Roadha Mihaaru

ކޯޓުން ޖަލަށް ގެންދިޔައިރު ފައިވާނުގައި ފޮރުވާފައި ހުރީ ފޯނާއި ސިމް

ފައިވާނެއްގެ ދަށްފުށް ކަފާލައިގެން އޭގައި ދެ ފޯނާއި ސިމްތަކަކާއި ޗާޖަރެއް ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޯޓުން ޖަލަށް ގެންދިޔައިރު ފައިވާނުގައި ފޯނާއި ސިމް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

09 ޑިސެމްބަރ 2022

ފައިވާނެއްގެ ދަށްފުށް ކަފާލައިގެން އޭގައި ދެ ފޯނާއި ސިމްތަކަކާއި ޗާޖަރެއް ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު، ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކުރައްވައި، ފޮޓޯއެއް ވެސް އާންމުކުރެއްވި އެވެ. އޭގައި ފެންނަނީ ދެ ފައިވާން ކިބައިގެ ދަށްފުށް ކަފާލައި، އެ ދޭތެރޭގައި ފޯނު ފޮރުވަން މަސައްކަތްކޮށްފައިވާ ތަނެވެ.

އެ ފޮޓޯގައި ފައިވާނާ އެކު ދެ ފޯނާއި 14 ސިމްކާޑުގެ އިތުރުން ޔޫއެސްބީ ވާގަނޑެއް ވެސް ފެނެ އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިއީ ބަންދުގައި ހުރި މީހަކު ކޯޓު އަޑުއެހުމަކަށް ގެންދިއުމަށް ފަހު އަނބުރާ ޖަލަށް ގެންދިޔަ ވަގުތުގައި އޭނާއާ ބައްދަލުކުރި މީހަކާ ފައިވާން ބަދަލުކޮށް، ޖަލަށް ތަކެތި ވައްދަން މަސައްކަތްކޮށްފަ އެވެ.

އެ ފައިވާނުގެ ދަށްފުށުގައި ރައްކާކޮށްގެން އެތަކެތި ޖަލަށް ވައްދަން މަސައްކަތްކުރި ނަމަވެސް އެތަކެތި އަތުލައިގެންފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

"އެ ފައިވާނުގެ ދަށްފުށް ކަފާލައި ފޯނާއި، ސިމްކާޑުގެ އިތުރުން ޗާޖަރެއް ރައްކާކޮށް ޖަލަށް ވައްދަން މަސައްކަތްކުރަނިކޮށް ވަނީ އަތުލައިގަނެވިފައި،" ޕްރިޒަން ކޮމިޝަނަރު ވިދާޅުވި އެވެ.

ފައިވާނުގައި ފޮރުވައިގެން ފޯނު ޖަލަށް ވައްދަން މަސައްކަތްކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު މާފުށީ ޖަލުގައި ވަނީ ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ބޮޑު އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަނުގައި ވެސް ފޯނާއި ސިމް ކާޑާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ކަރެކްޝަނުން ބުނެ އެވެ.

ޖަލަށް ފޯނު ވައްދައިގެން ބޮޑެތި ސްކޭމްތައް ހިންގަމުންދާއިރު ފުލުހުން ބުނެފައިވާ ގޮތުގައި 2019 އިން ފެށިގެން މިދިޔަ މެއި މަހުގެ ނިޔަލަށް 1،423 ސްކޭމް ކޯލުގެ މައްސަަލަ ރިޕޯޓްކޮށްފައިވެ އެވެ. މިފަދަ ގިނަ ކޯލްތަކަކީ ޖަލުގައި ތިބޭ ގައިދީން ވަގަށް ފޯނުު ވައްދައިގެން ކުރާ ކޯލުތަކެއް ކަމަށް ފުލުހުން ބުނެ އެވެ.