Roadha Mihaaru
އެންޓިބަޔޮޓިކް ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ނުދީ

ރާއްޖޭގައި އެންޓިބަޔޮޓިކް ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ނުދޭން ލަންކާގެ ޑޮކްޓަރަކު ގޮވާލައްވައިފި

10 ފެބުރުއަރީ 2017

ނަހަމަ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ރާއްޖޭގައި ޖާގަ ނުދިނުމަށް ބޭރުގެ ތަޖުރިބާކާރަކު މިރޭ ގޮވާލައްވައިފި އެވެ.

ނަހަމަ ގޮތުގައި އެންޓިބަޔޮޓިކް ބޭނުންކުރުމަށް ރާއްޖޭގައި ޖާގަ ނުދިނުމަށް ބޭރުގެ ތަޖުރިބާކާރަކު މިރޭ ގޮވާލައްވައިފި އެވެ.

ބޭސް އުފައްދާ ގްލެންމާކްއާ ގުޅިގެން އޭޑީކޭ ފާމަސޫޓިކަލްސް އިން ހޮޓެލް ޖެންގައި ބޭއްވި ސެމިނާއެއްގައި ވާހަކަ ދައްކަވަމުން ސްރީ ލަންކާގެ ޑޮކްޓަރެއް ކަމަށްވާ ޑރ. އަފްލާހް ސާދިގީން ވިދާޅުވީ، ކެއްސުމާއި އެ ނޫން ވެސް އިންފެކްޝަނަކާ ހެދި ބަލިވުމުން ބައެއް ފަހަރު ބަލިމީހާ އަމިއްލަ އަށް ވެސް އެންޓިބަޔޮޓިކް ދިނުމަށް އެދޭ ކަމަށެވެ.

އޭނާ ވަނީ އެންޓިބަޔޮޓިކް ނަހަމަގޮތުގައި ބޭނުންކޮށްގެން ފަރުވާ ދިން ތިން ދިވެއްސެއްގެ މައުލޫމާތު ސެމިނާގެ ބައިވެރިންނާ ހިއްސާކޮށްފަ އެވެ. އަދި އެ ތިން މީހުންނަށް ވެސް ކުރިމަތިވީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއް ކަމަށް ޑރ. އަފްލާހު ވިދާޅުވި އެވެ.

"އެ ތިން މީހުންނަށް ވެސް ސްރީ ލަންކާގައި ފަރުވާދީގެން ވަނީ ބަލި ރަނގަޅުކޮށްފައި. މީގައި އެންމެ ބޮޑަށް ބަލަން ޖެހެނީ ބޭސް ދެވެނީ ސީދާ ބަޔަށް ބޭނުންވާ ވަރަށް ތޯ؟،" ރާއްޖޭގައި މަސައްކަތް ކުރާ 65 ޑޮކްޓަރަކު ބައިވެރިވި ސެމިނާގައި އޭނާ ވިދާޅުވި އެވެ.

ޑރ. އަފްލާހު ވަނީ ބޭސްފިހާރަތަކުން ބޭސްސިޓީއަކާ ނުލައި އެންޓިބަޔޮޓިކް ދޫކުރާ މައްސަލަ ފާހަގަކުރައްވައިފަ އެވެ. އަދި އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުން ވެސް އެބަޖެހޭ ބަލަން މިދެވެނީ ރަނގަޅު މިންވަރަށްތޯ އެންޓިބައޮޓިކް. ބައެއް ފަހަރު ބަލިމީހާ ވެސް ޑޮކްޓަރުން ކައިރީ ބުނޭ ތަންކޮޅެއް މަތީ ޑޯޒެއް ދޭން. އެހެން ނަމަވެސް އެއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން،" ޑރ.އަފްލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވައިރަސް އަދި ފަންގަލް އިން ޖެހޭ ބަލިތަކަށް އެންޓިބަޔޮޓިކް ބޭނުން ނުވާނެ ކަމަށެވެ.