Roadha Mihaaru
"'ވަން ޕާކް އިން ވެހިކަލް ތޮއްޖެހުން ހައްލުވާނެ"

އާ ޕާކިން ބިލްޑިންއާ އެކު ހުޅުމާލޭގެ ވެހިކަލް ތޮއްޖެހުން ހައްލުވާނެ: އަކްރަމް

07 ޑިސެމްބަރ 2022

ހުޅުމާލޭގައި ދަމާސް އިން ހަދާ "ވަން ޕާކް" ބިލްޑިންއާ އެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހުޅުމާލޭގައި ދަމާސް އިން ހަދާ "ވަން ޕާކް" ބިލްޑިންއާ އެކު ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލު ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

ހ. މީރުމާގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ، މާލެ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެހިކަލް ޕާކު ކުރާނެ ޖާގަ ނެތުން ކަމަށްވާ އިރު އަލަށް ހަދާ މި އިމާރާތުން އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"މިއީ އެޗްޑީސީއިން އިސްނަގައިގެން ހުޅުވާލި ޕާކިން ސިސްޓަމަށް ދަމާސް އިން މިކަމަށް ކުރިމަތިލައްވައި، ދަމާސް އިން އެކަން ފެއްޓެވުމަށް ނިންމަވައި، އެކަމުގެ އެގްރީމެންޓުގައި ސޮއިކުރާ ދުވަސް. އަޅުގަނޑު އުންމީދު ކުރަނީ މި ޕާކިން ބިލްޑިން އަކީ ވަރަށް ފުރިހަމަ ބިލްޑިން އަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ދަމާސް އިން ވަނީ މީގެ ކުރިން ވެސް ވަރަށް ފުރިހަމަ ރިއަލް އެސްޓޭޓް ޕްރޮޖެކްޓްތައް ހިންގާފައި ކަމަށެވެ. އެހެންވެ، އަލަށް ހަދާ ޕާކިން ބިލްޑިން ވެސް އެހާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ވަން ޕާކް" ބިލްޑިންގެ މައުލޫމާތުތައް ހިމެނޭ ފޮތް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"ވަން ޕާކް" ބިލްޑިންގެ މައުލޫމާތުތައް ހިމެނޭ ފޮތް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ހުޅުމާލޭގައި މި ވަގުތު ޕާކު ކުރަން ހާއްސަ ތަނެއް ނުކުރެ އެވެ. ހަމައެކަނި ޕާކިން ހިދުމަތް ހުންނަނީ ކޮމާޝަލް ފްލެޓް އިމާރާތްތަކުގަ އެވެ. އެ ތަންތަނުން ޕާކިން ޖާގަ ލިބެނީ ހަމައެކަނި ފްލެޓް ގަންނަ މީހުންނަށެވެ. އެހެން މީހުން ކާރު ޕާކު ކުރަނީ އާންމު މަގުތަކުގަ އެވެ.

"ވަން ޕާކް" ބިލްޑިންގައި 500 ވެހިކަލަށް އެއްފަހަރާ ޕާކު ކުރެވޭނެ އެވެ. މި ބިލްޑިން ދިގު މުއްދަތުގެ ޕާކިން ޖާގަ އާއި ކުރުމުއްދަތުގެ ޕާކިން ޖާގަ ދޫކުރާނެ އެވެ.

ހަތް ބުރީގެ މި އިމާރާތުގެ ގްރައުންޑް ފްލޯ އާއި އެއްވަނަ ފްލޯ ފިޔަވައި އެހެން ހުރިހާ ފްލޯއެއްގައި ހުންނާނީ ޕާކިން ޖާގަ އެވެ. ގްރައުންޑާއި އެއްވަނަ ފްލޯގައި ހުންނާނީ ޝޮޕިން މޯލެކެވެ.