Roadha Mihaaru
ވޯލްޑް ކަޕުން ޔޫރަޕަށް ދިޔައީ މުސްލިމް ޝަވަރު

ވޯލްޑް ކަޕުން ޔޫރަޕަށް ދިޔައީ މުސްލިމް ޝަވަރު

21 ޑިސެމްބަރ 2022

މިދިޔަ އާދިއްތަ ދުވަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ކަމަކީ، ހުޅަނގުގެ މީހުންނަށް "މުސްލިމް ޝަވަރު" ތައާރަފްވެ އެއީ މާ ރަނގަޅު އެއްޗަކަށް ވުމެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މިދިޔަ އާދިއްތަ ދުވަހު ގަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ކަމަކީ، ހުޅަނގުގެ މީހުންނަށް "މުސްލިމް ޝަވަރު" ތައާރަފްވެ އެއީ މާ ރަނގަޅު އެއްޗަކަށް ވުމެވެ.

ފާހާނާ ކުރުމަށް ފަހު ސާފުވާން ޓޮއިލެޓް ޕޭޕަރު ބޭނުންކުރަމުން އަންނަ މީހުން، މުސްލިމް ޝަވަރުގެ ނަމުން މަޝްހޫރުވެފައިވާ "ބިޑެޓް ޝަވަ" ބޭނުންކުރުމަށް ފަހު މިއީ އެ މީހުން މުޅި އުމުރު ނަޖިހުން ތާހިރުވާން ބޭނުންކުރި ޓޮއިލެޓް ޕޭޕަރާ އަޅާބަލާއިރު ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތްކަން ގަބޫލުކުރެވިގެން ވަނީ ވާހަކަ ދައްކައިފަ އެވެ.

ޓޮއިލެޓް ޕޭޕާ ޓިޝޫ: އާންމުކޮށް ބޭނުނުްކުރަނީ ހުޅަނގުގެ ގައުމުތަކުން

ޓޮއިލެޓް ޕޭޕާ ޓިޝޫ: އާންމުކޮށް ބޭނުނުްކުރަނީ ހުޅަނގުގެ ގައުމުތަކުން

އަރަބި އަދި އޭޝިއާގެ ގިނަ ގައުމުތައް، ހާއްސަކޮށް މުސްލިމު ގައުމުތަކުގައި ފާހަނާކުރުމަށް ފަހު ނަޖިހުން ތާހިރުވުމަށް ބޭނުން ކުރަނީ މުސްލިމް ޝަވަރުން ފެން ކަމެއް ހުޅަނގުގެ ގިނަ މީހުންނަކަށް ނޭނގެ އެވެ.

ވޯލްޑް ކަޕަށް ގަތަރަށް ގޮސް އުޅުނު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ނަޖިހުން ތާހިރުވާން މި ހުރިހާ ދުވަހަކު ޓޮއިލެޓް ޕޭޕާ ބޭނުންކުރުމަށް ފަހު މުސްލިމް ޝަވަރުން ފެނުން ސާފުކުރުމުން ދެ ކަމުގެ ހުރި ތަފާތު އެނގުނު ކަމަށެވެ. ފެނުން ސާފުކުރުން މާ ރަނގަޅު ކަމަށާއި އެނބުރި ގައުމަށް ގޮސް މީގެ ޝަވަރު ބޭނުންކުރަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.

"ގަތަރުގައި 'ޓޮއިލެޓް ބަމް ޝަވަރު' ބޭނުން ކުރަމުން އަންނަތާ މިހާރު މަހެއްވެދާނެ. ޔޫރަޕް/އެމެރިކާ ހިސާބުގެ އަހަރަމެން ބޭނުންކުރަނީ ހަމައެކަނި ޓޮއިލެޓް ޕޭޕަރަށް ވުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް. މިއީ މިހާތަނަށް ފެނުނު އެންމެ ސަޅި އުފެއްދުން،" މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އޭނާ ބުނެފައިވަނީ ކުރިން ބިޑެޓް ބޭނުންކުރި ކަމަށާއި އެކަމަކު އެއީ މާ ބޮޑު އެއްޗެއް ކަމަށެވެ. މުސްލިމް ޝަވަރަކީ ބާރަށް ފެން ޖަހާލައިގެން ސާފުކޮށްލަން، އަތަށް ފަސޭހަކޮށް އުފައްދާފައިވާ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.

އެ ޓްވީޓް ވައިރަލްވެ، ގިނަ ބަޔަކު މުސްލިމް ޝަވަރުގެ މުހިންމު ކަމުގެ ވާހަކަ ދައްކާފައިވެ އެވެ. އަދި އެއްބަޔަކު އަންނަނީ އެއާ ގުޅޭ މަޖާ ޕޯސްޓްތައް ވެސް ކުރަމުންނެވެ.

ބައެއް މީހުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޔޫރަޕާއި އެމެރިކާގައި ވެސް މުސްލިމް ޝަވަރު އާންމު އެއްޗަކަށް ވާނެ ކަމަށް ބުނެފަ އެވެ.

މިއީ ހަގީގަތުގައި ވެސް މި ވޯލްޑް ކަޕުން ފެނުނު އެންމެ ބޮޑު އެއް "ހީރޯ" ގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

މީގެ ކުރިން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގަ އާއި އެކި ހާދިސާތަކާ ގުޅިގެން ޔޫރަޕާއި އެމެރިކާގެ ގައުމުތަކުން އާންމު ބައެއް މުދާ ލިބުން ދަތިވި ވަގުތުތަކުގައި ވެސް ޓޮއިލެޓް ޕޭޕަރު ހުސްވުމުން އެ ގައުމުތަކުގެ މީޑިއާގައި އާންމުންނަށް މުސްލިމް ޝަވަރު ތައާރަފްކޮށްދީ، ނަޖިހުން ތާހިރުވާން އޮތް ހަމައެކަނި ހައްލަކީ ޓޮއިލެޓް ޕޭޕަރު ނޫންކަން ބުނެދޭން ޖެހުނެވެ.