Roadha Mihaaru
ތިލަފުށި ހިއްކުން ބްރިޖު ބަލަހައްޓާ ކުންފުންޏަށް

ތިލަފުށި ހިއްކަން ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި

29 ޑިސެމްބަރ 2022

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކ. ތިލަފުށީގެ ފަޅު ހިއްކުމުގެ މަސައްކަތް ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކ. ތިލަފުށީގެ ފަޅު ހިއްކުމުގެ މަސައްކަތް ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްފި އެވެ.

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، ތިލަފުށީގެ ފަޅު ހިއްކަން ސީއެޗްއީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 15 އިގައި އެވެ.

އެއީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.

އޮފިޝަލް ވިދާޅުވީ، ތިލަފުށި ހިއްކުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށާއި އެ މަސައްކަތް ކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ.

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ނިމުމުން ތިލަފުށި އޮންނާނެ ގޮތުގެ ޑިޒައިނެއް ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ކ. ތިލަފުށި ތަރައްގީކުރަން ރާވާފައި ގޮތުގެ މާސްޓަޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ނިމުމުން ތިލަފުށި އޮންނާނެ ގޮތުގެ ޑިޒައިނެއް ދައްކާލަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެންމެ ފުރަތަމަ ހިއްކަނީ 40 ހެކްޓަރުގެ ބިން. އެ މަސައްކަތް 8 މަސްދުވަހުގެ ތެރޭގައި ނިންމާލާނެ،" އޭނާ ވިދާޅުވި އެވެ.

ތިލަފުށިން ހިއްކާ 151 ހެކްޓަރުގެ ބިން ހިއްކައި އެއްކޮށް ނިމޭނީ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެޗްޑީސީން ވަނީ ތިލަފުށި ތަރައްގީ ކުރާނެ ގޮތުގެ މާސްޓަޕްލޭނެއް ހަދައިފަ އެވެ. ތިލަފުށިން ހިއްކާ ބިން ބޭނުންކުރާނީ އެކި ކަހަލަ ސިނާއީ މަސައްކަތްތަކަށެވެ. އޭރުން މާލޭގައި އެ ބާވަތުގެ މަސައްކަތްތައް ކުރުން އެއްކޮށް ހުއްޓާލާނެ އެވެ.

ތިލަފުށީގެ މާސްޓަޕްލޭން ރޭވިފައިވާ ގޮތް

• ސިނާއީ ބޭނުންތަކަށް 151 ހެކްޓަރުގެ ބިން ހިއްކުން.

• އެ ބިމުގައި ޕަވަ ޕްލާންޓެއް ހެދުން.

• ތެޔޮ ރައްކާކުރާ ފާމެއް ހެދުން.

• ބޯޓުފަހަރު ބަނދަރުކުރާ ސަރަހައްދެއް ހެދުން.

• އޮފީސް އިމާރާތްތައް ހެދުން.

• ރިކްރިއޭޝަނަށް ބޭނުންކުރާ އިމާރާތްތައް ހެދުން.

• އިންޑަސްޓްރިއަލް ކަންކަމަށް ބޭނުންކުރާ އިމާރާތްތައް ހެދުން.

ސަރުކާރުން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ. ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ މަސައްކަތެއްގެ ގޮތުގައި އެ ރަށުގައި ކުނި އެންދުން މިދިޔަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.

މުޅި ރާއްޖޭގައި އުފެދޭ ކުނި މެނޭޖުކުރާ ތިލަފުށީގައި ކުނި އެންދުން ހުއްޓާލައި ސަރުކާރުގެ ޕްލޭނަކީ ކުނިން ހަކަތަ އުފައްދާ ނިޒާމެއް ވެސް އެ ރަށުގައި ގާއިމުކުރުމެވެ. އެކަމަށް ބޭނުންވާ ބައެއް މެޝިނަރީތައް ވެސް ގެނެސް، ކުނި މެނޭޖުކުރުމަށް ބޮޑު ބަދަލެއް ވަނީ ގެނެސްފަ އެވެ.