Roadha Mihaaru
ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ވަޑައިގަންނަވަަނީ

ގުޅުން ގާއިމްކުރަން ރައީސް ގަތަރަށް ވަޑައިގަންނަވަނީ

10 މާޗް 2021

ރާއްޖޭން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ގައުމާ އެކު އަލުން ގުޅުން ގާއިމްކުރުމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ އާދީއްތަ ދުވަހު އެގައުމަށް ވަޑައިގަަންނަވަން ނިންމަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭން ގަތަރާ ސިޔާސީ ގުޅުން ކަނޑާލާފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އެ ގައުމާ އެކު އަލުން ގުޅުން ގާއިމްކުރުމަށް ފަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންނަ އާދީއްތަ ދުވަހު އެގައުމަށް ވަޑައިގަަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހު ރަަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށާއި އެއީ އެ ގައުމާ އެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރުން ފާހަގަ ކުރައްވަން ކަމަށެވެ. އެ ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގަތަރާ އަލުން ގުޅުން ގާއިމްކުރަން ސަރުކާރުން ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު ރާއްޖޭން ގަތަރާ ގުޅުން ކަނޑާލީ ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ އެކުވެރި ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމުންނެވެ. ގަތަރާ އަލުން ގުޅުން ގާއިމްކުރަން، ޖެނުއަރީ މަހު، މިހާރުގެ ސަރުކާރުން ނިންމީ ވެސް ސައުދީން އަލުން ގަތަރާ އެކު ގުޅުން ގާއިމްކުރުމުންނެވެ.

ގަތަރާއި އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމު ކުރުމަކީ ވެރިކަމަށް ވަޑައިގަންނަވަން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކެމްޕެއިންގެ ރިޔާސީ ވައުދެކެވެ.

ގަތަރާ އެކު އަލުން ގުޅުން ގާއިމުކުރަން ރާއްޖެ އިން ނިންމިކަން އިއުލާން ކުރައްވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭރު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ގަލްފު ސަމިޓަށް ފަހު، ގައުމުތަކުން އެއްބަސްވި އެއްބަސްވުންތަކަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ.

ގަތަރާ އެކު، ރާއްޖެ އިން ގާއިމުކޮށްފައިވާ ސިޔާސީ ގުޅުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑާލީ ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ބުނެ އެވެ. ނަމަވެސް އެ ނިންމުން އޭރު އައީ ޔާމީންގެ ސަރުކާރާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ސައޫދީން އިސްވެ، ގަތަރާ ގުޅުން ކަނޑާލުމާ އެކު އެވެ. އެ ލިސްޓުގައި ރާއްޖޭގެ އިތުރުން ޔޫއޭއީ، ބަހްރެއިން އަދި މިސްރު ހިމެނެ އެވެ.