Roadha Mihaaru
އޭޑީބީގެ އެހީ ރާއްޖެ އަށް އިތުރު ފަސް އަހަރަށް

އޭޑީބީގެ އެހީ ރާއްޖެ އަށް އިތުރު ފަސް އަހަރަށް

22 އޮކްޓޯބަރ 2020

ކުރިއަށް އޮތް ފަސް އަހަރު ވެސް އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އެހީދޭނެ ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރިއަށް އޮތް ފަސް އަހަރު ވެސް އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އެހީދޭނެ ކަމަށް އެ އިދާރާ އިން އިއްޔެ ބުނެފި އެވެ.

އޭޑީބީން ވަނީ ރާއްޖެއާ އެކު ހަދާފައިވާ "ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓަޖީ" (ސީޕީއެސް) 2020-2024 އަށް އާކޮށް އެކަން އިއުލާން ކޮށްފަ އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ތަރައްގީއަށް އެ އިދާރާއިން މިހާރު ވެސް އެހީވަމުން އަންނަ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. މީގެ ތެރޭގައި ޕްރައިވެޓް ސެކްޓާ އާއި ހެލްތު އަދި ތައުލީމީ ދާއިރާ ކުރިއެރުވުން ހިމެނެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ވެސް ކުރިއަށް އޮތް ތަނުގައި އެހީތެރިވާނެ ކަމަށް އެ އިދާރާގެ ނޫސްބަޔާނުގައި ވަނީ ބުނެފަ އެވެ.

އޭޑީބީން ވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ އެހީ ދީފަ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ދިން 25 މިލިއަން ޑޮލަރާއި ލޯނުުގެ ގޮތުގައި ދިން 25 މިލިއަން ޑޮލަރެވެ.

މީގެ އިތުރުން ވެސް އެ އިދާރާ އިން ވަނީ ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިކަމުން އަރައިގަތުމަށް ސަރުކާރަށް އެހީވުމުގެ ގޮތުން އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދީފަ އެވެ.