Roadha Mihaaru
ނެށުމާ ދެކޮޅުހެދި ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅަނީ

ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ޓީޗަރުންނަށް އިސްލާހީ ފިޔަވަޅު އަޅަނީ

14 ޑިސެމްބަރ 2022

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އއ. އުކުޅަހު ސްކޫލްގެ ކޮންސެޓްގައި މިއުޒިކަށް ނަށަން ދަސްކޮށްދޭން ދެކޮޅު ހެދި ތިން ޓީޗަރުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިއުޒިކާ އެކު ނަށަން ދަސްކޮށްދިނުމަށް ދެކޮޅު ހެދީ އެ ރަށު ޕްރީ ސްކޫލުގެ ހަަތަރު ޓީޗަރެކެވެ. އެ ޓީޗަރުންގެ ނިންމުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިރުޝާދު ދިން ނަމަވެސް ތިން ޓީޗަރަކު އެ ކަމަށް އިންކާރު ކުރީ އެވެ. އެހެންވެ، އެ ޓީޗަރުން ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 17ގަ އެވެ.

އެ ފަހަރުގެ ސަސްޕެންޝަންގެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން މިދިޔަ މަހުގެ ނިޔަލަށް ސަސްޕެންޝަން ދަންމައިލީ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވީ މުއްދަތު ހަމަވުމުން އެ ޓީޗަރުންގެ ސަސްޕެންޝަން މިހާރު އުވާލާފައިވާ ކަމަށެވެެ.

މިހާރު ކުރިއަށް ގެންދަނީ އެ ތިން މުވައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ މަރުހަލާ ކަމަށް ޕާމަންޓް ސެކްރެޓަރީ ވިދާޅުވި އެވެ.

މުވައްޒަފުންނަށް އަޅާ އިސްލާހީ ފިޔަވަޅަކީ ޒާތީ މައުލޫމާތަކަށް ވުމުން އެ ފިޔަވަޅުތަކުގެ ތަފްސީލު އިތުރު ފަރާތަކާ ހިއްސާ ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެ ޓީޗަރުން ސަސްޕެންޑް ކޮށްފައި ވަނީ އިދާރީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތަކީ ކަރިކިއުލަމް ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށާއި އެ ތިން ޓީޗަރުން ސަސްޕެންޑް ކުރީ ޓީޗަރެއްގެ މައިގަނޑު މަސްއޫލިޔަތު އަދާކުރުމަށް ދެކޮޅު ހެދުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެ އެވެ.