Roadha Mihaaru
ޗައިނާގެ ދަތުރުވެރިންނަށް ފިޔަވަޅުތައް ވަރުގަދަކުރަނީ

ޗައިނާގެ ދަތުރުވެރިންނަށް ގައުމުތަކުން ފިޔަވަޅުތައް ވަރުގަދަ ކުރަނީ

29 ޑިސެމްބަރ 2022

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާ އިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލުމާއެކު އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ، އެ ގައުމުން އަންނަ މީހުން އެތެރެވުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް، އެހެން ގައުމުތަކުން ހަރުކަށިކޮށްފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް ޗައިނާ އިން އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލުމާއެކު އެ ގައުމުގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ، އެ ގައުމުން އަންނަ މީހުން އެތެރެވުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް، އެހެން ގައުމުތަކުން ހަރުކަށިކޮށްފި އެވެ.

އެ ގޮތުން އެމެރިކާ އިން މިހާރު ނިންމާފައިވަނީ، ޗައިނާ އިން އަންނަ ކޮންމެ މީހަކު އެމެރިކާގެ ކޮންމެ ސަރަހައްދަކަށް އެތެރެވި ނަމަވެސް، ކޮވިޑަށް ޓެސްޓުކޮށް ބަލިޖެހިފައި ނެތް ކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން އިޓަލީ، ޖަޕާން، މެލޭޝިޔާ، ތައިވާން އަދި އިންޑިއާ އިން ވެސް ވަނީ، ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާ އެކުގައި ނޫނީ، ޗައިނާ އިން އަންނަ މީހުން އެ ގައުމުތަކަށް އެތެރެވުން މަނާކޮށްފަ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުން ބުނި ގޮތުގައި، ޗައިނާ އިން އަންނަ މީހުން އިނގިރޭސި ވިލާތަށް އެތެރެވުމުގައި ވަކި ތަފާތު އުސޫލަކުން އަމަލުކުރަން ގަސްދެއް ނުކުރެ އެވެ.

ތިން އަހަރު ވަންދެން މުޅި ގައުމު ފުރަބަންދުކޮށްފައި ބޭއްވުމަށް ފަހު، ޗައިނާ އިން މި ހަފުތާގައި ނިންމާފައިވަނީ، މިއަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން، އާންމު ދަތުރުތަކަށް އެ ގައުމު ހުޅުވައިލުމަށެވެ. އެ ގޮތުން ޗައިނާ އިން މިހާރު ނިންމާފައިވަނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ކުރިން އަޅަމުން އައި އެންމެ މުހިންމު ފިޔަވަޅު ކަމަށްވާ، އެ ގައުމަށް އެތެރެވާ މީހުން ކަރަންޓީނުގައި ތިބުން، މިފެށޭ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެނައުމަށެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ޗައިނާ އިން ތަންފީޒު ކުރަމުން އައި، ޒީރޯ-ކޮވިޑް ސިޔާސަތުތަކަށް އަމަލުކުރުން ހުއްޓައިލުމުން، މިހާރު މެދުކަނޑާލާފައިވާ ވިސާތައް، އެ ތާރީޚުން ފެށިގެން އަލުން ދޫކުރަން ފަށާނެ އެވެ. ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، އަލުން ދޫކުރަން ފަށާ ވިސާތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ވިސާ އާއި ކިޔެވުމުގެ ވިސާގެ އިތުރުން، އާއިލާ މީހުންގެ ގާތަށް ޒިޔާރަތް ކުރުމުގެ ވިސާ ހިމެނެ އެވެ.

ނަމަވެސް ޓޫރިސްޓު ވިސާއާ މެދު ޗައިނާ ސަރުކާރުން ނިންމި ގޮތެއް އަދި ސާފެއް ނުވެ އެވެ. ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން، މި ވިސާތައް ދޫކުރުން މެދުކަނޑައިލުމުން، ޗައިނާ އަށް އެތެރެވާން ބޭނުންވި އެތައް މިލިއަން ބަޔަކު ޗައިނާ އަށް ދެވޭނެ ގޮތެއް ނެތި ތިބޭތާ ތިން އަހަރުވީ އެވެ.

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން، އެ ގައުމަށް އެތެރެވާ މީހުން، ޗައިނާ ސަރުކާރުން ކަނޑައަޅާ ވަކި ތަނެއްގައި ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖެއްސީ މާޗް 2020ގަ އެވެ. އެ އުސޫލުގެ ދަށުން، އެ ތާރީޚުގެ ފަހުން ޗައިނާއަށް އެތެރެވާ ކޮންމެ މީހަކު ތިން ހަފުތާގެ މުއްދަތަށް ކަރަންޓީނުގައި ހުރުމަށް ފަހުގައި ނޫނީ، ޗައިނާ އަށް އެތެރެ ނުވެވޭނެ އެވެ.

ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ދޭން ފެށި ލުއިތަކުގެ ތެރެއިން، ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތު، ދާދި ފަހަކުން ވަނީ ފަސް ދުވަހަށް މަދުކޮށްފަ އެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިއްޔެ އާންމުކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ޖެނުއަރީ 8 ވަނަ ދުވަހުން ފެށިގެން، ޗައިނާ އިން ބަލަމުން އަންނާނީ ކޮވިޑަކީ "ބީ" ދަރަޖައިގެ ބައްޔެއްގެ ގޮތުގަ އެވެ.