Roadha Mihaaru
ސްކޭމްތައް ދުވާލަކު ތިން މައްސަލައިގެ ރޭޓުގައި!

ދުވާލަކަށް 3 ސްކޭމް، 23 މިލިއަން ރުފިޔާގެ ގެއްލުން!

05 ޑިސެމްބަރ 2022

މި އަހަރު މިހާތަނަށް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މި އަހަރު މިހާތަނަށް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކި ސްކޭމްތަކުން މީހުންނަށް އޮޅުވާލައިގެން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވާތީ އެކަމާ ގުޅިގެން މުއައްސަސާތައް އެއް ތަނެއްގައި މަޝްވަރާ ކުރުމަށް މިއަދު ފެށި ވޯކްޝޮޕު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަމީދު ވިދާޅުވީ، ސްކޭމްތަކުގެ މައްސަލައަކީ ރާއްޖޭގެ އިތުރުން މިހާރު މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

ޖިނާއީ އަދުލާ ގުޅޭ މުއައްސަސާތަކާއި ބައެއް ކުންފުނިތަކާ ވެސް އެކު ބާއްވާ އެ ވޯކްޝޮޕް ފައްޓަވަމުން ހަމީދު ވިދާޅުވީ ކޮވިޑް-19އާ ހެދި ލޮކްޑައުން ކުރި ދުވަސްވަރުން ފެށިގެން އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސްކޭމްގެ އެކި ކުށްކުރުން އިތުރުވަމުން ގޮސްފައިވާ ކަމަށެވެ.

"މުޅި ދުނިިޔެ އަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ދިވެހިރާއްޖެ އަށް ވެސް ފުރަބަންދުވި ވަގުތާ ދިމާކޮށް މިފަދަ މައްސަލަތައް ހިނގުން މުޅި ދުނިޔެއެކޭ އެއްގޮތަށް ދިވެހިރާއްޖޭގައި ވެސް އިތުރުވެގެން ގޮސްފައިވޭ،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި މި އަހަރުގެ މިހާތަނަށް ވެސް ފުލުހުންނަށް ސްކޭމިންގެ 998 މައްސަލައެއް ހުށަހަޅާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ސްކޭމްތަކުން 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ވެފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލަ ހުށަހަޅާފައިވާއިރު، އެއީ އެވްރެޖުކޮށް ދުވާލަކު ތިން މައްސަލަ އެވެ. އަދި މި އަހަރުގެ ފާއިތުވި 11 މަހަށް ބަލާ ނަމަ އެވްރެޖުކޮށް މަހަކަށް 90 މައްސަލަ އެވެ.

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަަދު މުހައްމަދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަަދު މުހައްމަދު -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި އަހަރު ސްކޭމްތަކުން ގެއްލިގެން ރިޕޯޓުކޮށްފައިވާ ޖުމްލަ ފައިސާ އަށް ބަލާއިރު އެވަރެޖުކޮށް ދުވާލަކަށް 68،000ރ. އާންމުން އަތުން ސްކޭމް އަށް ގެއްލެ އެވެ. އަދި އެއީ މަހެއްގެ މައްޗަށް އެވަރެޖުކޮށް ދެ މިލިއަން ރުފިޔާ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސްކޭމް ކޯލް އާއި އެކި ގޮތްގޮތުން އޮޅުވާލައިގެން މީހުން އަތުން ފައިސާ ނެގުމުގެ މައްސަލަތަކަށް ހައްލު ހޯދުމަކީ މިހާރު ފުލުހުން އިސްކަން ދޭ ކަންތައްތަކުގެ ތެރޭގައި ކަނޑައަޅާފައިވާ އެއް ކަންތަކެވެ.

ހަމީދު ވިދާޅުވީ، އިގްތިސާދީ ގޮތުން ވެސް ގައުމަށް ލިބޭ ބޮޑު ގެއްލުމަކަށްވާއިރު، އެކަމުން އިޖުތިމާއީ ގޮތުން ފަރުދުންނާއި ގައުމަށް ލިބޭ ގެއްލުމަކީ ހިސާބު އަކުރުން އަދަދުކުރެވޭނެ ދެރައެއް ނޫން ކަމަށެވެ.

ސްކޭމްތަކުގެ ތެރޭގައި މި ފަހަކަށް އައިސް އެންމެ ބޮޑަށް އާންމުވި އެއް ކަމަކީ މީހުންނަށް ގުޅައި ވާހަކަ ދައްކައިގެން އެ މީހުން އަތުން ގިނަ އަދަދުތަކުން ފައިސާ ހޯދުމެވެ. ޖެނުއަރީ 1، 2019 އިން ފެށިގެން މި އަހަރުގެ މެއި މަހުގެ ނިޔަލަށް ސްކޭމް ކޯލްގެ 1423 މައްސަލައެއް ފުލުހުންނަށް ހުށަހެޅި ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ހަމީދު މިއަދު ފާހަގަކުރެއްވީ އެފަދަ ގިނަ ކޯލުތަކަކީ ޖަލުތަކުގައި ތިބޭ ގައިދީން ވަގަށް ފޯނު ވައްދައިގެން ކުރާ ކޯލުތަކެވެ.

"މިހާތަނަށް ވެސް ފާހަގަވެފައިވާ ގޮތުގައި މިފަދަ ގިނަ ކޯލުތައް ޖަލުތަކުގައި ތިބޭ ގައިދީން ޖަލަށް ވަގަށް ފޯނާއި އެ ނޫން ވެސް ތަކެތި ވައްދައިގެން ކުރާކަން ވަނީ އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން  -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަމީދު ވިދާޅުވި ގޮތުގައި ފުލުހުންނާއި ކަރެކްޝަންސްއާ ގުޅިގެން ސްކޭމް ކޯލުތައް ހުއްޓުވުމަށް މިހާތަނަށް:

• 590 ސިމް ކާޑެއް ޑިސްކަނެކްޓުކޮށްފައިވޭ

• 532 އައިއެމްއީއައި ނަމްބަރެއް ބްލެކްލިސްޓުކޮށްފައިވޭ

• 10 އައިޕީއެއް ބްލޮކްކޮށްފައިވޭ

• 14 ވެބްސައިޓެއް ބްލޮކްކޮށްފައިވޭ

ސްކޭމްގެ މައްސަލަތައް ހައްލު ކުރަން މުއައްސަަސާތަކުގެ ގާބިލުކަން ހުރި މިންވަރުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ނަމަވެސް، އަދިވެސް މުއައްސަސާތައް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ބައިވަރު ކަމަށް ހަމީދު ވިދާޅުވި އެވެ. މިއަދު ފެށި ވޯކްޝޮޕަކީ އެ މިސްރާބަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ތަކުރާރުކޮށް ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ވޯކްޝޮޕުގައި ސްކޭމިން ކުށްތައް މަދުކުރެވޭނެ ގޮތްތަކެއް ކަނޑައެޅިގެންދާން ބޭނުންވާ ކަމަށެވެ. އަދި ސްކޭމްތަކުން ލިބޭ ގެއްލުމާ ގުޅިގެން މުއައްސަސާތައް ގުޅިގެން 24 ގަޑިއިރު އަމަލު ކުރާނެ ގޮތްތައް ހަމަޖެހި އެކަން ތަންފީޒު ކުރަން މިހާރު ވެސް މާ ލަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ވީހާ ވެސް އަވަހަށް އަސަރު ކުރާ ފަރާތްތަކަށް ލިބޭ ގެއްލުމާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް 24 ގަޑިއިރު މަސައްކަތް ކުރާ ބިއުރޮކްރެސީ ކުޑަ މަލްޓި އެޖެންސީ އެރޭންޖްމަންޓުތަކަށް އެއްބަސްވެ އެ އެރޭންޖުމަންޓުތައް ވީހާ ވެސް އަވަހަށް ތަންފީޒު ކުރަން ފެށުން އެއީ އަޅުގަނޑު އެދޭ ކަމެއް،" ހަމީދު ވިދާޅުވި އެވެ.

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޭމްކޮށްގެން މީހުން އަތުން ފައިސާ ނަގަމުންދާ މައްސަލަތައް ހައްލު ކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ބާއްވާ ވޯކްޝޮޕު ފެއްޓުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކި ބާވަތްތަކުގެ ސްކޭމްގެ މައްސަލަތައް ތަހުގީގު ކުރަން ހާއްސަ އިޖުރާއަތުތައް އެކުލަވާލައި ތަހުގީގު ކުރާ މީހުން އެ އިޖުރާއަތްތަކަށް ތަމްރީނު ކުރުމުުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަަށް އޭނާ ވިދާޅުވި އެވެ. ސައިބާ ސްޕޭސް ތެރޭގައި ހިންގާ ކުށްތަކަށް ފުލުހުން އަހުލުވެރިކުރުމަށް ބޭރުން ކަމާ ބެހޭ މާހިރުން ގެނެސްގެން އަދި ފުލުހުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާއިރު، މައްސަލަތައް ތަހުގީގު ކުރުމުގައި ލަސްވާ ކަމުގެ ޝަކުވާ ލިބޭ ކަމަށް މިއަދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފާހަގަކުރެއްވި އެވެ. އެކަމަކު، އެ މައްސަލަތައް ބަލަން ތިބޭ ކޮންމެ މީހެއްގެ އަތުގައި ބަލަން ހުރި މައްސަލަތަކުގެ އަދަދަށް ބަލާއިރު ހައްލު ކުރަން ބޮޑު ގޮންޖެހުން އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުން ކުރާ ސްކޭމް ކޯލުތައް ހުއްޓުވުމަށް ކަރެކްޝަންސްއިން ވަނީ މާފުށީ ޖަލުން ކުރާ ހުރިހާ ކޯލެއް މޮނިޓާ ކުރެވޭ އެންޓަނާއެއް ހަރުކޮށްފަ އެވެ. އެ އެންޓަނާއިން އެފަދަ ކޯލުތައް ބްލޮކް ވެސް ކުރެވޭނެ ކަމަށް ކަރެކްޝަންސްއިން ބުނެ އެވެ. އޭގެ އިތުރުން، ރަޖިސްޓްރީ ނުކުރާ ސިމް ބޭނުންކޮށްގެން ސްކޭމް ހިންގާތީ މި ފަހުން ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ވަނީ ޕްރީއެކްޓިވޭޓެޑް ސިމްތައް ވިއްކުން މަނާކޮށްފަ އެވެ.