝިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ޕްރެސް ގައި ފްރާންސްގެ ކޯޗު ޑިޝޯމްޕްސް.-- ފޮޓޯ: އޭއެފްޕީ

"ޓީމު ދޫކޮށް ދިޔަ ފަހުން ވެސް އަހަރެން ކަރީމް (ބެންޒެމާ) އާ ވާހަކަ ދެއްކިން. ތި އެންމެންނަށް ވެސް އެނގޭނެ އޭނާގެ ހާލަތު، އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭ މުއްދަތު ވެސް އޮޅިފައެއް ނޯންނާނެ. އަހަރެންގެ ފޯކަސް ހުރީ ޓީމާ އެކު މިތާ ތިބި 24 ކުޅުންތެރިންނަށް."

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަނުން ހާމަކުރި ގޮތުގައި ބެންޒެމާގެ އަނިޔާއިން ރަނގަޅުވާން ތިން ހަފްތާއެއް ވަރު ނަގާނެ ކަމަށެވެ. އޭނާ އަކީ އަދިވެސް ފްރާންސްގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. އަނިޔާއަށް ފަހު ވެސް ޑިޝޯމްޕްސް އޭނާ ޓީމުން އުނިކޮށް، އިތުރު ކުޅުންތެރިއަކު ނަގައިފައެއް ނުވެ އެވެ. އޭގެ ސަބަބުން ވޯލްޑް ކަޕް ގައި ކުރިއަށް ދާ ވަރަކުން މުބާރާތުގެ ފަހު ކޮޅުގައި އޭނާ ފިޓް ވެގެން ޓީމުގައި ހިމެނުމުގެ ފުރުސަތު އެބަ އޮތެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވަނީ ގުރޫޕް ޑީ ގައި އޮސްޓްރޭލިއާ އާއި ޑެންމާކް ބަލިކޮށް، ދެ ވަނަ ބުރުގެ ޖާގަ ޔަގީން ކޮށްފަ އެވެ. އަދި މިރޭގެ މެޗުގައި ޓިއުނީޝިއާއާ ދެކޮޅަށް އެއްވަރު ކޮށްލައިގެން ވެސް އެޓީމަށް ގުރޫޕުގެ އެއް ވަނަ ޔަގީން ކުރެވޭނެ އެވެ.

ދެ މެޗު ވެސް ކާމިޔާބު ކޮށްގެން ހަ ޕޮއިންޓާ އެކު ފްރާންސް ގުރޫޕްގެ އެއް ވަނައިގައި އޮތް އިރު، ދެވަނައިގައި އޮތީ އޮސްޓްރޭލިއާ އެވެ. ޑެންމާކާއި ޓިއުނީޝިއާ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ޕޮއިންޓަކާ އެކު ފުލުގައި އޮތް ޓިއުނީޝިއާ އަށް މިރޭ ބޮޑު ތަފާތަކުން ފްރާންސް ބަލިކޮށްގެން ދެ ވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އެއީ މި ގުރޫޕުގައި ދެން އޮތް އޮސްޓްރޭލިއާ އާއި ޑެންމާކް ބައްދަލުކުރާ މެޗުން އޮސްޓްރޭލިއާ އަށް މޮޅު ނުވެވިއްޖެ ނަމަ އެވެ.

ޓިއުނީޝިއާ އަށް މި ވޯލްޑް ކަޕް ގައި މިހާތަނަށް ގޯލެއް ޖެހިފައި ނުވެ އެވެ. ނަމަވެސް އެޓީމުގެ ކޯޗު ޖަލީލް ކަދްރީ ބުނީ، މި އަހަރުގެ ވޯލްޑް ކަޕް ގައި ކަން ހިނގާ ގޮތަށް ބަލާއިރު، މަސައްކަތް ކޮށްފި ނަމަ އަދިވެސް ޓިއުނީޝިއާ އަށް ފުރުސަތު ނުގެއްލޭ ކަމަށެވެ.

ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރެވެ. އަދި ޑެންމާކާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗު ވެސް ކުޅޭނީ ހަމަ އެ ގަޑީގަ އެވެ.