Roadha Mihaaru
އިންތިހާބު ކޮމެޓީ އެކުލަވާލުން ބޮޑު ކޯޅުމަކަށް!

އިންތިހާބު ކޮމެޓީ އެކުލަވާލުން ދެ ފެކްޝަންގެ ބޮޑު ކޯޅުމަކަށް!

26 ޑިސެމްބަރ 2022

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ އަށް އައްޔަންކުރާ ފަސް މެންބަރެއްގެ ނަން އެ ޕާޓީގެ ގައުމީ މަޖިލީހުން، ބޮޑު ކޯޅުމަކަށް ފަހު މިރޭ ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ އަށް އައްޔަންކުރާ ފަސް މެންބަރެއްގެ ނަން އެ ޕާޓީގެ ގައުމީ މަޖިލީހުން، ބޮޑު ކޯޅުމަކަށް ފަހު މިރޭ ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ކަނޑައަޅަން ޖެނުއަރީ 28 ގައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަ އެވެ.

ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، ޕާޓީ ތެރެ ހޫނުވެފައި ވަނިކޮށް، ތާޖުއްދީން ސްކޫލް ހޯލުގައި މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި އޮތީ އިންތިހާބީ ކޮމިޓީ އަށް މެންބަރުން އައްޔަން ކުރުމުގެ މައްސަލަ އެވެ.

ނަން ހުށަހަޅަން ފުރުސަތަކަށް އެދިވަޑައިގެން ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މި ފަހަރުގެ ރިޔާސީ ޕްރައިމަރީއަކީ އެމްޑީޕީގެ ތާރީހުގައި އެންމެ ވާދަވެރި ޕްރައިމަރީ އަށް ވާނެ ކަމަށާއި އެހެންވެ، އިންސާފުވެރިކަމާ އެކު އަދި އެ ޕާޓީގެ ހުރިހާ މެންބަރުންނަށް ވެސް އިތުބާރު ކުރެވޭ ގޮތަށް ކަންކަން ކުރިއަށް ގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

އިންތިހާބީ ކޮމިޓީގެ ކަންކަން ހަމަހަމަ ގޮތަކަށް ކުރިއަށް ގެންދަވަން ނަޝީދު ބޭނުންފުޅުވާ ދެ ކެންޑިޑޭޓުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ދެ ކެންޑިޑޭޓުން ކޮމިޓީ އަށް އައްޔަން ކުރުމަށް އާޒިމް ހުށަހެޅުއްވި އެވެ. އެ ދެ ކެންޑިޑޭޓުންނަށް ވެސް އެއްބަސްވެވަޑައިގަންނަވާ އިތުރު އެއް ކެންޑިޑޭޓުންނާ އެކު ޖުމުލަ ފަސް މެންބަރުން އައްޔަން ކުރެއްވުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.

އާޒިމްގެ އެ ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި އެވެ.

އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކޮށްދެއްވަން  އޭނާ ރިޔާސަތުގައި އާދޭސް ދަންނަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކޮށްދެއްވަން އޭނާ ރިޔާސަތުގައި އާދޭސް ދަންނަވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާޒިމް ހުށަހެޅުއްވި ނަންތައް:

- ވިލިމާލެ ދާއިރާގެ ކުރީގެ ރައީސް މުހައްމަދު އިބްރާހިމް މަނިކު.

- ނ. އަތޮޅު ކައުންސިލްގެ ރައީސް ބަޝީރު.

- އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު.

އާޒިމްގެ އެ ހުށަހެޅުއްވުންތަކާ ގުޅިގެން، ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ތިން މެމްބަރުންގެ ބަދަލުގައި ފަސް މެންބަރުންގެ ނަން ހުށަހެޅުއްވުމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ފަރާތުން ނަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސެއިން) އެވެ.

އަނދުން ހުސެއިން ހުށަހެޅުއްވި ނަންތައް:

- ހުސައިން ޝަމީމް (އަނދުން)

- ޑެޕިއުޓީ ޗެއާ އިބްރާޙިމް ވަހީދު

- އަނަސް އަބްދުއްސައްތާރު

- އަކްރަމް ކަމާލުއްދީން

- އަހުމަދު އަބްދުﷲ އަފީފް

- ކެނދިކުޅުދޫ ދާއިރާގެ ރައީސް މުހައްމަދު އީމާން

އެއް ގަލަކަށް ނޭރި، ދެ ފެކްޝަންގެ އަރައިރުން!

އިންތިހާބީ ކޮމިޓީ އަށް ފަސް ނަން ހުށަހެޅުއްވުމުގެ ބަދަލުގައި އާޒިމް ހުށަހެޅުއްވީ ބާކީ ދެ ސްލޮޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ބޭނުންވާ މެންބަރެއްގެ ނަން އެ ފަރާތްތަކުން އަމިއްލަ އަށް ހުށަހެޅުމަށެވެ. އެކަމަކު ފައްޔާޒު ވަނީ އާޒިމް ވެސް ފަސް މެންބަރެއްގެ ނަން ހުށަހެޅުއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ޗެއާޕާސަން ފައްޔާޒް އިބްރާހިމް-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރިޔާސަތުގައި އިންނެވި ޗެއާޕާސަން ފައްޔާޒް އިބްރާހިމް-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެކަމަށް އެއްބަސްނުވެވި އާޒިމާއި އީވާ އަދި ފައްޔާޒާ ދެމެދު ހޫނު ބަހުސްތަކެއް ފެށުނީ އެވެ.

ނަޝީދުގެ ފެކްޝަންގެ މެންބަރުން ވަނީ، އިންތިހާބުގެ މިހާތަނަށް އައިއިރު ވެސް އުސޫލުތަކާ ހިލާފަށް އަދި ބޭއިންސާފުން ޕާޓީން އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެއް ކަމަކަށް އާޒިމް ފާހަަކުރެއްވީ އިންތިހާބީ ކޮމިޓީ އެކުލަވާ ނުލައި އިންތިހާބަށް އިއުލާން ކުރުމެވެ. އެއީ އަސާސީ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން ތާއީދު ފޯމު ފުރަން ރައީސް އިިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށް ދެ މަސް ދުވަސް ލިބުނު ކަމަށާއި ނަމަވެސް ނަޝީދަށް ލިބިވަޑައިގަތީ އެންމެ ފަސް ދުވަސް ކަމަށް އާޒިމް ވިދާޅުވި އެވެ. އެމްޑީޕީގެ 39،000 އެއްހާ މެންބަރުން ޕާޓީން ކަނޑާލައިފައިވާ ކަމަށާއި އެއީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދުމަށް ކޮށްފައިވާ ކަމެއް ކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.

އީވާ ވިދާޅުވިގޮތުގައި، ގައުމީ މަޖިލިސް އެކުލަވާލާފައިވާ ގޮތް ވަރަށް ރަނގަޅަށް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. ހުދުމުހުތާރުކޮށް ކަންކަން ނިންމުމުގެ ބަދަލުގައި ރަނގަޅު ވާނީ މަޝްވަރާގެ މަތިން ދެކޮޅަށް އެއްބަސްވެވޭ ގޮތަކަށް ފާސްކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ކުރެވެން އޮތް ގޮތަކީ ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގުޅުއްވުމަށް ފަހު ދެ ބޭފުޅުންނަށް އެއްބަސްވެވަޑައިގެންނެވޭ ގޮތަކަށް ކޮމިޓީ އެކުލަވައިލުން ކަމަށެވެ.

ނަޝީދުގެ ފެކްޝަނުން ކުރި ތުހުމަތުތައް ފައްޔާޒު ދޮގު ކުރެއްވި އެވެ. އޭނާ އެދިވަޑައިގަތީ އިންތިހާބާއި ޕާޓީގެ ނަން ހުތުރުވާ ގޮތަށް މެންބަރުން ވާހަކަ ދައްކަވައި ކެމްޕެއިން ނުކުރެއްވުމަށެވެ.

ނަޝީދުގެ ފެކްޝަނުން ތިން ނަމެއް ހުށަނޭޅުމުން ފައްޔާޒް ވިދާޅުވީ އެ ނަންތަކަށް ވޯޓަށް ނޭހޭނެ ކަމަށެވެ.

ތަކުރާރުކޮށް އެދިގެން ވެސް އާޒިމްގެ ހުށަހެޅުއްވުމަށް ރައީސް ފެކްޝަންގެ މެންބަރުން އެއްބަސްނުވުމުން ނަޝީދު ފެކްޝަންގެ މެންބަރުން ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފަ އެވެ.

މެންބަރުން ވަޑައިގަތުމާއެކު ރިޔާސަތުން ވޯޓަށް ހުޅުވައިލި އެވެ. އަނދުން ހުސެއިން ހުށަހެޅުއްވި މެންބަރުންގެ ނަންތައް އިއްތިފާގުން ފާސްވި އެވެ.