Roadha Mihaaru
ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި

ޓްރަމްޕަށް ދައުވާ ކުރަން ލަފާ ދީފި

20 ޑިސެމްބަރ 2022

ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް އާންމުންގެ ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖިނާއީ ދައުވާ ކުރުމަށް، އެ މައްސަލަ ތަހުގީގުކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކުޑަ ކޮމިޓީން ލަފާ ދީފި އެވެ.

ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް އާންމުންގެ ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޖިނާއީ ދައުވާ ކުރުމަށް، އެ މައްސަލަ ތަހުގީގުކުރާ ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ކުޑަ ކޮމިޓީން ލަފާ ދީފި އެވެ.

އިއްޔެ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކުރީ، ޖިނާއީ ހަތަރު ކުށެއްގެ ތުހުމަތުގައި ރައީސް ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ލަފާ ދިނުމަށެވެ. ޓްރަމްޕުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމާ މެދު އެ ޑިޕާޓްމަންޓުން ގޮތެއް ނިންމާނީ، އެ ތުހުމަތުތަކުގެ މައްޗަށް ހުރި ހެކިތައް ވަޒަންކުރުމަށް ފަހު އެވެ.

ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ އޭރުގެ ރައީސް ޓްރަމްޕުގެ ސަޕޯޓަރުން، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގަނީ. --އޭއެފްޕީ

ޖެނުއަރީ 6، 2021 ގައި، އެމެރިކާގެ އޭރުގެ ރައީސް ޓްރަމްޕުގެ ސަޕޯޓަރުން، ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ ހަމަނުޖެހުން ހިންގަނީ. --އޭއެފްޕީ

މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޓްރަމްޕުގެ މައްޗަށް ސާބިތުވާ ކަމަށް ހައުސްގެ ކޮމިޓީން ނިންމި ހަތަރު ތުހުމަތުގެ ތެރެއިން ފުރަތަމަ ތުހުމަތަކީ ފިތުނަ އުފެއްދުމަށް ބާރުއެޅުން، އެހީތެރިވުން ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދެ ވަނަ ތުހުމަތަކީ ދައުލަތުގެ ރަސްމީ މަސައްކަތަށް ހުރަސް އެޅުމެވެ. ތިން ވަނަ ތުހުމަތަކީ، އެމެރިކާ އަށް (ދައުލަތަށް) އޮޅުވައިލުމަށް ރޭވުމެވެ. އަދި ހަތަރު ވަނަ ތުހުމަތަކީ މަރުކަޒީ ސަރުކާރަށް ދޮގު ބަޔާނެއް ދީ އޮޅުވައިލުމަށް މަސައްކަތް ކުރުމެވެ.

ކޮމިޓީގެ ނިންމުމުގައިވާ ގޮތުން، ޖެނުއަރީ 6، 2021 ގައި ކެޕިޓޮލް އިމާރާތަށް އާންމުންގެ ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކަށް، ރައީސް ޓްރަމްޕު ހިތްވަރު ދެއްވިކަމާއި އެހީތެރިކަން ފޯރުކޮށްދެއްވިކަމުގެ އެކަށީގެންވާ ސާބިތު ހެކި އެބަހުއްޓެވެ. އޭގެ އިތުރުން ރިއާސީ އިންތިޚާބުގެ ނަތީޖާއާ އެއްގޮތްވާ ގޮތުގެ މަތިން ސުލްހަވެރިކަމާ އެކު ވެރިކަން ބަދަލުކުރުމަށް ހުރަސްއެޅުއްވުމުގެ ނިޔަތުގައި މަސައްކަތް ކުރެއްވި ކަމުގެ ސާފު ހެކިވެސް އެބަހުރި ކަމަށް އެ ނިންމުމުގައިވެ އެވެ.

ޓްރަމްޕުގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވައިލި ކޮމިޓީގެ އެންމެ ފަހު ބައްދަލުވުން އިއްޔެ ނިންމަވައިލެއްވުމަށް ފަހު، އެ ކޮމިޓީގެ ނައިބު މުގައްރިރު، އަދި ޓްރަމްޕު ވެސް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެމްބަރު ލިޒް ޗޭނީ ވިދާޅުވީ އެމެރިކާގެ ރައީސްކަމުގެ މަގާމަށް ޓްރަމްޕު ފިޓް ނޫން ކަމަށެވެ.

ލިޒް ވިދާޅުވީ ޖެނުއަރީ 6 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް ރައީސް ޓްރަމްޕު ގޮވައިނުލެއްވުމަކީ، ހަމައެކަނި ޣައިރު ގާނޫނީ އަމަލެއް ނޫން ކަމަށާއި، އޭގެ އިތުރުން އެއީ ޓްރަމްޕުގެ ވަޒީފާގެ އަޚުލާގު ނެތް ކަމާއި ދުސްތޫރީ ވާޖިބު އަދާކުރުމުގައި އޭނާ ނުކުޅެދޭ މިންވަރު ހާމަވި ކަމެއް ކަމަށެވެ.

"އެފަދަ ވަގުތެއްގައި އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެ މީހަކަށް، އަޅުގަނޑުމެންގެ މި ގައުމުގެ ވެރިކަމާ ގުޅުން ހުރި އެފަދަ އެއްވެސް މަގާމެއްގައި ދެން ޚިދުމަތެއް ނުކުރެވޭނެ. އޭނާއަކީ ސަރުކާރުގެ އެއްވެސް މަގާމަކަށް އެކަށީގެންވާ މީހެއް ނޫން."

ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ސާފު އަޣުލަބިއްޔަތު އޮތް އެ ކޮމިޓީން މިދިޔަ އަހަރެއްހާ ދުވަހު ކުރި ތަހުގީގުގެ ތެރޭގައި ބުނަމުން އައީ، ޖެނުއަރީ 6 ވަނަ ދުވަހުގެ ހަމަނުޖެހުންތަކަށް މަގު ފަހިވީ، އިންތިޚާބުގެ ވޯޓު އޮޅުވައިލިކަމަށް ވިދާޅުވެ ރައީސް ޓްރަމްޕުގެ ދެއްކެވި ދޮގު ވާހަކަތަކުން ކަމަށެވެ. އެ ދުވަހު ރައީސް ޓްރަމްޕުގެ ސަޕޯޓަރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަތީ، 2020 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގައި ނެގި އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ރަސްމީކޮށް ފާސްކުރުމުގެ ޖަލްސާ ހިނގަމުން ދަނިކޮށެވެ.

ރިއާސީ އިންތިހާބުގައި މިހާރުގެ ރައީސް ޖޯ ބައިޑެން އަށް ކާމިޔާބު ލިބިވަޑައިގަތުމާއެކު، އޭރުގެ ރައީސް ޓްރަޕްމު ވިދާޅުވަމުން ގެންދެވީ "އިންތިހާބު ވަގަށް ނަގައިފި" ކަމަށެވެ. އަދި ޖެނުއަރީ 6 ވަނަ ދުވަހުގެ ބައްދަލުވުމަށް އެކި ސަރަހައްދުތަކުގެ މަންދޫބުން ވޮޝިންޓަނަށް ވަޑައިގަންނަވަން ފެއްޓެވުމާއެކު، ޖެނުއަރީ 5 ވަނަ ދުވަހު، ޓްރަމްޕުގެ ސަޕޯޓަރުންގެ އެއްވުމެއް، ކެޕިޓޮލް އިމާރާތާ މާ ދުރު ނޫން ހިސާބެއްގައި ފެށި އެވެ.

އެ އެއްވުމުގެ ބައިވެރިން ރައީސް ޓްރަމްޕުގެ ވާހަކަތަކަށް ތާއީދުކޮށް، އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް އަޑު އުފުލުމުގައި، އަނެއް ދުވަހަށް އިރު އަރަންދެން ވެސް ތިއްބެވެ. ޖެނުއަރީ 6 ވަނަ ދުވަހުގެ ހެނދުނު، ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުން ފެށުމާއެކު، ރައީސް ޓްރަމްޕު އޭނާގެ ސަޕޯޓަރުންގެ ގާތަށް ވަޑައިގެން، ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.

އަދި އެ މަޖިލީހުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް، އެ އިމާރާތަށް ދިއުމަށް ވެސް ގޮވައިލެއްވި އެވެ. އެ އެއްވުމުގެ ބައިވެރިން އެ ހިސާބުން ފެށިގެން، ކެޕިޓޮލް އިމާރާތަށް މިސްރާބު ޖެހުމާއެކު، ރައީސް ޓްރަމްޕު ވެސް އެތަނަށް ވަޑައިގަތުމަށް ގަސްދު ކުރެއްވި އެވެ. ނަމަވެސް ހަށިފާރަވެރިން އެކަމަށް ހުރަސް އެޅުއްވި އެވެ.

ޓްރަމްޕުގެ ސަޕޯޓަރުން ކެޕިޓޮލް އިމާރާތް ދޮށަށް ގޮސް، އެ ތަނުގެ ބޭރުގައި ތިބި ފުލުހުންގެ ސަފުތައް ފޫއަޅުވައިލުމަށް ފަހު އިމާރާތުގެ އެތެރެއަށް ވަދެގަނެ، ތަނަށާއި ތަކެއްޗަށް އެތައް ގެއްލުންތަކެއް ދިނެވެ. މި ހަމަނުޖެހުންތައް ހުއްޓުވަން މަސައްކަތް ކުރި ފުލުހުންނަށް ވެސް ހަމަލާ ދިނެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި ފަސް މީހަކު މަރުވި އެވެ. އިތުރު އެތައް ބަޔަކު ޒަޚަމްވި އިރު، އޭގެ ތެރޭގައި 138 ފުލުހުން ހިމެނެ އެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އުޅުނު ފުލުހުންގެ ތެރެއިން ހަތަރު ފުލުހަކު އޭގެ ހަތް މަސް ފަހުން، އަމިއްލަ އަށް މަރުވި އެވެ. މި ހަމަނުޖެހުންތަކުގައި އިމާރާތަށާއި ތަކެއްޗަށް ލިބުނު ގެއްލުން، 2.7 މިލިއަން ޑޮލަރަށް ވުރެ އިތުރުވެފައިވާ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.