Roadha Mihaaru
ދިވެހިންނަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި

ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި

03 މެއި 2024

ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ސިނާއީ ބޭނުމަށް ބިން ވިއްކަން ހުޅުވާލައި، މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް މިލްކުކުރެވޭނެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ސިނާއީ ބޭނުމަށް ބިން ވިއްކަން ހުޅުވާލައި، މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް މިލްކުކުރެވޭނެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފި އެވެ.

އެ ކުންފުނިން ރޭ ކުރި އިއުލާނުގައި ބުނީ ތިލަފުށީގެ 2 ވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކަން ހަމަޖައްސާފައިވަނީ ދެ ވަނަ ފިޔަވަހީގެ ޒޯން އޭ ގެ އޭރިޔާ ބީ ގައި މިހާތަނަށް ނުވިކި ހުރި 108 ބިމެއް ކަމަށެވެ. އޭގެ ތެރޭގައި ތިން ވައްތަރެއްގެ ބިން ހިމެނެ އެވެ. އެއީ؛

ޓައިޕް 1: 4999-2500 އަކަފޫޓުގެ 64 ބިން

ޓައިޕް 2: 9999-5000 އަކަފޫޓުގެ 42 ބިން

ޓައިޕް 3: 10،000-14،999 އަކަފޫޓުގެ ދެ ބިން

އެ ބިންތައް ވިއްކަން ހަމަޖައްސާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ނުވަތަ ޝައުގުވެރިކަން ހުށަހެޅުން ކަމަށެވެ. ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމަ، ބިޑް ކުރުމަކީ ދެ ވަނަ ގޮތެވެ.

ބީލަން ހުށަހެޅޭ އެންމެ ކުޑަ އަގަކީ 1،700ރ. އެވެ. އެކަމަށް ޝައުގުވެރިވާނަމަ އެޗްޑީސީގެ ބިޑް ޕޯޓަލް (https://bids.hdc.mv) ނުވަތަ [email protected] މެދުވެރިކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އޭގެ އިތުރުން ތިލަފުށީގެ ފުރަތަމަ ވަނަ ފިޔަވަހިން މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް ގަނެ، މިލްކުކުރެވޭނެ ފުރުސަތު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ އިއުލާނުގައި ވާ ގޮތުން ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުޔަށް ނަގާފައިވާ ފަރާތްތަކަށެވެ. އެކަމަށް ޝައުގުވެރިވާނަނަ [email protected] އަށް އީމެއިލް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް، ސިނާއީ މަސައްކަތްކުރާ ތިލަފުއްޓަށް ބަދަލުކުރުމުން މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މާލެ އާއި ރަށްރަށަށް މުދާ ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިހާރު ހަދަމުން އަންނަ ތިލަ-މާލެ ބްރިޖުން ތިލަފުށި-މާލެ ގުޅުވާލުމުން މުދާ އުފުލުމުގައި ފަސޭހަވެ، ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

މީގެއިތުރުން އެ ކުންފުނިން ބުނި ގޮތުގައި، އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެން ހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށް، ރައްޔިތުންނަށް ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.