Roadha Mihaaru
3،000 ނަރުހުން ތަމްރީން ކުރުމަށް އެއްބަސްވެއްޖެ

3،000 ނަރުހުން ތަމްރީން ކުރުމަށް ހެލްތާއި އެމްއެންޔޫ އިން އެއްބަސްވެއްޖެ

12 ޖެނުއަރީ 2017

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 3،000 ނަރުހުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 3،000 ނަރުހުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ހެލްތް މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ލަތީފާއި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ ނަރުސްކަން ކިޔަވަން އެ ޔުނިވަސިޓީ އަށް ގިނަ ދަރިވަރުންތަކެއް ކުރިމަތިލާ ކަމަށެވެ. ނަމަވެސް ޖާގައިގެ ދަތިކަމާ ގުޅިގެން އެ ފުރުސަތު ނުދެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެމްއެންޔޫ އިން ނިންމާފައިވަނީ ނާސިންގެ ކޯސްތައް މާޗް އަދި ސެޕްޓެމްބަރު މަހު ވެސް ފެށުމަށެވެ. އަދި ޖެނުއަރީީ އާއި ޖުލައި މަހުގެ އިންޓޭކާ އެކު ކޮންމެ އަހަރަކު ވެސް ޖުމްލަ ހަތަރު ފަހަރަށް އެމްއެންޔޫ އިން ނާސިން ކޯހަށް ފުރުސަތު ހުޅުވައިލާނެ އެވެ.

މީގެ އިތުރުން ފުވައްމުލަކާއި ރ. އުނގޫފާރުގައި ވެސް ނަރުހުން ތަމްރީން ކުރުން ފެށުމަށް ނިންމާފައިވާ ކަމަށް ފަވާޒު ވިދާޅުވި އެވެ. މިހާރު ނާސިން ކިޔަވައިދެމުން އަންނަނީ މާލޭގެ އިތުރުން ރަށްރަށުގައި ހިންގާ ހަތަރު ކެމްޕަސް އަކުންނެވެ.

"މިހާރު ދެ އިންޓޭކުން އަހަރަކު މި ތަމްރީން ކުރެވެނީ 200 ނަރުހުން. އެކަމަކު އިންޓޭކް އިތުރުކޮށް އުނގޫފާރާއި ފުވައްމުލަކުގައި ނާސިން ކިޔަވައިދޭން ފެށުމުން އެ އަދަދު 500 އަށް އިތުރުވާނެ،" ފަވާޒު ވިދާޅުވި އެވެ.

3،000 ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު ހެލްތް މިނިސްޓަރު ނާޒިމް (ވ-2) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހެލްތް މިނިސްޓްރީ

3،000 ނަރުހުން ތަމްރީނުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށް ފަހު ހެލްތް މިނިސްޓަރު ނާޒިމް (ވ-2) ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހެލްތް މިނިސްޓްރީ

އޭނާ ވިދާޅުވި ގޮތުގައި އެމްއެންޔޫގައި ހިންގާ ކޯސްތަކުގެ ތެރެއިން އެންމެ އަގު ހެޔޮ ކޯސްތަކުގެ ތެރޭގައި ނާސިން ހިމެނެ އެވެ.

"މި އެއްބަސްވުމުން، އަޅުގަނޑުމެން ގިނަ ދަރިވަރުންނަށް ފަހިކޮށްދެނީ ޖާގަ. ނާސިން އަކީ މި ޔުނިވަސިޓީން އެންމެ އަގު ހެޔޮކޮށް ހިންގަމުން އަންނަ ކޯސްތައް. އެހެންކަމުން ކޯހުގެ އަގަކަށް ނާންނާނެ އެއްވެސް ބަދަލެއް." ފަވާޒު ވިދާޅުވި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ރާއްޖޭގައި އިތުރު ހޮސްޕިޓަލްތަކެއް އެޅުމުގެ މަސައްކަތްތައް ކުރަމުން އަންނާތީ ގިނަ އަދަދެއްގެ ނަރުހުން ބޭނުންވާ ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ނަރުހުންގެ ތެރެއިން 47 ޕަސެންޓަކީ ބިދޭސީން ކަމަށާއި ސަރުކާރުން އަމާޒު ހިފާފައި ހުރީ އެ އަދަދު 100 ޕަސެންޓް ދިވެހިންނަށް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީ އާއި އެމްއެންޔޫ އިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ނަރުހުން ތަމްރީން ކުރާނީ ޑިޕްލޮމާ އާއި ޑިގްރީ ފެންވަރަށެވެ.