Roadha Mihaaru
ވޯލްޑް ކަޕް މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް

ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލައްވަން ރައީސް ގަތަރަށް ވަޑައިގަންނަވަނީ

01 ޑިސެމްބަރ 2022

ގަތަރުގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ދެއްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަތަރުގައި މިހާރު ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވަތު ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވީ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ގަތަރުގެ އަމީރު ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އެ ގައުމަށް ރައީސް ވަޑައިގަންނަވާނީ ކޮން އިރަކު ކަމެއް އަދި ކޮން މެޗަކަށް ކަމެއް ވިދާޅެއް ނުވެ އެވެ.

"ފައިނަލް ނުވަތަ ސެމީ ފައިނަލްގެ މެޗަކަށް ވަޑައިގެންފާނެ. ސީދާ އަޅުގަނޑަށް ޔަގީންކަމާއެކު ދަންނަވާކަށް ނޭނގޭ. ގަތަރުގެ އަމީރުގެ ދައުވަތެއް ރައީސަށް ވަނީ ލިބިވަޑައިގެންފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ވޯލްޑް ކަޕްގެ މުބާރާތް ފެށުމާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާގައި ވިދާޅުވީ މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާފުޅު ކުރައްވާ ކަމަށާއި އެ މުބާރާތް ބޭއްވުމުގައި ގަތަރަށް ކުރިމަތިވި ގޮންޖެހުންތަކާއި ހިކުމަތްތެރިކަމާ އެކު ކުރިމަތިލީތަން ފެނުމުން ހިތްވަރު ލިބޭ ކަމަށެވެ.،

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި އެ މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ އުރީދޫން ވަނީ ވޯލްޑް ކަޕުގެ މެޗެއް ބައްލާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ރައީސަށް ކުރިން ދައުވަތު ދީފަ އެވެ.