Roadha Mihaaru
ޑިޝޯމްޕްސް ދޮގުވެރިއެއްގެ ގޮތުގައި ބެންޒެމާ ސިފަކޮށްފި

ޑިޝޯމްޕްސް އަކީ ދޮގުވެރިއެއްގެ ގޮތުގައި ބެންޒެމާ ސިފަކޮށްފި

12 މާޗް 2023

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ތެރޭގައި އޭނާ އަށް ލިބުނު އަނިޔާއާ ބެހޭގޮތުން ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އެ ގައުމުގެ "ލެ ޕާރިސިއަން" އަށް ދިން އިންޓަވިއު ގައި ދޮގު ހަދާފައި ވާކަމަށް ކަރީމް ބެންޒެމާ ތުހުމަތު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ތެރޭގައި އޭނާ އަށް ލިބުނު އަނިޔާއާ ބެހޭގޮތުން ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އެ ގައުމުގެ "ލެ ޕާރިސިއަން" އަށް ދިން އިންޓަވިއު ގައި ދޮގު ހަދާފައި ވާކަމަށް ކަރީމް ބެންޒެމާ ތުހުމަތު ކޮށްފި އެވެ.

ވޯލްޑް ކަޕުގައި ފްރާންސް ކުޅެން އޮތް ފުރަތަމަ މެޗުގެ ކުރިން ފަރިތަކުރުންތަކުގައި ބެންޒެމާ އަށް އަނިޔާ ވެގެން އޭނާ ސްކޮޑުން އުނި ނުކުރި ނަމަވެސް ވަނީ ގަތަރު ކޭމްޕުން ފޮނުވާލައިފަ އެވެ. އެކަމަކު ބެންޒެމާގެ ލީގަލް ރެޕްރެޒެންޓޭޓިވް ކަރީން ޖަޒީރީ ވަނީ އޭނާ ނޮކައުޓް ބުރުގެ މެޗުތަކަށް ފިޓް ވާނެކަން އަންގައިފަ އެވެ.

ޑިޝޯމްޕްސް ދިން އިންޓަވިއު ގައި ބުނެފައި ވަނީ އޭނާ ޓީމު ދޫކޮށް ދިޔައީ އަމިއްލައަށް ކަމަށާއި، ގަތަރު ދޫކޮށް ދާން ބެންޒެމާ ގާތުގައި ބުނެފައި ނުވާނެ ކަމަށެވެ.

"ކަރީމް [ބެންޒެމާ] އަށް ހަގީގަތް އެނގޭނެ. އޭނާ އަހަރެމެންނާ ގުޅުނީ ކްލަބް ފުޓުބޯޅައާ ކުޑަ ދުވަސްކޮޅަކަށް ދުރުގައި ހުރެ ނޮވެމްބަރު 14 ގައި. އޭނާ ފުލް ޓްރެއިނިން އަށް އައީ އިންޑިވިޖުއަލް ޓްރޭނިންތަކަކަށް ފަހު. [ފުރަތަމަ މެޗުގައި] އޮސްޓްރޭލިއާ އާ ދެކޮޅަށް އޭނާ ފިޓް ވާނެ ކަމަށް އަހަރެން އުންމީދެއް ނުކުރަން، ރަފައެލް [ވަރާން] ގޮތަށް،" ޑިޝޯމްޕްސް ބުނެފައިވެ އެވެ.

"ކަރީމް އަށް އަނިޔާ ވުމުން އަހަރެމެންގެ ޓީމް ޑޮކްޓަރު އޭނާއާ އެކު ކްލިނިކަށް ދިޔައީ އެމްއާރުއައި ހަދަން. އެކަމަކު ކަރީމް ރިޕޯޓްތައް ދެއްކީ ރެއާލް މެޑްރިޑްގެ މެޑިކަލް މީހަކަށް، އޭނާ ކަރީމް އަށް ލަފާ ދިނީ ވެސް. އޭނާ އެނބުރި ހޮޓަލަށް އައި އިރު ރޭގަނޑު މެންދަން ވެއްޖެ. އަހަރެން ކަރީމްގެ ކޮޓަރިއަށް ދިޔައިން ޑޮކްޓަރާ އެކު، ޑޮކްޓަރު އަހަރެންނަށް ސްކޭން ގައި ވާނުވާ ކިޔައިދިނީ."

ޑިޝޯމްޕްސް އިތުރަށް ބުނެފައި ވަނީ އޭނާ ބެންޒެމާ އާއެކު ވިއްސަކަށް މިނިޓު މަޑުކުރި ކަމަށާއި ޓީމު މެނޭޖަރާ އެކު އޭނާގެ އެނބުރި އައުމުގެ ކަންކަމަށް މަސައްކަތް ކުރަން ބުނި ކަމަށެވެ. ނަމަވެސް ހެނދުނު ހޭލި އިރު ބެންޒެމާ ކޭމްޕުގައި ނެތް ކަމަށާއި ޓީމު ދޫކޮށް ދިޔުން އެއީ އޭނާގެ އަމިއްލަ ނިންމުނަ ކަމަށެވެ.

ބެންޒެމާގެ އިންސްޓަގްރާމް ސްޓޯރީތަކުގެ ސްކްރީންޝޮޓެއް.

ބެންޒެމާގެ އިންސްޓަގްރާމް ސްޓޯރީތަކުގެ ސްކްރީންޝޮޓެއް.

މިއާ ގުޅިގެން ބެންޒެމާ ޖަވާބު ދިނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ ގަ އެވެ. އިންޓަވިއު އާ ގުޅުވައިގެން އެއް ޕޯސްޓުގައި ބެންޒެމާ ވަނީ ޖޯކަރު އިމޯޖީ އަކާ އެކު، "އެކަން ކުރަން ކެރުނީ ކިހިނެއް" ތޯ ސުވާލު އުފައްދައިފަ އެވެ. އަދި ދެން ކުރި ސްޓޯރީ ޕޯސްޓުގައި ބެންޒެމާ ވަނީ މީހަކު "ދޮގުވެރިއެއް! އާ ތިއީ ދޮގުވެރިއެއް، މޮޅު ދޮގުވެރިއެއް ތިއީ" ކިޔާ ވީޑިއޯ އެއް ހިއްސާ ކޮށްފަ އެވެ. އަދި ވީޑިއޯ ގައި އޭނާ ހިއްސާކުރި ލިޔުންކޮޅުގައި ވަނީ "ބިރުގެންފައި ހުރި ޑިޑިއޭ [ޑިޝޯމްޕްސް] އަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން،" މިހެންނެވެ.

ވޯލްޑް ކަޕަށް ފަހު ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފައި ވާއިރު، ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޑިޝޯމްޕްސްގެ ކޮންޓްރެކްޓް 2026 އާ ހަމައަށް އިތުރު ކޮށްފަ އެވެ.