Roadha Mihaaru

އެއްވަނަ ހޯދައި ދީމާ އޭޝިއާގެ މުބާރާތަށް ކޮލިފައިވެއްޖެ

ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، ދެކުނު އޭޝިއާ ކޮލިފައިންގައި ގުރޫޕް އެއްވަނަ ހޯދައި، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައި ވެއްޖެ އެވެ.

އެއްވަނައިގައި ދީމާ އޭޝިއާގެ މުބާރާތަށް ކޮލިފައިވެއްޖެ

ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިން ބުރުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، ދެކުނު އޭޝިއާ ކޮލިފައިންގައި ގުރޫޕް އެއްވަނަ ހޯދައި، ރާއްޖޭގެ ފާތިމަތު ދީމާ އަލީ އޭޝިއަން ޗެމްޕިއަންޝިޕަށް ކޮލިފައި ވެއްޖެ އެވެ.

އަށް ގުރޫޕަކަށް ބަހާލާފައިވާ އަންހެން ޑިވިޝަންގައި ދީމާ ހިމެނޭ ގުރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. މިއަދު ލަންކާގެ މަނީޝާ ޝަލިންޑީ އާ ދެކޮޅަށް ކުޅުނު މެޗު ދީމާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 11-8، 11-9 އަދި 11-6 ންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ނޭޕާލްގެ ރޭންކިންގެ ދެވަނަ އެލީނާ މަހާރްޖަންގެ މައްޗަށް ވެސް ކާމިޔާބު ހޯދީ ސީދާ ދެ ސެޓުންނެވެ.

ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ ކޮލިފައިން މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމުގެ ޓިޓީ ކުޅުންތެރިން ވެސް ބައިވެރި ވެއެވެ ސަރަހައްދީ ކޮލިފައިން ފަހަނައަޅައި އޭޝިއާގެ ކޮލިފައި މުބާރާތަށް ދަތުރު ކުރާނީ އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް އެންމެ ގަދަ 16 ކުޅުންތެރިންނެވެ. ގަތަރުގައި އަންނަ މަހު ބާއްވާ އޭޝިއާގެ މުބާރާތުން އެންމެ ގަދަ 26 ކުޅުންތެރިން ކޮލިފައި ވާނީ އަންނަ މެއި މަހު ދެކުނު އެފްރިކާގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލު ކުރަނީ ދީމާގެ އިތުރުން ރާއްޖޭގެ އެއްވަނަ ފިރިހެން ކުޅުންތެރިޔާ މުންސިފް އަހުމަދެވެ. ދީމާގެ މެޗުތަކުގައި އޭނާގެ ކޯޗެއްގެ ގޮތުގައި ވެސް އިރުޝާދު ދެނީ މުންސިފެވެ. މުންސިފް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ބަލިވެފަ އެވެ.

މި އަހަރު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާގެ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގައި ދީމާ ވަނީ ކެޑޭޓް ކަޓަގަރީން ފައިނަލުގައި ކުޅެފަ އެވެ. ރާއްޖޭގެ ސީނިއާ ޓީމަށް ކުޅުނު އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދީ ދީމާ ވަނީ ޖުލައި މަހިު އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން، ހޯދައިފި އެވެ. އެ މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިގެ ސެމީ ފައިނަލަށް ވެސް ދީމާ ވަނީ ދަތުރު ކޮށްފަ އެވެ.