Roadha Mihaaru

ކުދި ރަށްރަށުގެ ފެނާއި ނަރުދަމާ އެޅުމާ ދެކޮޅަށް ނަޝީދު ދެއްކެވި ވާހަކައަށް ފާޑުކިއުން!

ކުދި ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުން ފަދަ ކަންކަމުގެ ބަދަލުގައި ބޮޑެތި ރަށްރަށުގެ ބޯހިޔާވަހިކަމަށް ބަޖެޓުން ހޭދަކުރުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ކުދި ރަށްރަށާ ގުޅުވައި ދެއްކެވި ވާހަކައަށް ފާޑުކިއުން!
އާސިމާ ނިޒާރު
އާސިމާ ނިޒާރު

04 ޑިސެމްބަރ 2022

ކުދި ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުން ފަދަ ކަންކަމުގެ ބަދަލުގައި ބޮޑެތި ރަށްރަށުގެ ބޯހިޔާވަހިކަމަށް ބަޖެޓުން ހޭދަކުރުން މާ ރަނގަޅު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ފާޑުކިއުން އަމާޒުވެއްޖެ އެވެ.

ގދ. ތިނަދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ނަޝީދު ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ފަހު، އާއްމުންގެ މީހެއްގެ ސުވާލާ ގުޅިގެން ނަޝީދު ވިދާޅުވީ ބައެއް ފަހަރު، ކޮންމެހެން ކުރަން ނުޖެހޭ އެތައް ކަމެއް ސަރުކާރުން ކުރާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާގައި 90 ޕަސެންޓް މީހުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ލިބެ އެވެ. ރާއްޖޭގައި ވެސް 47 ރަށުގައި ނަރުދަމާ އެޅުމުން އެ މިންވަރަށް ހިދުމަތް ލިބުނަސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަކީ ކުދިކުދި ރަށްރަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ރަށްރަށަށް ވެސް ގެންނަނީ އެއް ބާވަތެއްގެ ނިޒާމެއް. މުޅި ރަށް ކޮނެފައި، މުޅި ރަށުގައި ހޮޅި އަޅާފައި، ހަމަ މި އެއް އުސޫލެއް މި ގެންގުޅެނީ. އެހެންވީމަ، ނަރުދަމާގެ ނިޒާމެއް 60 މީހުން ދިރިއުޅޭ ރަށެއްގައި ހަދަން އެބަ ދޭ 69 މިލިއަން ރުފިޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވަނީ ކުދި ރަށްރަށުގައި ފެނާއި ނަރުދަމާއަށް އެ ފައިސާ ހަރަދުކުރުމުގެ ބަދަލުގައި މީހުން ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމަށް އަދި އާމްދަނީ ލިބޭ އިތުރު މަޝްރޫއުތަކަށް އެކަންކަން ހަރަދުކުރަމުން ދިއުމެވެ.

ގދ. އަތޮޅުގައި އާބާދީ ބޮޑު ތިނަދޫގައި ހުންނަވައި ކުދި ރަށްރަށާ ގުޅޭ ގޮތުން ދެއްކެވި ވާހަކައާ މެދު ހިތްހަމަނުޖެހުނު މީހުން ސިފަކުރީ އެއީ ތަފާތު ކުރުމުގެ ވާހަކައެއް ކަމަށެވެ. އެއީ ބޮޑެތި އާބާދީތަކުގެ ވޯޓަށް ބައްލަވައި ދެއްކެވި ވާހަކައެއް ކަމަށް ވެސް ސޯޝަލް މީޑިއާގައި އެ ވާހަކަފުޅާ ދެކޮޅަށް ހިޔާލުފާޅުކުރި މީހުން ލިއެފައިވެ އެވެ.

ވޯޓު ވެއްޖިއްޔާ ކުދި ރަށްރަށް ވެސް އޯކޭ.-- ނަންނަ ވަހީދުގެ ނަމުގައި ކުރި ޓްވީޓުގައި ބުންޏެވެ.

"ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެކަމަކު ދެކޮޅު ނުޖެހޭ ވާހަކަ ވެސް ދައްކައިގެން ނުވާނެ. އެންމެންގެ ރުހުން ހޯދާކަށް. ކުޑަ ރަށެއް ބޮޑު ރަށެއް ބަލާނުލައި މަސައްކަތް ކުރާނަމެކޭ ބުނުމަކީ "އެއެއް މިއެއް ބަލައި ނުލާ އުޅެ ގަންނާނަމޭ ބުނާ ގޮތަށް ބުނެވޭ ކަމެއްގެ ގޮތުގައި،"

ބޯހިޔާވަހިކަން ތިނަދުއަށް ބޭނުންވާ ކަމަށާއި ފާއިތުވި ހަތަރު އަހަރު އެކަން ނުވެ އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކައާ ގުޅިގެން ސޯޝަލް މީޑިއާގައި އެ މަނިކުފާނަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އެއް ބަޔަކު އުފެއްދި ސުވާލަކީ އެމްޑީޕީ ޕްރައިމަރީގައި ކުދި ރަށްރަށުގެ މީހުންގެ ވޯޓު ބޭނުން ނުވަނީ ހެއްޔެވެ؟

"ވޯޓު ވެއްޖިއްޔާ ކުދި ރަށްރަށް ވެސް އޯކޭ." ނަންނަ ވަހީދުގެ ނަމުގައި ކުރި ޓްވީޓުގައި ބުންޏެވެ.

ހަސަން ސައީދު ނަމަކަށް ކިޔާ މީހަކު ބުނީ ނަޝީދު މިފަދަ ކޮށި ވިސްނުމެއް ގެންގުޅެފާނެކަމަށް ނުދެކޭ ކަމަށެވެ. ކުޑަ ރަށްރަށުގައި ވެސް ދިރިއުޅެނީ ހަމަ ދިވެހި ރައްޔިތުން ކަމަށާއި އެ މީހުންނަށް ވެސް އަސާސީ ކަންކަން ފޯރުކޮށްދޭން ވާނެ ނޫންތޯ އޭނާ ސުވާލު އުފެއްދި އެވެ.

"ހަމަހަމަކަން ކޮބައިތޯ ރައީސް. ކުޑަވިޔަސް އަސާސީ ހައްގެއް ނޫންތޯ." މައުމޫން އިބްރާހިމްގެ ޓްވީޓުގައިވެ އެވެ.

ސަރުކާރުގެ ރައްދު: ސިޔާސަތަކީ ތަފާތު ނުކުރުން

ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ނުކުރުން ކަމަށެވެ. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަކީ ރަށުގެ ސައިޒަށް ބަލައިގެން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނޫން ކަމަށެވެ.

"ލ. ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވިދާޅުވެފައިވާނެ ރައްޔިތަކަށްވީތީ ވަކި ތަފާތެއްނެތި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން ވިސްނަން ޖެހޭނެކަމަށް. އެއީ، ކޮންމެ ރަށެއްގައި އުޅުނަސް ކޮންމެ ސިޓީއެއްގައި އުޅުނަސް ކޮންމެ ގެއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއްކަމަށް. އޭގެތެރޭގައި ފެނާއި ނަރުދަމާ ހަމަހަމަކޮށް ލިބުމާއި ދަރިންނަށް ތައުލީމު ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސް ގަބޫލުކުރައްވާ ގޮތުގައި ދެންހުރި ކަންތައްތައް ތަރުތީބުވާންޖެހޭނީ އޭގެ ފަހުންނެވެ.

"ނަރުދަމާ ނާޅައި، ބޭސް ފަރުވާ ފޯރުކޮށްނުދީ، ތައުލީމު ލިބޭނެ މަގެއް ނެތި އަޅާ ފްލެޓްތަކެއްގައި އުޅޭނީ ކިހިނެއްތޯ؟" އޭނާ ސުވާލު އުފެއްދެވި އެވެ.

ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްފަހު ދެން އިސްކަންދޭންޖެހޭނީ، ރައީސް މީގެ ކުރިން ވިދާޅުވި ވާހަކަފުޅުތަކަށް ހަވާލަދެއްވައި މިއުވާން ވިދާޅުވީ އެ އުފެދިފައި އޮންނަ ގޮތުން ކުޑަ ރަށަކާއި ބޮޑު ރަށަކާ ދޭތެރޭގައި ނޫނީ ގުދުރަތީ ގޮތުން ހުރި މައްސަލަތައް ހައްލު ކުރުމަށް ތަފާތުކުރަންޖެހޭ ތަފާތުކުރުންތައްކޮށް، ބަޖެޓް ސަޕޯޓްދިނުމެވެ.