Roadha Mihaaru
އެމެރިކާގެ އިންޒާރެއް އިޒްރޭލަށް

ހުޅަނގު އައްސޭރިއާ މެދު އެމެރިކާގެ އިންޒާރެއް އިޒްރޭލަށް

05 ޑިސެމްބަރ 2022

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ގާއިމު ނުކުރުމަށާއި، އެ ބިމަކީ އިޒްރޭލުގެ ބިމެއްގެ ގޮތުގައި ކަނޑަނޭޅުމަށް، އެމެރިކާ އިން އިޒްރޭލަށް އިންޒާރުކޮށްފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ގާއިމު ނުކުރުމަށާއި، އެ ބިމަކީ އިޒްރޭލުގެ ބިމެއްގެ ގޮތުގައި ކަނޑަނޭޅުމަށް، އެމެރިކާ އިން އިޒްރޭލަށް އިންޒާރުކޮށްފި އެވެ.

އެމެރިކާގައި އޮންނަ ޔަހޫދީންގެ އަމިއްލަ ޖަމާއަތަކާ ވާހަކަ ދައްކަވަމުން، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވި ގޮތުގައި ރައީސް ޖޯ ބައިޑެންގެ ސަރުކާރުން މަސައްކަތް ކުރާނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް މަގުފަހިކުރާ އެންމެހައި ކަންކަން ރައްކާތެރިކުރުމަށެވެ. ބްލިންކެން މި މޭރުމުން އިންޒާރު ކުރެއްވީ، އިޒްރޭލުގެ މިހާރުގެ އިދިކޮޅު ލީޑަރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

ނަތަންޔާހޫ މީގެ ކުރިން ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ވެސް، ފަލަސްތީނުގެ އިރުމަތީ ގުދުސްގައި ޔަހޫދީ އާބާދީތައް ގިނަ އަދަދަކަށް ގާއިމުކޮށް، ފަލަސްތީނުގެ ގިނަ ބިންތަކެއް ވަނީ އިޒްރޭލުގެ ތަންތަނުގެ ގޮތުގައި ހަދައިފަ އެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ބުނާ ގޮތުން އެ އާބާދީތަކަކީ ޣައިރު ގާނޫނީ ތަންތަން ކަމަށް ވިޔަސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގެ ހިމާޔަތް އިޒްރޭލަށް އޮންނާތީ، އިޒްރޭލުގެ އެ އަމަލުތައް ހުއްޓުވޭނެ ގޮތެއް ނެތެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ނަތްނަޔާހޫ އަލުން ބޮޑުވަޒީރުކަމަށް މިފަހަރު ވަޑައިގަންނަވަނީ، ޔަހޫދީންގެ ދީނީ ހަރުކަށި ފިކުރުގެ ޕާޓީތަކާ އެކުގައި ކަމަށްވާތީ، ފަލަސްތީނުގެ އިތުރު ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ފުޅާކުރާނެ ކަމުގެ ބިރު އެބަ އޮތެވެ. ނަތަންޔާހޫގެ އާ ސަރުކާރުގައި ހިމެނޭނެ ކަމަށް ބެލެވޭ ބައެއް މީހުންނަކީ، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމަށް ބާރުއަޅާ މީހުންނެވެ.

ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވީ ވަކިވަކި ޝަހުސިއްޔަތުތައް ގެންގުޅޭ ސިޔާސަތުތަކުގެ ބަދަލުގައި އެމެރިކާ ސަރުކާރުން ވަޒަން ކުރާނީ އެ ދައުލަތަކުން ގައުމީ ފެންވަރުގައި ގެންގުޅޭ ސިޔާސަތުތައް ކަމަށެވެ. އަދި މިހާރު ކިތަންމެ ބޮޑަށް ފަނޑުވެފައި ވިޔަސް، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރުމާ ގުޅޭ އުންމީދުގެ އުދަރެސް އަލުން އިއާދަކުރުމަށް އެމެރިކާ އިން ގަދައަޅައި މަސައްކަތް ކުރާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމުގެ ތަސައްވަރު ކިލަނބުކުރާ ކޮންމެ ކަމަކަށް އެމެރިކާ ހަރުއަޑުން ދެކޮޅު ހަދާނެ ކަމަށެވެ. އެ ގޮތުން، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް އިތުރުކުރުމާއި، މުގައްދަސް ބިންތަކުގެ ތާރީޚީ ހައިސިއްޔަތު އޮޅުންބޮޅުންވާ ފަދަ ކަންކަމާއި، ހުޅަނގު އައްސޭރި، އިޒްރޭލާ އެއްކޮށްލުމަށް ވެސް ދެކޮޅު ހަދާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ބޭރުކޮށްލުމާއި ފަލަސްތީނު މީހުންގެ ގެދޮރު ތަޅައި ސުންނާފަތިކުރުމާއި އަނިޔާވެރިކަމަށް ބާރު ލިބިދޭ އެންމެހައި ކަންކަމަށް އެމެރިކާ ސަރުކާރުން ދެކޮޅު ހަދާނެ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ. ހަމަ އެއާ އެކު އެމެރިކާ އިން ގަބޫލުކުރާ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމަށް ބާރު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.