Roadha Mihaaru
ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ހެދުމުން

ފެނުނީ ގެއްލުނު މުވައްޒަފުކަން ކަށަވަރުވާނީ ޑީއެންއޭ ޓެސްޓަށް ފަހު: އެފްކޮންސް

19 ޑިސެމްބަރ 2022

އިންޑިއާގެ އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަނިކޮށް ފެނުނު އިންސާނެއްގެ ކަށިތަކަކީ ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ޓެސްޓު ހަދައިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އިންޑިއާގެ އެފްކޮންސް ކުންފުނީގެ ގުޅިފަޅު އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު، އެ ކުންފުނީގެ މުވައްޒަފަކު ގެއްލިގެން ހޯދަނިކޮށް ފެނުނު އިންސާނެއްގެ ކަށިތަކަކީ ކާކުގެ ކަށިތަކެއްކަން އެނގޭނީ ޑީއެންއޭ ޓެސްޓު ހަދައިގެން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސްގެ މުވައްޒަފުން ދިރިއުޅޭ ތަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އެފްކޮންސްގެ މުވައްޒަފެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފުލުހުންނަށް އިންސާނެއްގެ ކަށިތަކެއް ފެނިފައިވާއިރު، އެއީ ކާކުކަން ކަށަވަރު ކުރެވޭނީ ޑީއެންއޭ ޓެސްޓު ހެދުމަށް ފަހު ކަމަށެވެ.

ނަމަވެސް އެފްކޮންސްއިން ބުނީ ގެއްލުނު މުވައްޒަފުގެ އާއިލާއާ މުއާމަލާތު ކުރަމުން އަންނަ ކަމަށާއި އާއިލާއަށް އެއްބާރުލުމާއި އެހީތެރިކަން ދޭ ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކުންފުންޏަށް އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

އެފްކޮންސްއިން ކުރިން ވެސް ބުނެފައިވާ ގޮތުގައި އެ ސައިޓުގައި މަސައްކަތް ކުރާ 457 މުވައްޒަަފުން އުޅެ އެެވެ. އެތަނުގައި މަސައްކަތް ކުރި އެކަކު ފިޔަވައި އެންމެން ވެސް ސަލާމަތްވިކަން ކަށަވަރުވި ނަމަވެސް، ގިނަ ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ. އެގޮތުން:

- 78 މީހަކު ހޮސްޕިޓަލަށް ގެންދިޔަ.

- 35 މީހަކު އެޑްމިޓްކޮށްގެން ފަރުވާދިން.

- 24 މީހަކަށް ލިބުނު ކުދި އަނިޔާތަކަށް ފަރުވާދީފައިވޭ.

- ހަތަރު މީހެއްގެ އޮޕަރޭޝަން ކޮށްފައިވޭ.

އަލިފާނުގެ އަސަރު ކުރި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އެފްކޮންސް އިން ބުންޏެވެ. އެގޮތުން ފޯނާއި ސިމްކާޑާއި އަންނައުނާއި ސޫޓްކޭހާއި ފައިސާގެ އެހީ ދެމުންދާ ކަމަށް ބުންޏެވެ.