Roadha Mihaaru
ފީފާ ކްލަބް ވޯލްޑް ކަޕް ފެބްރުއަރީ މަހު މޮރޮކޯގައި

ފީފާ ކްލަބް ވޯލްޑް ކަޕް ފެބްރުއަރީ މަހު މޮރޮކޯގައި

17 ޑިސެމްބަރ 2022

މިހާރު ބާއްވާ ފޯމެޓަށް ކުރިއަށްގެންދާ ފަހު ފީފާ ކްލަބް ވޯލްޑް ކަޕް އަންނަ ފެބްރުއަރީ މަހު މޮރޮކޯގައި އޮންނާނެ ކަމަށާއި 2025 ވަނަ އަހަރުން ފެށިގެން އެ މުބާރާތް ބާއްވާނީ 32 ކްލަބާ އެކު ކަމަށް ފީފާ އިން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިހާރު ބާއްވާ ފޯމެޓަށް ކުރިއަށްގެންދާ ފަހު ފީފާ ކްލަބް ވޯލްޑް ކަޕް އަންނަ ފެބްރުއަރީ މަހު މޮރޮކޯގައި އޮންނާނެ ކަމަށާއި 2025 ވަނަ އަހަރުން ފެށިގެން އެ މުބާރާތް ބާއްވާނީ 32 ކްލަބާ އެކު ކަމަށް ފީފާ އިން ބުނެފި އެވެ.

ބައްރުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ބާއްވާ މި އަހަރުގެ މުބާރާތް ބާއްވަން ޝެޑިއުލްކޮށްފައިވާ ތާރީހަކީ އަންނަ އަހަރުގެ ފެބްރުއަރީ 1-11 އެވެ.

މުބާރާތުގައި ވާދަކުރާނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ބްރެޒިލްގެ ފްލެމިންގޯ އާއި އޭޝިއާގެ ތަމްސީކުރާ ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އާއި އުތުރު އެމެރިކާގެ ޗެމްޕިއަން އެމެރިކާގެ ސީޓްލް ސައުންޑާސް އާއި އޯޝޭނިއާގެ ޗެމްޕިއަން ނިއު ޒީލެންޑުގެ އޮކްލެންޑް ސިޓީ އަދި އެފްރިކާގެ ރަނަރަޕް މިސްރުގެ އަލް އަހްލީ އަދި އެފްރިކާގެ ޗެމްޕިއަން މޮރޮކޯގެ ވިދާދު ކަސަބްލަންކާ އެވެ.

މޮރޮކޯ ކްލަބަކަށް ފުރުސަތު ދެނީ މުބާރާތް ބާއްވާ ގައުމުގެ ކްލަބެއް ބައިވެރިކުރުމުގެ ގޮތުންނެވެ. އެކަމަކު މޮރޮކޯ އިން ހޮވުނު ކަސަބްލަންކާ އަކީ އެފްރިކާގެ ޗެމްޕިއަން ޓީމު ކަމަށްވާތީ، އެފްރިކާގެ ޖާގަ އެ ބައްރުގެ ރަނަރަޕް އަހްލީ އަށް ދިނީ އެވެ.

މޮރޮކޯ އަށް ފީފާ އިން މި ފުރުސަތު ދޭން ނިންމިކަން އިއުލާންކުރީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގައި އެ ގައުމުން ރަނގަޅު ނަތީޖާތަކެއް ނެރެ ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނަ ދަނޑިވަޅެއްގަ އެވެ. މޮރޮކޯ އިން އަންނަނީ 2030 ގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.

ފީފާ އިން ކުރިން ނިންމާފައި އޮތީ މުބާރާތް ފުޅާކޮށް 24 ޓީމާ އެކު މިދިޔަ އަހަރު ޗައިނާގައި އާ ފޯމެޓަށް ބާއްވާށެވެ. އެކަމަކު ކޮވިޑުގެ ސަބަބުން ކެންސަލްކުރީ އެވެ. އާ ފޯމެޓަށް 2025 ގައި ފަށާނީ 32 ޓީމާ އެކު އެވެ. މުބާރާތް ބާއްވާނީ ސެންޓްރަލައިޒްކޮށް، ޔޫރަޕުގެ އޮފް ސީޒަނުގައި ޖޫން މަހު އެވެ. އަދި ކުރިން އަހަރަކު އެއް ފަހަރު ބާއްވަމުން އައި މުބާރާތް ދެން އޮންނާނީ ހަތަރު އަހަރުން އެއް އަހަރު އެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ކްލަބް ވޯލްޑް ދެން ފެނިގެންދާނީ ގައުމުތަކުގެ މެދުގައި ބާއްވާ ވޯލްޑް ކަޕް ފަދަ ފޯރިގަދަ، ބޮޑު މުބާރާތެއްގެ ގޮތުގައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ނިންމުމަށް ޔޫރަޕުގެ ކްލަބްތަކާއި ޕްރޮފެޝަނަލް ކުޅުންތެރިންގެ ޔޫނިއަން ކަމަށްވާ ފިފްޕްރޯ އިން ދެކޮޅެވެ. ސަބަބަކީ އޮފް ސީޒަނުގައި އިތުރު ބޮޑު މުބާރާތެއް ބާއްވާ ނަމަ ކުޅުންތެރިންނަށް ލޯޑު ބޮޑުވުމެވެ. މިހާރު ވެސް ކްލަބް ސީޒަނާއި ގައުމީ ޓީމުގެ މެޗުތަކާ އެކު ކުޅުންތެރިންނަށް އަރާމުކުރަން އެކަށީގެންވާ ވަގުތެއް ނުލިބެ އެވެ.