Roadha Mihaaru
އަލްހާންގެ ސްކީމަށް ދިން ފައިސާ ނުލިބި ހާސްކަން!

އަލްހާންގެ ސްކީމުން ބޮނޑިބޮއެ، އެތައް ބަޔަކު ގޮތްހުސްވެއްޖެ

12 ޑިސެމްބަރ 2022

މިއީ މިހާ ބޮޑު ފްރޯޑަކަށް ވާނެ ކަމަށް، މި ސްކީމަށް އިންވެސްޓް ކުރި އެކަކު ވެސް ހިޔެއް ނުކުރެ އެވެ. އެކަމަކު، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އިސްކޮށް ތިބެގެން ހިންގި ކިންގްސް ފޮރެކްސް ވީ އެތައް ބަޔަކަށް ދަންތުރަ އަކަށެވެ. އަދި އެއިން ސަލާމަތް ނުވި، އަދި ފަސޭހައިން ސަލާމަތް ވެސް ވާނެ އެއްޗަކަށް ނޫނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއީ މިހާ ބޮޑު ފްރޯޑަކަށް ވާނެ ކަމަށް، މި ސްކީމަށް އިންވެސްޓް ކުރި އެކަކު ވެސް ހިޔެއް ނުކުރެ އެވެ. އެކަމަކު، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ކޮއްކޮ، މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އިސްކޮށް ތިބެގެން ހިންގި ކިންގްސް ފޮރެކްސް ވީ އެތައް ބަޔަކަށް ދަންތުރަ އަކަށެވެ. އަދި އެއިން ސަލާމަތް ނުވި، އަދި ފަސޭހައިން ސަލާމަތް ވެސް ވާނެ އެއްޗަކަށް ނޫނެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން، އެކި މީހުންގެ އަތުން ފައިސާ ނަގައިގެން ވަރަށް ފުޅާ ދާއިރާއެއްގައި ފެށި މި ސްކީމުގައި ބައިވެރިވީ އާދައިގެ މީހުންނެއް ނޫނެވެ. އެ މީހުން އިންވެސްޓް ކުރީ ފޮރެކްސްގައި އިންވެސްޓް ކުރާ ކަމަށް، އެ މީހުންނަށް "ވަރަށް އިތުބާރު ކުރެވޭ" މީހަކު ދިން އުންމީދުތަކަކާ އެކު އެވެ. މި ރިޕޯޓަށް ވާހަކަ ދެއްކި ގިނަ ބަޔަކު ބުނީ، "ރާއްޖޭގެ ވެރިކަމަށް އަރަން އުޅޭ، އަދި ހައްގުތަކަށް ވަކާލާތު ކުރާ" މީހަކު އަޑީގައި ހުރެގެން ޔަގީންކަން ދިނުމުން ދެން އެކަމާ ޝައްކު ކުރާނީ ވެސް ކާކު ހެއްޔޭ އެވެ!

އެކަމަކު، އާޚިރު ނަތީޖާ ދެއްކީ އެހެނެއް ނޫނެވެ. އެ ސްކީމް ބަނގުރޫޓުވެ، އެތައް ބަޔަކަށް އޭގެ ގެއްލުން ފޯރައިފި އެވެ. ގާތްގަނޑަކަށް 70-80 މިލިއަން ރުފިޔާ އެ ސްކީމަށް ފަންޑުކޮށް، އެ ފައިސާ ދެ ގުނައެއް ނުވި އެވެ. އިންވެސްޓް ކުރި ފައިސާކޮޅު ވެސް އަނބުރާ ނުވެއް ލިބުނެވެ.

ކިންގްސް ފޮރެކްސްގެ ލޯގޯ

ކިންގްސް ފޮރެކްސްގެ ލޯގޯ

އެތައް ތާރީހެއް ދީފި، ފައިސާ ނުވެއް ލިބުނު!

އަލްހާން ހިންގި ކިންގްސް ކެޕިޓަލް ސްކީމް މީގެ ނުވަ ވަރަކަށް މަސް ދުވަސް ކުރިން މައްސަލަގަނޑަކަށް ވި ހިސާބުން އެ ފައިސާ ހޯދަން އިންވެސްޓަރުން މަސައްކަތް ކުރި އެވެ. އެ ސްކީމް މައްސަލަ އަކަށް ވީ، އެއީ ޕޮންޒީ ސްކީމްގެ ހުރިހާ ސިފައެއް ހުރި ސްކީމަކަށް ވެފައި، ހުއްދަ ނުހޯދައި އެކަހަލަ ފަންޑުތައް ނުހިންގޭނެ ކަމަށް އެމްއެމްއޭ އިން އިއުލާން ކުރި ހިސާބުންނެވެ. އޭރު، އެތައް ބަޔަކު އެ ސްކީމަށް ވަނީ އިންވެސްޓްކޮށްފަ އެވެ. އެ މީހުން ފައިސާ އިންވެސްޓް ކުރީ، އިންވެސްޓްކުރި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެ ގުނަ، ތިން ގުނަ ވާނެ ކަމަށް ބުނެ ކުންފުނިން ދިން ޔަގީން ކަމާ އެކު އެވެ.

އެކަމަކު އިންވެސްޓަރުން މުއާމަލާތު ކުރަމުން އައީ ޓެލެގްރާމް މެދުވެރިކޮށް ކަމަށް ވާތީ، ސީދާ އެ ކުންފުނީގެ އިސް މީހުންނާ ގުޅޭ ގޮތެއް އިންވެސްޓަރުންނަކަށް ނުވެ އެވެ. މެސެޖްތައް ބަދަލު ކުރަނީ ޓެލެގްރާމުންނެވެ. އަދި، ކުންފުނިން ވަކިވަކި މީހުންނަށް ވަކިވަކިން ޖަވާބު ދިނުމުގެ ބަދަލުގައި އެންމެންނަށް ފޮނުވަނީ ޖުމްލަ މެސެޖެކެވެ.

އެގޮތަށް އެކި ތާރީހުތައް ދީފި އެވެ. އިންވެސްޓަރުންގެ ޝަކުވާތައް ބޮޑުވާ ކޮންމެ ފަހަރަކު ވެސް ކޮންމެވެސް ތާރީހެއް ދެ އެވެ. އެންމެ ފަހުން، މިދިޔަ މަހު 17 ގައި ފޮނުވި މެސެޖެއްގައި ދިން ތާރީހަކީ އަންނަ ޖެނުއަރީ އެވެ.

"...އޭޕްރީލް މަސް ނިމުމުގެ ކުރިން ހުރހާ ބޭފުޅުންނަށް ވެސް ފައިސާ ދީ ނިންމޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އޮތް ވާހަކަ އިންވެސްޓަރުންގެ މައުލޫމާތަށް ޓަކައި ދަންނަވަން،" އެ ކުންފުނީގެ ޓެލެގްރާމް ގުރޫޕުގައި ވެ އެވެ.

އެކަމަކު، އިންވެސްޓަރުން އެކަން ގަބޫލެއް ނުކުރެ އެވެ. މީގެ ކުރިން ވެސް އެކަހަލަ ތަފާތު އެތައް ތާރީހެއް ދީގެން ވެސް އެއްވެސް ކަމެއް ނުވި އެވެ. އަދި އެއީ، ވަގުތު ދުއްވާލުމަށް އެ ކުންފުނިން ގެންގުޅޭ އުކުޅެއް ކަމަށް އިންވެސްޓަރުން ބުނެ އެވެ.

މި މައްސަލަ ވަރަށް ބޮޑުވެ، އަލްހާނާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރުތައް ވެސް ބައެއް މީހުން ދިން ކަމަށް އަލްހާން ބުނެ އެވެ. އަދި، އޭގެ ސަބަބުން ދިރިއުޅެން ދަތިވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ އޭނާ ވަނީ ޝަކުވާ ވެސް ކޮށްފަ އެވެ. އަދި އިންޒާރު ނުދިނުމަށް އޭނާ ތަކުރާރުކޮށް ވަނީ އެދިފަ އެވެ.

އިންވެސްޓްކުރި ފައިސާ ނުދެވިގެން އުޅެނީ ފައިސާ ރާއްޖެ އަށް އެތެރެކުރުމުގައި ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން ކަމަށް ކުންފުނިން ކުރިން ބުންޏެވެ.

ކިންގްސް އިން ކުރި އިޝްތިހާރެއް

ކިންގްސް އިން ކުރި އިޝްތިހާރެއް

އިންވެސްޓަރުންގެ ހިތްހަމަނުޖެހުމާއި ޝަކުވާތައް

"މިހާރު" އަށް އެނގިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކިންގްސް ކެޕިޓަލަށް 1500އެއްހާ މީހުން އިންވެސްޓް ކުރި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވަރަށް ގިނަ މުއްސަނދިން ވެސް ހިމެނެ އެވެ. އަދި ފޮރެކްސްގެ ތަޖުރިބާކާރުން ވެސް ހިމެނެ އެވެ.

"ހީވެސް ނުކުރަން މިހެންވާނެ ކަމަށް. އިންވެސްޓް ކުރީ ވަރަށް ބޮޑަށް ބަލާފައި. އެކަން ދިރާސާކޮށްފައި. އެކަމުގެ އެންމެ ކުރީގައި ހުރީ ވެސް މީހުން ދަންނަ މޫނެއް. އެހެންވެ، ބޮޑު ފްރޯޑަކަށް މިކަން ވާނެ ކަމަކަށް އުންމީދު ނުކުރަން،" އެ ސްކީމުގައި ބައިވެރިވެ ލަނޑު ލިބުނު މީހަކު ބުންޏެވެ.

އޭނާ ބުނީ، އިންވެސްޓް ކުރިތާ އެއް މަހަށް ފަހު ކިންގްސް ހޯލްޑިން އިން ފައިސާ ލިބުން އެއްކޮށް ހުއްޓުނީ ކަމަށެވެ.

"ބުނޭ ދޭނަމޭ. އެ ސްކީމު ހިންގުމުގައި އުޅުނު ގިނަ މީހުން ފޯނަށް ޖަވާބު ވެސް ނުދޭ. ހުންނަނީ ނަންބަރު ބްލޮކް ކޮށްފައި. އެކަމަކު މަދުމަދުން ނަމަވެސް އަލްހާނު މެސެޖުތަކަށް ޖަވާބު ދޭ. ބައެއް ފަހަރު ކުރާ މެސެޖަށް ދެ ހަފްތާ ފަހުން ވެސް ޖަވާބު ދީފާނެ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، ކިންގްސް ކެޕިޓަލުން މިހާރު ދޭ ތާރީހުތަކަށް އެއްވެސް އިތުބާރެއް ނުކުރާ ކަމަށެވެ.

މި ސްކީމަށް އިންވެސްޓް ކުރި އެހެން މީހަކު ބުނީ، އޭނާ ކިންގްސް ސްކީމަށް އިންވެސްޓް ކުރީ ކުރު މުއްދަތުގެ ލޯނެއް ނަގައިގެން ކަމަށެވެ. އޭނާ އަކީ ފޮރެކްސް ޓްރޭޑް ވެސް ކޮންމެވެސް ވަރަކަށް ކޮށް އުޅޭ މީހެކެވެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ފައިދާއަކަށް ވައުދު ވީތީ، އޭނާ ބޭނުންވީ އެކަން ތަޖުރިބާ ވެސް ކޮށްލާށެވެ.

"ލޯނެއް ނަގައިގެން 50،000ރ. އިންވެސްޓް ކުރީ. އަދިވެސް އެ ފައިސާ ނުލިބޭ. އޭނާ ބައެއް މީހުންނަށް ފައިސާ ދެމުން އަންނަ ކަމަށް ވަނީ. އޭނަ ވެސް މި ފައިސާ އަވަހަށް ދެނީ ބާރު ހުރި މީހުންނަށް. ސިޔާސީ ގޮތުންނާއި އެނޫން ގޮތް ގޮތުން. އާދައިގެ މީހުންނަށް މިކަމުން މި ގެއްލުން ވަނީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ، މިފަދަ ސްކީމަކުން އެތައް ބަޔަކަށް ގެއްލުވި އިރު، އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ކަންބޮޑުވާ ކަމަށެވެ.

"ނުފޫޒާއި ބާރު ހޯދައިގެން، ސަރުކާރާ ވެސް ގުޅިގެން މިކަންކަން މިކުރަނީ. އެހެންވެ އޭނާގެ މައްސަލަ ފުލުހަށް ހުށަހެޅިއަސް، އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް މި ގަބޫލު ކުރަނީ،" އޭނާ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އަދިވެސް ބަލަމުން އަންނަ ކަމަށެވެ. މައްސަލައާ ގުޅިގެން އަލްހާނުގެ އެކައުންޓް ފްރީޒު ކުރި ނަމަވެސް، އެނގިފައިވާ ގޮތުގައި އޭނާ ގެ އެކައުންޓްތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ކިންގްސް އަށް ލައްކައެއްހާ ރުފިޔާ އިންވެސްޓް ކުރި، މީހަކު ބުނީ، ކިންގްސް އަށް އިންވެސްޓް ކުރަން ޝައުުގުވެރިވީ، އެ މީހުން ސޯޝަލް މީޑިއާގައި އެހާ ފާޅުގައި މިކަން އިޝްތިހާރު ކުރަމުން ދިއުމުން ކަމަށެވެ. އޭނާ ބުނީ، މި ސްކީމުގެ ދަށުން އެ ކުންފުނިން ހިންގީ ބޮޑު ސްކޭމެއް ކަމަށް މިހާރު ޝައްކެއް ނެތި ގަބޫލު ކުރާ ކަމަށެވެ.

"އޭރު އެހާ ބައިވަރު މީހުން ސްކީމުގައި ބައިވެރިވަމުންދާތީ، އެ މީހުންނަށް ފުރަތަމަ އިންވެސްޓް ކުރަމުން ދިޔަ މީހުންނަށް އެ ފައިސާ ދެވޭނެތާ. މިހާރު ގަބޫލެއް ނުކުރަން، މިއީ ޓްރޭޑްކޮށްގެން ހިންގާ ސްކީމެއް ކަމަށް. އެހެން ނޫން ނަމަ އެހާ ބައިވަރު ފައިސާއެއް ނުދެއްކި ނުހުންނާނެ،" އޭނާ ބުންޏެވެ.

"އެއް ބަޔަކު އަތުން ފައިސާ ހޯދާފައި އަނެއް ބަޔަކަށް މި ވީކްލީ ރިޓާނުގެ ގޮތުގައި ފައިސާ ދެމުން ދިޔައީ. އެގޮތަށް އެކަން ކުރި ތިން ވަރަކަށް މަސް ދުވަހަށް. އެއްވެސް މައްސަލައެއް ނުޖެހި،" އޭނާ ބުންޏެވެ.

ސްކީމަށް ދިމާވި މައްސަލަތައް ކިޔައިދޭން އަލްހާން (ވ) ގާނޫނީ ވަކީލުންނާ އެކު ނޫސްވެރިންނާ ބައްދަލުކުރަނީ

ސްކީމަށް ދިމާވި މައްސަލަތައް ކިޔައިދޭން އަލްހާން (ވ) ގާނޫނީ ވަކީލުންނާ އެކު ނޫސްވެރިންނާ ބައްދަލުކުރަނީ

އެހެން މީހަކު ބުނީ ކިންގްސްގެ ޕެކޭޖެއް ނެގީ އެކަމުގައި އުޅުނު ބައެއް މީހުންގެ ތަޖުރިބާ އަށް ބަލައިފައި ކަމަށެވެ. އެހެން ނަމަވެސް އާކޮޅުވުމުން އެއްވެސް މީހަކަށް އޭގެ ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ފަހުން އިންވެސްޓް ކުރި ފައިސާ އޭނާ އަކަށް ވެސް ނުލިބެ އެވެ.

އަލްހާންގެ ކިންގްސް ކެޕިޓަލް އިން ހިންގި ސްކީމުގައި އެތައް ބަޔަކު ބައިވެރިވި އިރު އެކަމުން ގެއްލުން ލިބުނު މީހުން ވަނީ ވިކްޓިމް ގްރޫޕެއް ވެސް ހަދައިފަ އެވެ. އެ ގްރޫޕްގައި އެކަނި ވެސް 500 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބެއެވެ.

މި ސްކީމަށް ވަން އެހެން މީހަކު ބުނީ، އިންވެސްޓް ކުރުމުގެ ނަމުގައި އެ ކުންފުނީގެ އިސްވެރިން އެ މީހުން އިންވެސްޓް ކުރި ފައިސާ ކާލީ ކަމަށެވެ.

"ބައެއް މީހުން ކިޔާ، އަލްހާނު އޭނަ ނަގާފައި ހުރި ލޯނާއި އެހެން ކަންކަމަށް އެ ފައިސާ ބޭނުން ކުރިއްޔޭ. ވަރަށް ހީވޭ އެފަދަ ކަންކަން ހިނގިގެން. ސަބަބަކީ އިންވެސްޓް ކުރި ފައިސާކޮޅު ވެސް ނުލިބުނީމަ. އެފައިސާ ހުންނަންވާނެތާ، އެ އިންވެސްޓް ނުކުރެވި ހުރިއްޔާ ވެސް. ނޫނީ އެ ފައިސާ ގެއްލުނީ،" އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަލްހާނަށް ގުޅައި މެސެޖު ކުރުމުން ވެސް އޭނާ ޖަވާބެއް ނުދިނެވެ. މިދިޔަ މާޗް މަހު އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އަލްހާން ވިދާޅުވެފައި ވަނީ، އެ ކުންފުނިން ހިންގީ "ޕޮންޒީ ސްކީމް"އެއް ކަމަށް އެމްއެމްއޭ އިން ތުހުމަތު ކުރިޔަސް، އެފަދަ ސްކީމެއްގެ އެއްވެސް ސިފައެއް ފޮރެކްސް ޓްރޭޑިންގައި ނުހުންނާނެ ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މާލި ދާއިރާގެ ތަޖުރިބާކާރު ބޭފުޅަކު ބުނީ، ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން ހިންގި ސްކީމުގައި ޕޮންޒީ ސްކީމުގެ ސިފަތައް އެބަހުރި ކަމަށެވެ. ޕޮންޒީ ސްކީމުތަކުގައި އަބަދުވެސް ގެއްލުމާ ކުރިމަތިލާން ޖެހޭނީ، ސްކީމުގައި ފަހުން ބައިވެރިވާ މީހުންނެވެ. ސަބަބަކީ، ސްކީމު ބޮއްސުންލައި، ފައިސާ ނުދެވެން ފެށުމާ އެކު މީހުން ސްކީމާ އަލަށް ނުގުޅޭނެތީ އެވެ. މިފަދަ ސްކީމުތަކުގައި އަބަދުވެސް އިންވެސްޓަރަށް ފައިސާ ދޭނީ ފަހުން އިންވެސްޓް ކުރާ މީހުންދޭ ފައިސާއިންނެވެ. އޭނާ ބުނީ، ޓްރޭޑް ކޮށްގެން އޭރު ޕެކޭޖުތަކުގައި އެ ޕްރޮމިސް ކުރި ވަރުތައް ލިބޭނެ ކަމާ މެދު ޝައްކު ކަމަށެވެ. އެއީ ޓްރޭޑް ކުރުމުގައި ބައެއް ފަހަރު ގެއްލުން އަދި އަނެއްބައި ފަހަރު ފައިދާވާ ކަމަކަށް ވާތީ އެވެ.

މިފަދަ ސްކީމެއްގައި ގިނަ ބަޔަކަށް ގެއްލުންވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މިފަދަ ބައެއް ޕޮންޒީ ސްކީމުތަކުގެ މަޅީގައި ގިނަ ބަޔަކު ޖެހިފައިވެ އެވެ. އެހެން ނަމަވެސް، މިފަދަ ސްކީމުތަކަށް އެޅޭނެ ފިޔަވަޅެއް ނެތެވެ. އަދި އެ ފައިސާ އަނބުރާ ހޯދޭނެ ރަނގަޅު ނިޒާމެއް ވެސް ނެތެވެ. މިކަހަލަ ސްކީމްތަކަށް އިންވެސްޓް ނުކުރަން ޖެހޭ ސަބަބަކީ ވެސް އެއީ އެވެ.