Roadha Mihaaru
ވަކީލުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީއެއް ނަގަނީ

ވަކީލުންގެ އަތުންނާއި ލޯ ކިޔަވައިދޭ ތަންތަނުން ފީ ނަގަން ހުށަހަޅައިފި

21 ޑިސެމްބަރ 2022

ގާނޫނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމާ މެދު ބާ ކައުންސިލުން ޚިޔާލަށް ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމާ މެދު ބާ ކައުންސިލުން ޚިޔާލަށް ހުޅުވާލައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު އޮންނަ ގޮތުން ބާ ކައުންސިލަށް އާމްދަނީ ހޯދުމަށްޓަކައި ފީތަކެއް ނެގުމުގެ ބާރު އޮވެ އެވެ. އެކަމަކު ވަކީލުންގެ ލައިސަންސް އާ ކުރުމުގެ ފީ ނެގެން އޮންނަނީ 2024 ވަނަ އަހަރުގެ ފަހުންނެވެ.

ބާ ކައުންސިލުން އާމްދަނީ އިތުރުކުރަން ފީތަކެއް ނެގުމަށް ޚިޔާލަށް ހުޅުވާލީ ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ލިބޭ ބަޖެޓުން އެންމެ ފުރިހަމައަށް މަސައްކަތްތަކެއް ނުކުރެވޭނެތީ ކަމަށް އެ ކައުންސިލުން ނެރުނު އިއުލާނުގައިވެ އެވެ.

ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމަށެވެ. އެ ކައުންސިލުން ފީ ނަގން ހުށަހަޅާފައިވަނީ ތިރީގައިވާ ގޮތަށެވެ.

- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ހޯދާނަމަ 6،000ރ. ގެ ފީއެއް

- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް 4،000ރ.

- ލޯފާމް ރަޖިސްޓްރީ ކުރުމާއި އަހަރީ ފީއަށް އަހަރަކު 3،000ރ.

- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް އެޕްރޫވްކުރަން ފަހަރަކު 50،000ރ.

- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް ރީ އެޕްރޫވްކުރަން ފަހަރަކު 50،000ރ.

- ބިދޭސީ ވަކީލުން ދަށު ކޯޓުތަކަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.

- ބިދޭސީ ވަކީލުން ހައި ކޯޓަށް ދިއުމުގެ ހުއްދައަށް މައްސަލައަކަށް 20،000ރ.

- ބިދޭސީ ވަކީލުން ސުޕްރީމް ކޯޓަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000ރ.

- ވަކީލުންގެ ކާޑު ހެއްދުން އަދި އާކުރުމަށް ފަހަރަކު 500ރ.

- ލައިސަންސް ގެއްލިގެން އާކުރަން ފަހަރަކު 500ރ.

- ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ލައިސަންސް ހޯދަން އަދި އާކުރަން އަހަރަކު 2،500ރ.

މިގޮތަށް ފީ ނަގާނަމަ، އެ ކައުންސިލަށް އިތުރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މީގެ އިތުރުން ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ ލައިސަންސް އަހަރަކު އެއްފަހަރު އާ ކުރަންޖެހޭ ގޮތަށް ހެދުމަށްފަހު ޖޫން، 2024 އިން ފެށިގެން 3،000ރ. އާއި 7،000ރ. އާ ދެމެދުގެ އަދަދެއް އެކަމަށް ވެސް ނެގުމަށެވެ.

މި އަގުތަކާ މެދު އަންނަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާ ކައުންސިލަށް ޚިޔާލު ފޮނުވަން އެ ކައުންސިލުން ވަނީ އެދިފަ އެވެ.