Roadha Mihaaru
ނަތަންޔާހޫ އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލައްވައިފި

ނަތަންޔާހޫ އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލައްވައިފި

22 ޑިސެމްބަރ 2022

އިތުރު ޕާޓީތަކާ ގުޅިގެން އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލައްވައިފިކަމަށް، ލީކޫޑް ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ރައީސް އިސްހާގް ހެރްޒޮގް އަށް ރަސްމީކޮށް ރޭ އަންގަވައިފި އެވެ.

އިތުރު ޕާޓީތަކާ ގުޅިގެން އިޒްރޭލުގައި އާ ސަރުކާރެއް އެކުލަވާލައްވައިފިކަމަށް، ލީކޫޑް ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، އެ ގައުމުގެ ރައީސް އިސްހާގް ހެރްޒޮގް އަށް ރަސްމީކޮށް ރޭ އަންގަވައިފި އެވެ.

ދީނީ ގޮތުން ހަރުކަށި، އަދި ފަލަސްތީނު މީހުންނާ ޒާތީ ގޮތުން ދެކޮޅުވެރި ޚިޔާލާތު ގެންގުޅޭ ޔަހޫދީ ޕާޓީތަކުގެ ތާއީދު ކަށަވަރު ކުރައްވައިގެން، އިޒްރޭލުގައި އުފައްދާ އާ ސަރުކާރުގައި ބޮޑުވަޒީރަކަށް ހުންނަވާނީ ނަތަންޔާހޫ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު އޮތް އާންމު އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ލީކޫޑް ޕާޓީއަށް ލިބުނު ނަމަވެސް، އިތުރު ޕާޓީތަކުގެ ތާއީދާ އެކުގައި ނޫނީ ސަރުކާރެއް އެކުލައިލެވޭ ވަރުގެ އަޣުލަބިއްޔަތެއް އެ ޕާޓީއަކަށް ނުލިބެ އެވެ.

އެހެންކަމުން، އިތުރު ޕާޓީތަކުގެ ތާއީދާ އެކުގައި ކޯލިޝަން ސަރުކާރެއް އެކުލަވައިލުމަށް، އިޒްރޭލުގެ ރައީސް އިސްހާގް ހެރްޒޮގް ވަނީ، ޑިސްބަރު 21 ވަނަ ދުވަހުގެ މެންދަމު 12 އާ ހަމައަށް، މުހުލަތެއް ދެއްވައިފަ އެވެ. އާ ސަރުކާރެއް އެކުލަވައިލެވިއްޖެ ކަން ނަތަންޔާހޫގެ ފަރާތުން އެ ގައުމުގެ ރައީސަށް އެންގެވީ އެ މުހުލަތު ހަމަވުމުގެ 10 ވަރަކަށް މިނެޓް ކުރިންނެވެ.

އާ ސަރުކާރެއް އެކުލަވައިލުމުގެ މަގު ތަނަވަސްވެއްޖެކަމަށް ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވިޔަސް، އާ ސަރުކާރު ހުވައި ކުރާނެ ވަކި ތާރީޚެއް އަދި އާންމެއް ނުކުރެ އެވެ. އެހެން ނަމަވެސް، އާ ސަރުކާރު ވަރަށް އަވަހަށް ހުވައި ކުރާނެ ކަމަށް، ނަތަންޔާހޫ ވަނީ ރައީސަށް ދަންނަވައިފަ އެވެ.

ނަތަންޔާހޫ މީގެ ކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ އޭނާގެ ސަރުކާރު ދެމިއޮތީ 1996 ން 1999 އަށެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ މެދަކާ ހަމައަށް އޭނާގެ ސަރުކާރު ދެމިއޮތެވެ.

އިޒްރޭލުގެ ތާރީޚުގައި ވެސް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ނަތަންޔާހޫ އެންމެ ފަހުން އެކުލަވައިލެއްވި ސަރުކާރުގައި ހިމެނޭ ބައެއް ޕާޓީތައް ވެރިކަން ކުރާ ކޯލިޝަނުން ވަކިވުމާ ގުޅިގެން ޖޫން 2021 ގައި އޭނާގެ ވެރިކަން ނިމުމަކަށް އައެވެ. އެއާ އެކު އޭނާގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކެއްގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

މިފަހަރު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ނަތަންޔާހޫ ނިންމެވި އެންމެ ހައިރާން ކުރުވަނިވި ނިންމުމަކީ، ދީނީ ގޮތުން ހަރުކަށި ޚިޔާލާތުގެ ސިޔާސީ ޕާޓީތައް އާ ކޯލިޝަންގައި ހިމަނައި ނުފޫޒު ގަދަ މަގާމުތައް ދިނުމަށް ނިންމުމެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ، ޖުވިޝް ޕަވާ ޕާޓީގެ ލީޑަރު އިތަމާރު ބެން-ގިވީރް އަށް ފުލުހުންގެ ވަޒީރުކަން ދިނުމާއި، ސެކިޔުރިޓީ ކެބިނެޓްގައި އޭނާ ހިމެނުމެވެ.

އީތަމާރުއަކީ ފަލަސްތީނު މީހުންނާ ދެކޮޅަށް ވަރަށް ހަރުކަށި އަދި ވަރަށް ނަފްރަތްތެރި އިބާރާތްތަކުން ފާޅުގައި ފާޑުވިދާޅުވެ، ފަލަސްތީނު މީހުންނާ ދެކޮޅަށް އުދުވާނީ އަމަލުތައް ހިންގުމަށް ހިތްވަރު ދެއްވުމުގެ ދިގު ތާރީޚެއް އޮތް ލީޑަރެކެވެ.

އޭގެ އިތުރުން ނަތަންޔާހޫ އަލަށް އުފައްދަވާ ސަރުކާރުގައި، ރިލިޖަސް ޒަޔަނިޒަމް ޕާޓީގެ ލީޑަރު ބެޒަލެލް ސްމޮޓްރިޗް އަށް ވެސް ނުފޫޒު ގަދަ މަގާމެއް ދެއްވާނެ އެވެ. އޭނާ އަށް ދެއްވުމަށް ހަމަޖެހިފައިވަނީ ހުޅަނގު އައްސޭރީގައި ހަދާ ޔަހޫދީ އާބާދީތައް ތަރައްގީކުރުމާ ބެހޭ މަޝްރޫއު ރާވައި ހިންގުމުގެ ހުރިހާ ބާރުތަކެވެ.

އީތަމާރު އާއި ބެޒަލެލް ސްމޮޓްރިޗް އަކީ ވެސް، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް ފާޅުގައި ދެކޮޅު ހައްދަވާ ދެ ބޭފުޅުންނެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނުގެ ގެތައް ނަގައި އެ ތަންތަނުގައި ޔަހޫދީ އާބާދީތައް ބިނާ ކުރުމަށް މި ދެ ބޭފުޅުން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަ އެވެ.