އުފަން ރަށް، ހއ. އިހަވަންދޫގައި އުޅެ ބޮޑުވިއިރު މަންމަ، ފާތިމަތު އަބްދުﷲ ކުރި ބުރަ މަސައްކަތް އެންމެ ކައިރިން ފެނުނު އެކަކަކީ ދޮށީ ދަރިފުޅު މަރިޔަމް ސުދާ އެވެ. އެ ކުޑަކުޑަ އާއިލާގެ ހަރަދުތައް ބަލަހައްޓަމުން، ދެ ދަރިންނަށް ކިޔަވައިދިނުމަށް އެ މަންމަ ޖާނާއި މާލުން ވި ގުރުބާނީގެ އަގު ދައްކައިދިނުމަކީ ސުދާގެ އެންމެ ބޮޑު ހުވަފެނެވެ.
17 ޑިސެމްބަރ 2022
އުފަން ރަށް، ހއ. އިހަވަންދޫގައި އުޅެ ބޮޑުވިއިރު މަންމަ، ފާތިމަތު އަބްދުﷲ ކުރި ބުރަ މަސައްކަތް އެންމެ ކައިރިން ފެނުނު އެކަކަކީ ދޮށީ ދަރިފުޅު މަރިޔަމް ސުދާ އެވެ. އެ ކުޑަކުޑަ އާއިލާގެ ހަރަދުތައް ބަލަހައްޓަމުން، ދެ ދަރިންނަށް ކިޔަވައިދިނުމަށް އެ މަންމަ ޖާނާއި މާލުން ވި ގުރުބާނީގެ އަގު ދައްކައިދިނުމަކީ ސުދާގެ އެންމެ ބޮޑު ހުވަފެނެވެ.
އެ ރަށު ސްކޫލުން ގްރޭޑު 10 ނިންމީ ހުރިހާ މާއްދާއަކުން އޭ ހޯދައި ރާއްޖޭގެ އެއްވަނައާ އެކުގަ އެވެ. އޭގެ ފަހުން މާލެއަށް ބަދަލުވެ، ސީއެޗްއެސްއީން އޭ ލެވެލް ނިންމީ ރާއްޖޭގެ ގަދަ ހަތަރަކުން ޖާގަ ހޯދައިގެންނެވެ. މި ހިސާބުން އޭނާގެ ކާމިޔާބީތައް އަދި ނުނިމެ އެވެ.
ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ކޮޓެލަވަލަ ޑިފެންސް ޔުނިވާސިޓީން މިދިޔަ މަހު ބޭއްވި ގްރެޖުއޭޝަނުގައި އެންމެ ކާމިޔާބު ދަރިވަރަކީ ރާއްޖޭގެ ސުދާ އެވެ. އެމްބީބީއެސްގެ ހަ އަހަރުގެ ކޯސް އޭނާ ނިންމާލީ މުޅި ޔުނިވާސިޓީގެ ފަހުރުވެރި އެއްވަނަ އާއެކު، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމްސިންހުގެ ހާއްސަ މެޑަލާ އެކު އެވެ.
މިއީ، ލަންކާގައި މިހާރު އިންޓާންޝިޕް ހަދަމުން އަންނަ ސުދާ ބުނިގޮތުގައި އޭނާގެ މަންމަގެ ބުރަ މަސައްކަތުގެ ރަނގަޅު ނަތީޖާ އެވެ. ބައްޕައެއްގެ ރޯލު ވެސް އަދާކުރަމުން، މަންމަ އެ މަސައްކަތް ނުކުރި ނަމަ މި ހިސާބަށް ނާދެވޭނެ ކަމަށް އޭނާ ބުންޏެވެ.
ސުދާ، އެ ޔުނިވާސިޓީގައި އޭނައާއެކު ކިޔަވާ ދިވެހިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން.
"ވަރަށް ބުރަކޮށް މަސައްކަތްކުރި އަޅުގަނޑުގެ ހަރަދުތައް ބަލަހައްޓަން ރަށުގައި އުޅުނުއިރު ވެސް. ރަށުގައި ވަރަށް ގިނައިން ޓިއުޝަން ވެސް ނެގިން. މާލޭގައި ހުރިއިރު ވެސް މަންމަ ހުރިހާ ކަމަކަށް ހަރަދުކުރާނީ. މަންމަ އަދި ބައްޕައެއްގެ ރޯލު ވެސް، މަންމަ އަދާކުރީ." ރަށު މެޖިސްޓްރޭޓް ކޯޓުގައި އެޑްމިން އޮފިސަރެއްގެ ގޮތުގައި 34 އަހަރު މަސައްކަތް ކޮށްފައިވާ މަންމައާ ގުޅޭގޮތުން ސުދާ ބުންޏެވެ.
ސުދާ ބުނީ ނޭނގޭ އެއްޗެހި ދަސްކުރުމަށް އޭނާ އަބަދު ވެސް ޝައުގުވެރިވާ ކަމަށެވެ. ވަކި ވަނައަކަށް އަމާޒުކޮށްގެން ނުކިޔަވަ އެވެ.
ލަންކާގައި 2019 ވަނަ އަހަރު ދިން ބޮމުގެ ހަމަލާ އަދި އޭގެ އަހަރެއް ފަހުން ކުރިމަތިވި ކޮވިޑުގެ ރާޅާއެކު ކިޔެވުމަށް ކުރި އަސަރުން، އެއް ވަނަ ލިބޭނެ ކަމަކަށް އޭނާ އުއްމީދެއް ނުކުރެ އެވެ.
"ވަރަށް އުނދަގޫކޮށް ދިޔައީ. އެއްކޮށް ކިޔަވަމުން ދިޔަ ދިވެހި ކުދިން ވަރަށް ރަނގަޅު އަދި އެހީތެރިކަން ދިން. އެހެން ނޫން ނަމަ, ހިއެއް ނުވޭ މިކަން ވާނެހެން," ލަންކާގައި އިންޓާންޝިޕް ހަދަމުން އަންނަ ސުދާ ބުންޏެވެ.
ސުދާ ބުނި ގޮތުގައި ބޮން ގޮއްވާލުމާ ހަމައަށް ވެސް ކިޔެވުން ދިޔައީ ވަރަށް އޮމާންކޮށެވެ. އޭގެ ފަހުން ކިޔެވުން ގެންދިޔަސް މުސްލިމުންނަށް ވާތީ އިތުރު އުނދަގޫތައް ކުރިމަތިވި އެވެ. އެ ކަމާ ހެދި ކިޔެވުން ހަތަރު މަސް ލަސްވެގެން ދިޔަ އެވެ. ކަންތައްތައް ހަމައަކަށް އެޅުނުތަނާ ކުރިމަތިވީ ކޮވިޑުގެ ބަލިމަޑުކަމެވެ.
ކޮވިޑު ފެތުރެން ފެށުމާއެކު ސުދާ އަދި އޭނާއާ އެކު ލަންކާގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ 14 ދަރިވަރުން އައީ ރާއްޖެއަށެވެ. އެކަމަކު ލަންކާއަށް ނުދެވި މާލޭގައި ހައެއްކަ މަސް ދުވަހު ތިބެން ޖެހުނެވެ. ބޯޑަރު ހުޅުވާލުމާއެކު އެގްޒާމް ދޭން ފުރަތަމަ ދެކޮޅު ހެދި އެވެ. އެކަމަކު, ފަހުން މަސައްކަތްކޮށްގެން ޓެސްޓް ދޭން އެއްބަސްވީ އެވެ.
ސުދާ، ގްރެޖުއޭޝަނަށްފަހު ފޮޓޯއެއް ނަގަން ހުއްޓިލައިގެން.
އެ ދަތިތަކުގައި ކިޔަވައިގެން ވެސް ފަސް މާއްދާއިން ރަންމެޑަލް ހޯދި އެވެ. އެމްބީބީއެސްގައި ޖުމްލަ ކިޔަވައިދޭ 14 މާއްދާގެ ތެރެއިން 12 މާއްދާއިން ޑިސްޓިންކްޝަނާއި އޭގެ ތެރެއިން ފަސް މާއްދާއިން، 300 އެއްހާ ކުދިންގެ ތެރެއިން މުޅި ޔުނިވާސިޓީން އެއް ވަނަ ހޯދި އެވެ.
ނަތީޖާ ލިބުނުއިރު, ފައިނަލް ނަތީޖާގެ ފަސް މާއްދާގެ ތެރެއިން ހަތަރު މާއްދާއިން ޑިސްޓިންކްޝަން ލިބުނެވެ.
"ވަރަށް ރަނގަޅަށް ކިޔެވުން ދަނިކޮށް ކޮވިޑު އައީ. އުއްމީދެއް ނުކުރަން މި ނަތީޖާއަކަށް އެއީ, އެގްޒާމް ލިބޭނެ ކަމުގެ އުއްމީދެއް ވެސް ފުރަތަމަ ނެތް. ޓެސްޓުގައި އިށީންއިރު ވެސް ޔަގީންކަމެއް ނެތް. އެއް މަހަށް ވެފައި އިންދައި ބުނީ ޓެސްޓުގައި ބައިވެރިވެވޭނެއޭ." އޭނާ ބުންޏެވެ.
ސުދާ، އޭނައާއެކު ލަންކާގައި ކިޔެވި ދިވެހި ދަރިވަރުންނާއެކު ފޮޓޯ ނަގަނީ.
"އޭރު ވަރަށް އުފާވި. ވަރަށް ބޮޑު ސަޕްރައިޒެއް ލިބުނީ."
ސުދާ ބުނި ގޮތުގައި އޭނާ އިމްތިހާނުގައި އިށީންނަނީ ވަރަށް އިތުބާރާ އެކު އެވެ. ނަމަވެސް މި ފަހަރު އިމްތިހާން ހެދޭނެކަން އެނގުނީ ވަގުތު ކުޑަތަންވެފައި އޮއްވާ ކަމުން އޭނާ ރަނގަޅު ނަތީޖާއަކަށް އުއްމީދެއް ނުކުރެ އެވެ. އެކަމަކު، އެ ހުރިހާ ހުރަސްތަކާއި ހަރުފަތްތައް ގިރާކޮށް، އޭނާ މި ވަނީ މަންމަގެ ގުރުބާނީގެ އަގު، ރަނގަޅު ނަތީޖާއިން ދައްކައިދީފަ އެވެ.
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"
މެޑިސިން އިންޓާންޝިޕް ޑޮކްޓަރުންގެ ކަންބޮޑުވުން ރައީސަށް
ޕްރީ މެޑިސިން ކޯސްތައް ގަބޫލުކުރުން ހުއްޓާލައިފި
ދަނގެތީގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ހުޅުވައިފި
އެންޓިބަޔޮޓިކް ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ނުދީ
ގޭހަށްދޭ އިންޖެކްޝަނެއްގައި މައްސަލަ ހުރުމުން މަނާކޮށްފި
"ބޭހުގެ ވަކި ބްރޭންޑެއް ދޭންޖެހޭ ހާލަތުގައި ދޭނެ"
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި