Roadha Mihaaru
ތިލަފުށީ ފަޅުން އުޅަނދުތައް ނަގަން ހަތް ދުވަސް ދީފި

ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހަތް ދުވަހުގެ މުއްދަތެއް ދީފި

28 އޯގަސްޓް 2024

ތިލަފުށީގައި ސްލޯޕިންގެ މަސައްކަތް ކުރަމުން ދާތީ، އެތަނުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތިލަފުށީގައި ސްލޯޕިންގެ މަސައްކަތް ކުރަމުން ދާތީ، އެތަނުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

އެޗްޑީސީން މިއަދު ނެރުނު އިޢުލާނުގައި ބުނީ ތިލަފުށި ބިންހިއްކުމުގެ މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ ސްލޯޕިން މަސައްކަތް ކަމަށެވެ. އަދި ފަޅު ތެރޭގައި ހުރި އުޅަނދުތަކުގެ ސަބަބުން އެ މަސައްކަތަށް ދަތިވާތީ އެ އުޅަނދުތައް ނެގުމަށް އެ އިއުލާނުގައި އަންގާފައިވެ އެވެ.

އުޅަނދުތައް ނެގުމަށް މިއަދުން ފެށިގެން ރަސްމީ 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތުގައި އުޅަނދުތައް ނުނަގައިފިނަމަ "ތިލަފުއްޓާއި ގުޅީ ފަޅުތެރެޔަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ މެދު އަމަލުކުރުމުގެ އުސޫލު"ގެ ދަށުން އެ އުޅަނދުތަކާ މެދު އަމަލުކުރާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އިތުރު މައުލޫމާތު ބޭނުންވާ ނަމަ 1516 އަށް ގުޅުމަށް އެޗްޑީސީން އެދިފައިވެ އެވެ.

ތިލަފުށި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ވިޔަފާރިވެރިންނަށް އާ ފުރުސަތުތަކެއް ހޯދައިދިނުމަށް އެޗްޑީސީން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.