Roadha Mihaaru
އެމްޕީއެލްގެ "ސޭފްޓީ ވީކް 2022" ފަށައިފި

އެމްޕީއެލްގެ "ސޭފްޓީ ވީކް 2022" ފަށައިފި

19 ޑިސެމްބަރ 2022

މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް އެމްޕީއެލް އިން ބާއްވާ "ސޭފްޓީ ވީކް 2022" މިއަދު ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމަށް އަހުލުވެރިކުރުމަށް އެމްޕީއެލް އިން ބާއްވާ "ސޭފްޓީ ވީކް 2022" މިއަދު ފަށައިފި އެވެ.

މިއީ އެ ޕްރޮގްރާމް އެމްޕީއެލުން ބާއްވާ ތިން ވަނަ ފަހަރެވެ. މިިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ސޭފްޓީ ވީކެއް ބޭއްވި އެވެ.

ހަފްތާއެއްގެ މުއްދަތަަށް ކުރިއަށް ގެންދާ "ސޭފްޓީ ވީކް" ގައި މި އަހަރު ވެސް ގިނަ ހަރަކާތްތަކެއް ހިމަނާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެމްޕީއެލްގެ "ސޭފްޓީ ވީކް 2022" ފެށުމުގެ ރަސްމިއްޔާތުގައި ޝީއީއޯ ސާހިދު ޝާހިދު އަލީ ވާހަކަ ދައްކަވަނީ --ފޮޓޯ: އެމްޕީއެލް

އެމްޕީއެލްގެ "ސޭފްޓީ ވީކް 2022" ފެށުމުގެ ރަސްމިއްޔާތުގައި ޝީއީއޯ ސާހިދު ޝާހިދު އަލީ ވާހަކަ ދައްކަވަނީ --ފޮޓޯ: އެމްޕީއެލް

"ސޭފްޓީ ވީކް" ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ޕޯޓް އޮޕަރޭޝަންތަކުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ މާހައުލެއް ގާއިމްކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒުކަމަށެވެ.

ޕޯޓް އޮޕަރޭޝަނަކީ އޭގެ ޒާތުގައި ނުރައްކާތެރި މަސައްކަތެއްކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވަން ހިންގާ "ސޭފްޓީ ވީކް" އަކީ މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ސްޓޭންޑާޑް ތަންފީޒުކުރުމުގެ ގޮތުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ "ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަމެންޓް ޕޮލިސީ ސްޓޭޓްމެންޓް" އިފްތިތާހުކޮށްފަ އެވެ. އެއީ ސިނާއަތުގެ އެންމެ ރަނގަޅު އުސޫލުތައް ތަންފީޒުކޮށް، އެންމެ މަތީ ރައްކާތެރިކަމުގެ މިންގަޑުތަކަށް ތަބާވެ، ކުންފުނީގެ ހުރިހާ އޮޕަރޭޝަންތައް ރައްކާތެރިކަމާ އެކު ކުރިއަށްދާކަން ކަށަވަރުކުރުން ކަމަށް އެމްޕީއެލުން ބުންޏެވެ.

ހިތްވަރުދިނުމުގެ ގޮތުން މަޖޫރީންނަށް ހެލްމެޓު ހަވާލު ކުރަނީ --ފޮޓޯ: އެމްޕީއެލް

ހިތްވަރުދިނުމުގެ ގޮތުން މަޖޫރީންނަށް ހެލްމެޓު ހަވާލު ކުރަނީ --ފޮޓޯ: އެމްޕީއެލް

އޭގެ އިތުރުން، ޕޯޓުގައި މަސައްކަތްކުރާ މަޖޫރީންގެ އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން އެ މީހުންނަށް އެމްޕީއެލް އިން ވަނީ ހެލްމެޓް ހަދިޔާކޮށްފަ އެވެ.

އެމްޕީއެލްގެ ސޭފްޓީ ޑިޕާޓްމަންޓަށް ގިނަ ދުވަހު ހިދުމަތްކޮށްދިން މުވައްޒަފުންނާއި، މާލެ ވިޔަފާރި ބަނދަރުގައި ހިނގާދިޔަ މީހުންގެ ފުރާނަޔާ މުދާ ސަލާމަތްކޮށްދިން މުވައްޒަފުންގެ އިތުރުން އެ ކުންފުންޏާ އެކު މަސައްކަތްކުރާ އެހެން މުއައްސަސާތަކަށް ވަނީ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދީފަ އެވެ.

މާލެ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާ ތަކުގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާނުގައި އޮތް ސުކޫތުގައި ބައިވެރިވަނީ. ---ފޮޓޯ: އެމްޕީއެލް

މާލެ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާ ތަކުގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާނުގައި އޮތް ސުކޫތުގައި ބައިވެރިވަނީ. ---ފޮޓޯ: އެމްޕީއެލް

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މީގެ ކުރިން މާލެ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާތަކުގައި ފުރާނަ ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ފާހަގަކޮށްފަ އެވެ.