Roadha Mihaaru
ބަރަހަނާ ފިލްމަށް އެޑިކްޓުވެ ގުޅުންތައް ހީނަރުވަނީ

ބަރަހަނާ ފިލްމަށް އެޑިކްޓުވެ ގުޅުންތައް ހީނަރުވަނީ

20 ޑިސެމްބަރ 2022

އަދީލާގެ ޝަކުވާ އަކީ އޭނާގެ ފިރިމީހާއާ އެކު ހޭދަކުރަންޖެހޭ ކޮންމެ ވަގުތެއް ބަރަހަނާ ފިލްމު ބެލުމުގައި އޮންނަން ޖެހުމެވެ. ވަގުތެއް ވެއްޖެ ނަމަ ފިރިމީހާގެ ކަމަކީ އެއީ އެވެ. ފިރިމީހާ ވަޒީފާގައި، އޮފީހަށް ގޮސް ހުރެގެން ވެސް ފޯނަށް އެންމެ ގިނައިން ފޮނުވާ އެކައްޗަކީ ވެސް އޭގެ ފޮޓޯ އާއި ވީޑިއޯ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އަދީލާގެ ޝަކުވާ އަކީ އޭނާގެ ފިރިމީހާއާ އެކު ހޭދަކުރަންޖެހޭ ކޮންމެ ވަގުތެއް ބަރަހަނާ ފިލްމު ބެލުމުގައި އޮންނަން ޖެހުމެވެ. ވަގުތެއް ވެއްޖެ ނަމަ ފިރިމީހާގެ ކަމަކީ އެއީ އެވެ. ފިރިމީހާ ވަޒީފާގައި، އޮފީހަށް ގޮސް ހުރެގެން ވެސް ފޯނަށް އެންމެ ގިނައިން ފޮނުވާ އެކައްޗަކީ ވެސް އޭގެ ފޮޓޯ އާއި ވީޑިއޯ އެވެ.

ކައިވެނީގެ ކުރީކޮޅު އޭނާ ހީކުރީ މިކަން ދުވަސްކޮޅަކުން ހައްލުވެދާނެ ކަމަށެވެ. އެކަމަކު ވީ އެހެންނެއް ނޫނެވެ. މަޑުމަޑުން މިކަން ބޮޑުވަމުން ގޮސް އެންމެ ފަހުން އަދީލާއަށް މަޖުބޫރުވާން ފެށީ ބަލަމުން ދިޔަ މަންޒަރުތައް ހަގީގަތަކަށް ހަދާށެވެ. އެކަމަކު ކޮށްގެން ނުވާނެ އެތައް ކަމަކަށް މަޖުބޫރުކުރަން ފެށި ހިސާބުން ދެމަފިރިންގެ މެދުގައި މައްސަލަޖެހެން ފެށީ އެވެ؛ މިހާރު ވަރިފަށުގަ އެވެ.

އަދީލާ އަކީ މިކަން ދިމާވި މީހާގެ އަސްލު ނަމެއް ނޫނެވެ. އަހަރެމެންގެ ތެރޭގައި ނުދެއްކޭ މި ވާހަކަ ބޮޑު ވަބާއަކަށް ވެގެން ދާއިރު ވެސް ނުވާ ކަމަކަށް ހަދައިގެން ތިބޭތީ ފާޅުގައި މި ވާހަކަ ދައްކަން ނުކެރެނީ އެވެ.

އަދީލާ ގަބޫލުކުރާ ގޮތުގައި އޭނާގެ ފިރިމީހާ އަކީ "ޕޯން އެޑިކްޓް" އެކެވެ. ރެޔާއި ދުވާލު އެ ބަލާ ބަރަހަނާ ވެބްސައިޓްތަކުން ފެންނަ ކަންކަމުން ނޫން ގޮތަކަށް ފިރިމީހާގެ ހިތްހަމަނުޖެހުމާއި އެ މަންޒަރުތައް ބެލުމުގައި އާދަޔާ ހިލާފަށް ގިނަ ވަގުތު ހޭދަކުރުމާއި އަބަދު އެ ވާހަކަ އެކި ގޮތްގޮތަށް ދެއްކުމާއި މި ހުރިހާ ކަމަކަށް ބަލާފައި އަދީލާއަށް އެ ނޫން ގޮތަކަށް ގަބޫލު ނުކުރެވެނީ އެވެ.

މަދު މީހަކު ސީދާ މި ވާހަކަ ހަގީގަތަކަށް ބުނަނީ. ގިނަ ފަހަރަށް މި ވާހަކަ މި ދައްކަނީ ހުއްދަ ނޫން ގޮތް ގޮތަށް ޖިންސީ އަމަލުތައް ހިންގަން އުޅެނީއޭ ކިޔާފައި. އެކަމަކު ވަރަށް ގިނަ ފަހަރު މި ސަބަބު މި އަންނަނީ ބަރަހަނާ ފިލްމުތަކުގެ ސަބަބުން

އާއިލީ މައްސަލަތަކުގައި ކޯޓަށް ވަޑައިގަންނަވާ ވަކީލަކު ވިދާޅުވި ގޮތުގައި އާއިލާތައް ރޫޅޭ އެއް ސަބަބަކަށް މިހާރު ބަރަހަނާ ފިލްމުގެ މައްސަލަ ވެއްޖެ އެވެ.

"މަދު މީހަކު ސީދާ މި ވާހަކަ ހަގީގަތަކަށް ބުނަނީ. ގިނަ ފަހަރަށް މި ވާހަކަ މި ދައްކަނީ ހުއްދަ ނޫން ގޮތް ގޮތަށް ޖިންސީ އަމަލުތައް ހިންގަން އުޅެނީއޭ ކިޔާފައި. އެކަމަކު ވަރަށް ގިނަ ފަހަރު މި ސަބަބު މި އަންނަނީ ބަރަހަނާ ފިލްމުތަކުގެ ސަބަބުން،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި މިހާރު ހޭލުންތެރިކަން އުފައްދަން ޖެހިފައި އޮތް މައްސަލައެކެވެ. ދެމަފިރިން "މަޖަލަކަށް" ބަރަހަނާ މަންޒަރުތަކުގެ ތެރެއަށް ގެނބެމުން ގޮސް އޭގެ ތެރޭގައި ޣަރަގުވާއިރު ވެސް ނޭނގެނީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ދީނީ ގޮތުންނާއި އަހުލާގީ ގޮތުން ވެސް ނުބައިކަން ބޮޑުވެގެންވާ މި އަމަލު ރާއްޖޭގައި "އެންމެ ދަންނަ ސިއްރެއް" ގޮތަށް އޮތަސް، އެކި ގައުމުތަކުގައި މިއީ ބަލިމަޑުކަމެއްގެ ގޮތުގައި ބެލެވޭ ވަރަށް ގޯސްވެއްޖެ އެވެ. އެކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައި ހުންނަ ރިޕޯޓްތަކާއި މިކަން ތަޖުރިބާކޮށްފައިވާ މީސްމީހުންގެ އިންޓަވިއުތަކުން އެނގޭ ގޮތުގައި ބަރަހަނާ ފިލްމަށް މީހާ ހުސްވުމުން ބައިވެރިޔާ އަކީ އެ މީހަކު ފިލްމުތަކުން އެ ބަލާ ކަންކަން ތަޖުރިބާކުރަން ގެންގުޅޭ "އެއްޗަކަށް" ބަދަލުވަނީ އެވެ. ލޯތްބާއި ކުލުނު ކެނޑެނީ އެވެ. މިހެން މި ވީ ބަރަހަނާ ފިލްމުތަކުގެ ސަބަބުންކަން ރެޔަކާ ވެސް ނުލަނީ އެވެ.

އަދީލާގެ ވާހަކަ މި ކަންކަމާ ދިމާވެ އެވެ. ކައިވެނީގެ ވަކި ހިސާބަކުން ފިރިމީހާ އަށް އަދީލާ އަކީ މީހަކަށް ނުވާން ފެށީ އެވެ. އެ ހިސާބުން އަދީލާއަށް ވެސް ފިރިމީހާ ބޮޑު ފޫއްސަކަށްވީ އެވެ.

ޕޯން އެޑިކްޝަންގެ ބައެއް އަލާމާތްތައް

● ވަގުތު ހުސްކޮށްގެން ވެސް ބަރަހަނާ ފިލްމު ބެލުން.

● އާންމުކޮށް ކޮށް އުުޅުނު ބައެއް ކަންކަމަށް ޝައުގުވެރިކަން ގެއްލި ބަރަހަނާ ފިލްމު ބެލުމުގައި އެ ވަގުތު ހޭދަކުރުން.

● މީހުންނާ އެކީ އުޅޭ ވަގުތު މަދުވާން ފެށުން.

● ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ އާންމު ތަންތަނުގައި އިނދެގެން ވެސް ބަރަހަނާ މަންޒަރުތައް ބެލުން އާދަވާން ފެށުން.

● ދެމަފިރިކަމުގެ ގުޅުން ހީނަރުވާން ފެށުން

● ޖިންސީ ކަންކަމުގައި ދުވަހަކު ވެސް ހިތްހަމަޖެހޭ ވަރު ނުވުން

● ބަރަހަނާ މަންޒަރުތައް ބެލުން ހުއްޓާލަން ބޭނުންވިޔަސް އެކަން ނުވުން

މިއީ ސިއްހީ ދިރާސާތައް ޝާއިއުކުރާ ވެބްއެމްޑީ ވެބްސައިޓްގައި، ޕޯން އެޑިކްޝަންގެ ބައެއް އަލާމާތްތަކުގެ ގޮތުގައި ލިސްޓުކޮށްފައި ހުރި ބައެއް ކަންކަމެވެ.

ބަރަހަނާ ފިލްމު ބެލުން އާދަަޔަކަށް ހަދައިގެން އުޅޭ އެތައް ބަޔަކު ބުނާ އެއް ވާހަކަ އަކީ، އެ މީހުން އެ ބަލަނީ "އަސްލެއް ނޫން" ކަން އެ މީހުންނަށް އެނގޭ ކަމަށާއި އެހެންވެ އެކަމުން އެ މީހުންގެ ވިސްނުމަށް ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެ ކަމަށެވެ. އެކަމަކު ޖިންސީ މަންޒަރުތައް ބެލުމުން ސިކުނޑިއަށް އަންނަ ބަދަލުތަކާއި މަސްތުވާ އެކި ބާވަތްތަކުން ސިކުނޑިއަށް އަންނަ ބަދަލުތަކާ ދާދި އެއްގޮތްކަން އެނގޭ ކިތަންމެ ދިރާސާއެއް އެބަހުއްޓެވެ. ނަތީޖާއަކަށް ވަނީ މަސްތުވާތަކެއްޗަށް ދެވި ހިފާހެން، ބަރަހަނާ މަންޒަރުތައް ބެލުމަށް ވެސް ދެވި ހިފުމެވެ. ހަގީގަތަކަށް ވުރެ މާ ބޮޑުކޮށްލައިގެން ދައްކާ ބަރަހަނާ މަންޒަރުތަކުން "ލިބޭ އުފާ" ހަގީގީ ދިރިއުޅުމުގައި ބައިވެރިޔާގެ ފަރާތުން ނުލިބުމެވެ. އަނެއްކާ އެނބުރި ދާންޖެހެނީ ބަރަހާ ސައިޓްތަކުގެ ތެރެއަށެވެ.

ވެބްއެމްޑީގައި ބުނެފައިވާ ގޮތުގައި ބަރަހަނާ ފިލްމު ބެލުން އާދަޔަކަށް ހަދައިގެން އުޅޭ މީހުންގެ ޖިންސީ ކަންކަމަށް ބޭނުންވާ ވަރު ގިނަ އެވެ. އަދި އެ ބޭނުންވާ ވަރަށް އެކަން ނުވުމުން އަނެއްކާ ބަލަނީ އޭގެ މަންޒަރުތައް ކަމަށާއި ދެމަފިރިންގެ "ގުޅުން" ގޯސްވުމުން ވެސް ބައެއް މީހުން ޕޯން އަކީ ހައްލެއް ކަމަށް ބަލައިގެން އޭގެ ތެރެއަށް ގޮސް އިތުރަށް މައްސަލަ ގޯސްވާ ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގައި "ޕޯން" ސާޗްގެ ޓްރެންޑް ހުރި ގޮތް

މިދިޔަ ފަސް އަހަރު ރާއްޖޭގައި "ޕޯން" ސާޗްގެ ޓްރެންޑް ހުރި ގޮތް

ޕޯން އެޑިކްޝަންއާ ދެކޮޅަށް އެންމެ މުހިންމު ކަމަކީ މިފަދަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުން ނުވަތަ އެއްވެސް ހުރަހެއް ނެތި ފަސޭހަކަމާ އެކު ވަދެވޭ ގޮތަށް ހުންނަ ހުރުން ނިމުމަކަށް ގެނައުމެވެ. މިއީ ކުޑަކުދިން އިންޓަނެޓަށް ހުށަހެޅިފައި ވާތީ ކޮންހެން ކުރަންޖެހޭ ކަމެކެވެ.

ރާއްޖޭގައި އެކި ސަރުކާރުތަކުން އެކި ދުވަސްވަރު މިކަމުގައި އެކި ގޮތްގޮތަށް ވާހަކަ ދައްކާފައިވެ އެވެ. ދެތިން ބަޔާނާއި ސިޓީއަކުން އެކަން ބޮނޑުނަގުލަށް ނިމެނީ އެވެ.

ބޮޑެތި މީހުން އަދި ހާއްސަކޮށް ފުރާވަރަށް އަޅައިގެން އަންނަ ކުދިން ޕޯންގެ ވަބާއިން ސަލާމަތްކުރަން ކިތަންމެ ގައުމެއްގައި ވަނީ ފިޔަވަޅުތައް އަޅައިފަ އެވެ. އެކަމަކު، މި ޒަމާނުގައި ވެބްސައިޓަކަށް ނުވަދެވޭނެ ގޮތެއް ނުހެދޭނެ ނޫންހޭ ބުނެ މި ތިބީ އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.

ބަރަަހަނާ ފިލްމު ބެލުމާއި އެކަމާ ގުޅިގެން އުފޭ މައްސަލަތަކުގެ ވާހަކަ ދައްކަން ނުކެރިފައި ތިއްބަސް، ޖެހިގެން އިން މީހާ ގާތު ވެސް މިހެން ދިމާވެގެން އުޅޭ ބަަޔަކު ދަންނަންތޯ އަހައިފި ނަމަ އާއެކޭ ބުނުމުގެ ފުރުސަތު ވަރަށް ބޮޑުކަން މި ރިޕޯޓް ލިޔުމުގެތެރެއިން ފާހަގަވި އެވެ. އަނެއް ހަގީގަތަކީ ގޫގުލްގައި ރާއްޖޭން "ޕޯން" އަދި "ސެކްސް" ސާޗްކޮށްފައި ހުންނަ ވަރު ކޮންމެ އަހަރެއްގެ ރޯދަ މަހުގެ މަދު ދުވަސްކޮޅަކަށް ނޫނީ ދަށަށް ޖެހިނުލާ ކަމެވެ. މީގެ ތެރޭގައި ސާޗްކޮށްފައި ހުންނަ ބަސްތަކާއި ޓޮޕިކްތަކުގެ ހުތުރުކަން ވަރަށް ބޮޑެވެ.