Roadha Mihaaru
ދެ އަހަރަށް ފަހު ހޮންގްކޮންގް ހުޅުވައިލަނީ

ދެ އަހަރަށް ފަހު ހޮންގްކޮންގް ހުޅުވައިލަނީ

04 އޮކްޓޯބަރ 2022

ބައިނަލްއަގުވާމީ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބަލަމުން އަންނަ ހޮންގްކޮންގް، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ދެ އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު، ޓޫރިސްޓުންނަށް ހުޅުވައިލަން ނިންމައިފި އެވެ.

ބައިނަލްއަގުވާމީ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބަލަމުން އަންނަ ހޮންގްކޮންގް، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ދެ އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު، ޓޫރިސްޓުންނަށް ހުޅުވައިލަން ނިންމައިފި އެވެ.

ޗައިނާގެ ވޫހާން ސަހަރުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެތުރެން ފެށި ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އެތައް ބަޔަކު މަރުވާން ފެށުމުން ގިނަ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރި އެވެ. ޗައިނާގެ ބައެއްގެ ގޮތުގައި އޮވެ ވަކި ވެރިކަމެއް ކުރަމުން އަންނަ ހޮންގްކޮންގް ވެސް، ބައިނަލްއަގުވާމީ އާންމު ދަތުރުތަކަށް ބަންދުކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ހޮންގްކޮންގް ސަރުކާރުން އެޅި އެންމެ ހަރުކަށި އެއް ފިޔަވަޅަކީ، ބޭރުން އަންނަ ކޮންމެ ބިދޭސީއަކު ވެސް، އެމީހެއްގެ އަމިއްލަ ޚަރަދުގައި، ސަރުކާރުން ކަނޑައަޅާ ޓޫރިސްޓު ހޮޓަލެއްގައި، 21 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހުމެވެ. ނަމަވެސް ހޮންގްކޮންގްގެ ގިނަ ބަޔަކު ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، އަދި އެހެން ގައުމުތަކުގައި ވެސް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރާ މީހުންގެ އަދަދު މަތިވުމާ އެކު، ކަރަންޓީނުގެ މުއްދަތު 21 ދުވަހުން ތިން ދުވަހަށް މަދުކުރި އެވެ.

އެއަށް ފަހު، މިދިޔަ ހުކުރު ދުވަހު ހޮންގްކޮންގް ސަރުކާރުން ވަނީ، ކަރަންޓީނުގެ އުސޫލު އުވާލައިފަ އެވެ. އޭގެ ބަދަލުގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށް ވެސް ހޮންގްކޮންގްއަށް އެތެރެ ވެވޭނެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފަ އެވެ.

ކަރަންޓީނު އުވައިލުމާ ގުޅިގެން، ހޮންގްކޮންގްއަށް ދަތުރުކުރާ ފްލައިޓްތަކަށް މިހާރު ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ. ހޮންގްކޮންގްގެ ގައުމީ އެއާލައިން ކެތޭ ޕެސިފިކަށް ބާރު ބޮޑުވުމުގެ ސަބަބުން، ޓިކެޓް ގަންނަން ބޭނުންވާ މީހުންނަށް މިހާރު ވަނީ، އޮންލައިން ވެއިޓިން ރޫމެއް ގާއިމުކޮށްފަ އެވެ.

ކަރަންޓީނު އުވައިލި ނަމަވެސް، ތިން ދުވަހުގެ ރައްކާތެރިކަމުގެ މުއްދަތެއް މިހާރު ވަނީ ކަނޑައަޅައިފަ އެވެ. މިހާރު ހޮންގްކޮންގް އަށް އެތެރެ ވެވޭނީ ވެކްސިން ފުރިހަމަ ކުރުމުގެ އިތުރުން، ކޮވިޑް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް ވެސް އޮވެގެންނެވެ. އެތެރެ ވުމަށް ފަހު ވެސް، ތިން ދުވަސް ވަންދެން ރެސްޓޯރަންޓްތަކާއި ބާތަކަށް ދިއުމަކީ މަނާކަމެކެވެ.

ފަތުރުވެރިކަމަށް ހޮންގްކޮންގް ހުޅުވައިލުމަށް ފަހު، މިއަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބައިނަލްއަގުވާމީ ބޭންކިން ސަމިޓެއް ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. މިއީ ބޭންކުތަކުގެ ވެރިންގެ އިތުރުން، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ބައިވެރިވާނެ ބައްދަލުވުމެކެވެ.

އޭގެ އިތުރުން، "އިންޓަނޭޝަނަލް ރަގްބީ ސެވެންސް" މުބާރާތް ވެސް ނޮވެމްބަރު މަހުގެ ތެރޭގައި ހޮންގްކޮންގްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ 1976 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ހޮންގްކޮންގްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ކޮވިޑްގެ ސަބަބުން މިދިޔަ ދެ އަހަރު އެ މުބާރާތް ނުބާއްވަ އެވެ.