Roadha Mihaaru
އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އީޔޫން ގޮވާލައިފި

އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް އީޔޫން ގޮވާލައިފި

04 ޑިސެމްބަރ 2022

އެންމެ 72 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ކުށެއް ނެތް 10 މީހުން ޝަހީދުކޮށްލައި، ގާޒާ އަށް ބޮން އަޅަން ފަށާފައިވާ އިރު، އެ ޖަރީމާތަކުގެ ފުރިހަމަ ތަހުގީގެއް ހިންގައި އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ވިލާތުގެ އިއްތިހާދުން ގޮވާލައިފި އެވެ.

އެންމެ 72 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ކުށެއް ނެތް 10 މީހުން ޝަހީދުކޮށްލައި، ގާޒާ އަށް ބޮން އަޅަން ފަށާފައިވާ އިރު، އެ ޖަރީމާތަކުގެ ފުރިހަމަ ތަހުގީގެއް ހިންގައި އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ވިލާތުގެ އިއްތިހާދުން ގޮވާލައިފި އެވެ.

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ވެރިޔާ ޖޯސެފް ބޮރެލް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި އެކަނިވެސް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވަނީ ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލާފައި. އިއްޔެ ފަލަސްތީނުގެ އައްމާރް މުފްލިހް ޝަހީދުކޮށްލި ހިތާމަވެރި ހާދިސާއަކީ މި އަނިޔާވެރިކަމުގެ އެންމެ ފަހު މިސާލު،" ބޮރެލްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"މިފަދަ ބަލައިނުގަނެވޭނެ ހަގީގަތްތައް ތަހުގީރުކުރެވެންޖެހޭނެ، އަދި އެކަންކަމާ ޖަވާބުދާރީ ކުރުވެން ޖެހޭނެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން، މީހަކު މަރުވެދާ ފަދަ ހަތިޔާރެއްގެ ބޭނުންކުރެވޭނީ، އެމީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ހާލަތެއްގައި."

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 10 މީހަކު ޝަހީދުކޮށްލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވާ އިރު، މިދިޔަ ހުކުރު ދުވަހު ޝަހީދުކޮށްލި އައްމާރް މުފްލިހް، 22،ގެ ގަޔަށް އިޒްރޭލު ސިފައިންގެ މީހަކު ފިސްތޯލަ ޖަހައި ޝަހީދުކޮށްލާ މަންޒަރު، ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ފުރިހަމަ އަށް ހަތިޔާރު އަޅައިގެން ހުރި އިޒްރޭލު ސިފައިންގެ މީހާ މަސައްކަތް ކުރީ އައްމާރު ހިފަހައްޓައި އޭނާގެ އަތުގައި ބިޑިއަޅުވާށެވެ. އެ ވަގުތު ފަލަސްތީނުގެ އިތުރު ދެމީހަކު އެ ދެމެދަށް ވަދެ ފަލަސްތީނުގެ ޒުވާނާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި އެވެ.

ނަމަވެސް އިޒްރޭލު ސިފައިންގެ މީހާ، އައްމާރުގެ ކަނދުރާއާ އެކު ކަރުގައި ހިފައި ދުރަށް ދަމައިގަންނަން މަސައްކަތް ކުރުމުން އައްމާރު ސަލާމަތް ވުމުގެ ގޮތުން އިޒްރޭލު ސިފައިންގެ މީހާގެ ގައިގައި ޖަހައި އޭނާގެ ބަޑީގައި ހިފައި ދަމައިގަންނަން މަސައްކަތް ކުރެ އެވެ. އެއާ އެކު ދެމީހުން ތަޅައިފޮޅައިގަތުމާ އެކު އިޒްރޭލު ސިފައިންގެ މީހާގެ ބަޑި ވިއްސައިގެން ގޮސް ވެއްޓެ އެވެ.

އެ ވަގުތު އިޒްރޭލު ސިފައިންގެ މީހާ އޭނާގެ އުނަގަނޑަށް ޖަހާފައި ހުރި ފިސްތޯލަ ނަގައި، އައްމާރުގެ ގަޔަށް ހަތަރު ވަޒަން ފޮނުވާލައި އައްމާރު ޝަހީދުކޮށްލަ އެވެ. އޭރު ވެސް، އެ ސަރަހައްދަށް އެއްވެ ތިބި މީހުން، އޭނާ މަރައިނުލުމަށް އެދި ހަޅޭއްލަވަމުން ދިޔަ އެވެ.

ހުޅަނގު އައްސޭރީގެ ނާބުލްސްގެ ދެކުނު އަވަށެއް ކަމަށްވާ ހުވާރާގައި ހިނގި މި ހާދިސާގައި، އައްމާރުގެ ގަޔަށް ފިސްތޯލަ ޖަހައި ޝަހީދުކޮށްލުމާއެކު، ހުޅަނގު އައްސޭރީގެ ބައެއް ސަހަރުތަކުގައި ވަނީ އިޒްރޭލާ ދެކޮޅަށް މުޒާހަރާތައް ފަށައިފަ އެވެ. އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުތުމަށް ސޯޝަލް މީޑިއާގައި ދަނީ ގޮވައިލަމުންނެވެ.

އައްމާރު ޝަހީދުކޮށްލި ހާދިސާއާ ވިދިގެން، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ލަޔަންސް ޑެންގެ ހަނގުރާމަވެރިން މިހާރު ގެންދަނީ އިޒްރޭލު ސިފައިންގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ. ލަޔަންސް ޑެން އަކީ ފަލަސްތީނުގެ ތަފާތު ޖަމާއަތްތައް ގުޅިގެން އެކުލަވައިލާފައި އޮންނަ ހަތިޔާރު އެޅި ޖަމާއަތެކެވެ.

އޭގެ އިތުރުން ރޭ އިރާކޮޅު އިޒްރޭލުގެ ދެކުނު ސަރަހައްދަށް ރޮކެޓް ހަމަލާއެއް އަމާޒުވުމާ ގުޅިގެން، އިޒްރޭލު ސިފައިން ރޭ ދަންވަރު ވަނީ ގާޒާ އަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. އިޒްރޭލު ސަރުކާރުން ބުނި ގޮތުގައި ރޭ ދަންވަރު ހަމަލާ ދިނީ ގާޒާގައި ހުރި ހަމާސްގެ ހަތިޔާރު ގުދަނަކަށާއި ހަމާސްގެ ހަނގުރާމަވެރިން ފިލަން ވަދެ އުޅޭ ބިންގަރާހަކަށެވެ.

މިހާރު ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން، އެ ސަރަހައްދުގެ އާންމު ހާލަތު ވަނީ ވަރަށް ނުރައްކާތެރި ދަރަޖައަކަށް ގޯސްވެފަ އެވެ. އިޒްރޭލުގެ އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް 2005 ވަނަ އަހަރު ފަލަސްތީނުގެ ރައްޔިތުން ހިންގި ހަށިފޮޅައިލުމުގެ ހަރަކާތް ނުވަތަ އިންތިފާދާ އަށް ފަހު، މިހިނގާ 2022 ވަނަ އަހަރަކީ، ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ލޭއޮހޮރުވުން އެންމެ ބޮޑު އަހަރެވެ.

މިއަހަރުގެ ތެރޭގައި، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގެ އިތުރުން ގާޒާގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 207 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.