Roadha Mihaaru
ތިލަފުށީފަޅުގައި ހުރި ތަކެތި ނައްތަން ހުރަހެއް ނެތް

ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީ އަށް ހުރަހެއް ނެތް: ކޯޓު

07 ޑިސެމްބަރ 2022

ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނަގައި، ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި އެއީ ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނަގައި، ނައްތާލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ގާނޫނީ ހުރަހެއް ނެތް ކަމަށާއި އެއީ ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމެއް ނޫން ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެޗްޑީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ތިލަފުށީ ފަޅުގައި ހުރި ބޭނުން ނުކޮށް އުޅަނދުތަކާއި ފެތިފައިވާ އުޅަނދުތައް ނެގުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެވެ. އެ މައްސަލަ ހުށަހެޅީ ދައުވާ ލިބޭ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގަ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ބަހައްޓާފައި ތަކެއްޗާ މެދު އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. ތިލަފުށި ފަޅުގައި ހުރި ތަކެތި ނަގަން އެކި ފަހަރު މަތިން އެޗްޑީސީން އެންގި އެންގުމާ ގުޅިގެން އިތުރު މައްސަލައެއް އުފަންވެފައި ނުވާ ކަމަށާއި އެހެންވެ، އެ ކުންފުނިން ހަދާ ގަވާއިދުތަކެއްގެ ދަށުން އެ ތަކެތި ނައްތާލުމަށް އެ ހުރަހެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން، އެޗްޑީސީ އަށް އެ ބާރު ބޭނުންކުރަން ހުރަހެއް ނެތުމުން އެ ކަމުގައި ކޯޓުން އިތުރު ގޮތެއް ނިންމަންޖެހޭ ކަމެއް ނެތެވެ.

އެޗްޑީސީން މީގެ ކުރިން އެކި ފަހަރު މަތިން ވަނީ ތިލަފުށި ފަޅުގައި ހުރި ބޭނުން ނުކުރާ އުޅަނދުތައް ނަގަން އަންގައިފަ އެވެ.