Roadha Mihaaru
ޓެރަރިޒަމް އޮޕަރޭޝަން: ބަންދުކުރި އެކަކު މިނިވަންކޮށްފި

ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫން ހައްޔަރުކުރި އެކަކު ހައިކޯޓުން މިނިވަންކޮށްފި

11 ޑިސެމްބަރ 2022

ޓެރަރިސްޓް ހަމަލާއެއް ދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނު ކަމަށް ބުނެ ދާދިފަހުން އައްޑޫން ހައްޔަރުކުރި މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެރަރިސްޓް ހަމަލާއެއް ދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނު ކަމަށް ބުނެ ދާދިފަހުން އައްޑޫން ހައްޔަރުކުރި މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.

މިދިޔަ މަހު އައްޑޫގައި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަންގައި 14 މީހަކު ހައްޔަރުކުރި އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުން އެ މީހުން އުޅުނީ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދޭށެވެ.

އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރެއިން ހައި ކޯޓުން މިއަދު މިނިވަންކުރީ ދަށު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި މީހެކެވެ.

އެ މީހާ ބަންދުކުރަން މަރަދޫފޭދޫ ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދުކުރި ހުކުމުގައިވަނީ އޭނާއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ރިޕޯޓުގައި ހުރި ވާހަކަތަކަށް ބުރަދަނެއް ލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން ޓެރަރިޒަމްގެ ގާނޫނު އޮންނަ ގޮތުން އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް މީހަކު ބަންދު ކުރެވޭނީ ގާނޫނުގައި ބުނާ ޝަރުތުތަކެއް ފުރިހަމަވުމާ އެކު، އެއަށް ބާރު ދޭ އިތުރު ހެކި ގަރީނާ ހުރި ނަމަ އެވެ. އަދި މި މައްސަލާގައި އެކަންކަން ފުރިހަމަ ނުވާތީ އޭނާ ބަންދުކުރުން ގޯސް ކަމަށް ހުކުމުގައިވެ އެވެ.

"ބާރު ދޭ އެއްވެސް ގަރީނާއެއް އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައިނުވާއިރު، ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެން." ހުކުމުގައިވެ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.