Roadha Mihaaru
އިގުތިސޯދު ދަމަހައްޓަން އެއްބާރުލުން ދޭން އެދިއްޖެ

އިގުތިސޯދު ދަމަހައްޓަން ރިސޯޓުތަކުގެ އެއްބާރުލުމަށް ސަރުކާރުން އެދިއްޖެ

01 ޑިސެމްބަރ 2022

ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ނަގާ ޓެކްސް ބޮޑުކުރިއަސް އެ ތަންތަނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ސަރުކާރުން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓޫރިޒަމް ހިދުމަތްދޭ ތަންތަނުން ނަގާ ޓެކްސް ބޮޑުކުރިއަސް އެ ތަންތަނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް ސަރުކާރުން މިއަދު އެދިއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރީ ކަމާބެހޭ ފަރާތްތަކާއި އިދާރާތައް އަދި ޓޫރިޒަމް ދާއިރާގެ ބޭފުޅުންނާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ކަމާގުޅޭ ފަރާތްތަކާއެކު ދިޔައީ އޭގެ ބައްދަލުވުންތައް ބާއްވަމުން ކަމަށާއި އެއީ ކުއްލިއަކަށް ގެނައި ބަދަލެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އަންނަ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ނިންމުމުން ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ލަފާކުރާ ގޮތުގައި ޓީޖީއެސްޓީ ބޮޑުކުރުމުން 50-100 މިލިއަން ޑޮލަރު ގެއްލުން ލިބޭނެ އެވެ.

ޓޫރިޒަމް ދާއިރާގެ ގިނަ އަދަދެއްގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ހިމެނޭ މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނީ، ޓީޖީއެސްޓީ ބޮޑުކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، ޓެކްސް ބޮޑު ކުރުމުން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ބުކިންތައް ކެންސަލްވުން އިތުރުވާނެ އެވެ. އެއާއެކު، ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަނަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުންޏެވެ.

އެކަމަކު، މިއުވާން ވިދާޅުވީ ޓެކްސް ރޭޓަށް ބަދަލު ގެނައުމުން އިގުތިސޯދަށް ނުވަތަ އެކި ދާއިރާތަކަށް ކުރާނެ އަސަރުތައް ބެލުމަށް އިމްޕެކްޓް އެސެސްމަންޓް ހެދި ކަމަށެވެ. އެ އެސެސްމަންޓުތަކުން ދެއްކީ ޓޫރިޒަމް ދާއިރާއަށް ގެއްލުމެއް ނުލިބޭނެ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޖުމްލަކޮށް ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން ނޭދެވޭ އަސަރެއް ނުކުރާނެ،" ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ތެރޭގައި ރިސޯޓުތައް ބަންދުކުރުމުން އެ ދާއިރާ އަށް ސަރުކާރުން އެހީތެރިކަމާއި ލުއިތަކެއް ދިނެވެ. އޭގެ ތެރޭގައި، ރިސޯޓުތަކުގެ ބިމު ކުލި އަދި މުވައްޒަފުންނަށް އިންމަކް ސަޕޯޓު ދިނުން ހިމެނެ އެވެ.

ޓޫރިޒަމް ޕްރޮމޯޓުކުރަން ރިސޯޓުތަކާއެކު އެމްއެމްޕީއާރުސީން ވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި ކޮވިޑުގެ ކުރީގެ ހާލަތަށް ޓޫރިޒަމް އިއާދަވިއިރު އެ އިންޑަސްޓްރީއާ ގުޅިގެން ސަރުކާރުން ކަންކަން ކޮށްފައިވާ ކަން މިއުވާން ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މިއުވާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މިއުވާން ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ތަނުގައި ވެސް އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑަސްޓްރީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިއުވާން ވިދާޅުވެ، އޭނާ ވަނީ އިގުތިސޯދު ދަމަހައްޓަން ކުރަންޖެހޭ މަސައްކަތްތަކުގައި ރިސޯޓުތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް އިގުތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް ޓޫރިޒަމް އިންޑަސްޓްރީއަށް ވެސް އެހެން އިންޑަސްޓްރީތަކަށް ވެސް ބޭނުންވާ އެހީތެރިކަން [ސަރުކާރުން] ފޯރުކޮށްދޭނެ. އެއާއެކު ފާހަގަކޮށްލަން، ފަތުރުވެރިކަމުގެ ދާއިރާ އިން މި އިގުތިސޯދީ ހާލަތު މި ވަގުތަށް އޮތް ގޮތަށް ގެނައުމަށް ފަތުރުވެރިކަމުގެ އިންޑަސްޓްރީން މި ފޯރުކޮށްދިން އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ،" މިއުވާން ވިދާޅުވި އެވެ.

"އެކަމުގައި ދެއްވި އެއްބާރުލުން މި ކަމުގައި ވެސް ދެއްވާ، އިގުތިސޯދު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެ ބޭފުޅުން އެއްބާރުލުން ދެއްވުމަށް އަޅުގަނޑުމެން އެދެން."

ޓެކްސް ރޭޓަށް ބަދަލު ގެންނަން ޖެހޭކަން އައިއެމްއެފާއި ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުތަކުގައި ވެސް ބުނެފައި ވެ އެވެ.

މިއުވާން ވިދާޅުވީ ޓެކްސް ރޭޓަށް ގެނައި ބަދަލަކީ ރާއްޖޭގެ އިގުތިސޯދު މެނޭޖުކުރަން އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަދި ރާއްޖޭގެ ތަޖުރިބާކާރުން ވެސް ފާހަގަކުރައްވާ ކަމަށެވެ.