Roadha Mihaaru
ވަރިވާން އުޅޭ ވާހަކަ ދައްކާތީ ޝިލްޕާ ހިތްހަމައެއްނުޖެހޭ

ފިރިމީހާ ރާޖް ގާތުން ވަރިވާން އުޅޭ ވާހަކަ ދައްކާތީ ޝިލްޕާ ހިތްހަމައެއްނުޖެހޭ

11 ސެޕްޓެމްބަރ 2021

ޖަލުގައި އޮތް ފިރިމީހާ ރާޖް ކުންދުރާ ގާތުން ބަތަލާ ޝިލްޕާ ޝެޓީ ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން ވަރަށް ހިތްހަމަނުޖެހޭ ކަމަށް ޝިލްޕާ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަލުގައި އޮތް ފިރިމީހާ ރާޖް ކުންދުރާ ގާތުން ބަތަލާ ޝިލްޕާ ޝެޓީ ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ވާހަކަތަކުގެ ސަބަބުން ވަރަށް ހިތްހަމަނުޖެހޭ ކަމަށް ޝިލްޕާ ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ހިމޭނުން ހުރުމަކީ ބަޔަކަށް ފެންނަހާ އެއްޗެއް ކިޔައި، ބޭނުންހާ އެއްޗެއް މީޑިއާތަކުގައި ފަތުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އޭނާ ރާޖް ގާތުން ވަރިވާން އުޅޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަދަހަދައިގެން ވާހަކަތައް ގެނެސްދެނީ ކިޔާނެ ނުކިޔާނެ އެއްޗެއް ނޭނގިގެން ކަމަށް ބުންޏެވެ.

"މިއަށް ބުނެވިދާނެ ބަޔަކު މޮޔަވެގެން އުޅެނީއޭ ވެސް. އެހެން ނޫން ދެން ކޮން ކަމެއް؟ އަހަރެން ވަރަށް ލޯބިވޭ ފިރިމީހާ ދެކެ. އެއީ އަހެންގެ ސޯލްމޭޓް،" ދެ ކުދިން ވެސް ތިބި ޝިލްޕާ ބުންޏެވެ. "ފިރިމީހާ މައްސަލައެެއްގައި ތާށިވުމަކީ އަދި އަހަރެމެން ދެ މީހުންގެ ދޭތެރޭ މައްސަލައެއް ޖެހެންވީ ސަބަބެއް ވެސް ނޫން. ކީއްވެ މައްސަލައެއް ޖެހެންވީ؟"

އޭނާ ބުނި ގޮތުގައި ހިމޭނުން ހުންނާތީ ބަޔަކު ބޭނުންހާ އެއްޗެއް ކިޔަސް އެ ހުރިހާ އެންމެން ކިޔާހާ އެއްޗަކަށް ރައްދުދީ، ކަންކަން ސާފުކޮށްދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ބުންޏެވެ.

ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ ޖަޖްކަން ވެސް ކުރަމުން އަންނަ ބަތަލާ ބުނި ގޮތުގައި ބައެއް މީޑިއާތަކުން ހިތަށް އެރިހާ ވާހަކަތަކެއް ފަތުރާތިީ، ޕީއާރް ޓީމްގައި ވެސް މިހާރު އެ ވާހަކަ ހިއްސާކޮށްފައިވާނެ އެެ. އަދި އެ މީހުން މިކަން މައިތިރިކޮށްދޭން މަސައްކަތްކޮށް ދިނުމަށް އެދިފައިވާ ކަމަށް ޝިލްޕާ ބުންޏެވެ. ފިރިމީހާ ހައްޔަރުކުރި ދަނޑިވަޅާ ދިމާކޮށް ޝިލްޕާ އާއި އޭނާގެ އާއިލާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ފެތުރި ވާހަކަތަކަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަށް 25 ކްރޯޑް ރުޕީސް ހޯދަން ކޯޓަށް ވެސް ހުށަހެޅި އެވެ.

ބަރަހަނާ ފިލްމު ހަދައި އެއްޗެހި ދައުރުކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ކަމަށް ބުނާ މައްސަލައެއްގައި ރާޖް ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 19 ގަ އެވެ.