Roadha Mihaaru
އެމްޕީއެލުން ސަލާމަތީ ކަންތަކަށް ހޭލުންތެރި ކުރުވަނީ

އެމްޕީއެލުން ސަލާމަތީ ކަންތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

25 ޑިސެމްބަރ 2019

އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް ވަންނަ މުވައްޒަފުންނަށް ހާއްސަކޮށްގެން "ޕޯޓް ސޭފްޓީ ވީކް" ނަމުގައި ސަލާމަތީ ކަންތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޕީއެލްގެ ބަނދަރު ސަރަހައްދަށް ވަންނަ މުވައްޒަފުންނަށް ހާއްސަކޮށްގެން "ޕޯޓް ސޭފްޓީ ވީކް" ނަމުގައި ސަލާމަތީ ކަންތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އަންނަ ހޯމަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބަނދަރު ސަރަހައްދަށް ވަންނަ އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން ކޮންޓެއިނާ ކްލިއަރެންސަށް ވަންނަ މީހުން ވެސް ހޭލުންތެރި ކުރުވާނެ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ "ރައްކާވެ ތިބިއްޔާ ދަތުރު" މި ޝިއާރުގެ ދަށުންނެވެ. މިއީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަމާ ގުޅިގެން ހަދާފައިވާ ޕޮލިސީތަކަށް މީހުން އަހުލުވެރިކޮށް ސަލާމަތާއި ރައްކާތެރިކަމުގެ ސަގާފަތެއް ގާއިމްކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އެމްޕީއެލްގައި ހިތާމަވެރި ހާދިސާތައް ހިނގާފައިވަނީ އަޅަންޖެހޭ ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށެވެ. އެކަން ހައްލުކޮށް ސަލާމަތީ ކަންކަން އެންމެ ފުރިހަމަ ކުރުމަށް މިހާރު އެމްޕީއެލުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ "ޕޯޓް ސޭފްޓީ ވީކް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޕީއެލްގެ ސީއީއޯ "ޕޯޓް ސޭފްޓީ ވީކް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ އެންމެ ގިނަ ހަދިސާތައް ހިނގަނީ ބަނދަރު ސަރަހައްދުތަކުގައި ކަމަށްވުމުން އެކަމަށް ހުރިހާ މުވައްޒަފުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެ ސަރަހައްދަށް ވަންނަ އެންމެން ވެސް އެއީ މުހިންމު ކަމެއް ކަމަށް ދެކިގެން ނޫނީ ސަލާމަތީ ފިޔަވަޅުތައް ފުރިހަމަ ނުވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ގަވާއިދުތައް ހެދިދާނެ. ނަމަވެސް މި ގަވާއިދު ހިންގަން ތިބި ބަޔަކު މި ގަވާއިދުތައް ގަބޫލު ނުކުރަންޏާ ނުހިނގާނެ. މިތަނަށް ވަންނަ ކޮންމެ މީހަކު ވެސް ވީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ބޫޓާއި ޖެކެޓާއި ހެލްމެޓް އަޅަން. މީގެ ސަބަބުން ސަލާމަތާއި ރައްކާތެރިަކމުގެ ސަގާފަތެއް އުފެދިގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.

މި ހަފްލާގައި އެމްޕީއެލުން ވަނީ ބަނދަރު ސަރަހައްދުގައި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ ހަނދާން އާކޮށް ހަމަހިމޭން ކަމުގެ ސުކޫތެއް ހޭދަކޮށްފަ އެވެ. އެފަދަ ހާދިސާތަކުން އިބުރަތް ހާސިލްކޮށް ސަލާމަތީ ކަންކަމުގައި ފަރުވާ ބަހައްޓަން އެމްޕީއެލުން އިލްތިމާސް ކުރެ އެވެ.