Roadha Mihaaru
އަނިޔާލިބޭ މީހުން ތިބޭނެ މަރުކަޒު ހަދަން 116މިލިއަން

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބާނެ މަރުކަޒުތައް ހަދަން އޭޑީބީގެ އެހީއެއް

06 ޑިސެމްބަރ 2022

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބަން ސަރުކާރުން ގާއިމުކުރާ މަރުކަޒުތައް ހަދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 7.5 މިލިއަން ޑޮލަރު (116 މިލިއަން ރުފިޔާ) ގެ އެހީއެއް ރާއްޖެ އަށް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގެވެށި އަނިޔާ ލިބޭ މީހުން ބައިތިއްބަން ސަރުކާރުން ގާއިމުކުރާ މަރުކަޒުތައް ހަދަން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން 7.5 މިލިއަން ޑޮލަރު (116 މިލިއަން ރުފިޔާ) ގެ އެހީއެއް ރާއްޖެ އަށް ދީފި އެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބަން އެ އެހީގެ ދަށުން ހުޅުމާލެ އާއި ރ. އުނގޫފާރާއި އައްޑޫގައި ހާއްސަ މަރުކަޒުތަކެއް ހަދާނެ އެވެ.

އޭޑީބީގެ އާބަން ޑިވެލޮޕްމެންޓް ސްޕެޝަލިސްޓް ޗާލީން ލިއޫ ވިދާޅުވީ، ދެޖިންސުގެ ހަމަހަމަކަން އިތުރުކޮށް، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދޭ އެހީގެ ސަބަބުން ރާއްޖޭގެ ދެޖިންސުގެ ހަމަހަމަކަން އިތުރު ކުރަން ފުރުސަތު ބޮޑުވާނެ ކަމަށެވެ. އަދި ދެޖިންސުގެ ދެމެދުގައި އޮންނަ ތަފާތު ކުރުންތައް މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އެހީގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭން 2.5 މިލިއަން ޑޮލަރު ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން ދެ މިލިއަން ޑޮލަރު ދެނީ ޖަޕާންގެ ސްޕެޝަލް ފަންޑުންނެވެ. ބާކީ ފަސް ލައްކަ ޑޮލަރުގެ އެހީ ދޭން ހަމަޖެހިފައިވަނީ އޭޑީބީގެ އެސިސްޓެންސް ސްޕެޝަލް ފަންޑުންނެވެ.

އޭޑީބީން އަންނަނީ އެންމެ ފަގީރު ގައުމުތަކާއި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ވެސް އެކި ދާއިރާތަކުން ބޮޑެތި އެހީތަކެއް ވަމުންނެވެ.

ރާއްޖޭގައި މަސައްކަތު އާބަދީގައި އަންހެނުންގެ ބައިވެރިވުން އޮތީ 42 ޕަސެންޓުގައި ކަމަށް ރާއްޖޭގެ ޑިމޮގްރެފިކް އެންޑް ފިޒިކަލް ސާވޭ އިން ދައްކަ އެވެ. ގޭތެރޭގެ ކަންކަން ކުރަން ޖެހި ދަރިން ބަލަން ޖެހުމުގެ ސަބަބުން 13 ޕަސެންޓު މީހުންނަށް ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނަން މަޖުބޫރުވެފައިވާ ކަމަށް އެ ސާވޭގައި ބުނެފައި ވެ އެވެ. އެ ސާވޭ އިން ދައްކާ ގޮތުން އަންހެނުންގެ ތެރެއިން 15-49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 17 ޕަސެންޓު މީހުންނަށް ގެވެށި އަނިޔާއާ ކުރިމަތިވެ އެވެ. އެ އުމުރުގެ މީހުންގެ 11 ޕަސެންޓު މީހުންނަށް ޖިންސީ އަނިޔާ ކުރިމަތިވެފައިވާ ކަމަަށް ވެސް ސާވޭގައި ވެ އެވެ.