Roadha Mihaaru

ހުޅުމާލޭގެ މަގު ހަދަން ހަވާލުކުރީ ސެޓްލްމަންޓް އެގްރިމެންޓެއްގެ ދަށުން، އަގަކީ 91.8 މިލިއަން ރުފިޔާ: އެޗްޑީސީ

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް، އެޗްޑީސީން މިއަދު ބުނެފި އެވެ.

މަގު ހަދަން ހަވާލުކުރީ 91.8 މިލިއަން ރުފިޔާއަށް: އެޗްޑީސީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

12 ޑިސެމްބަރ 2025

ހުޅުމާލޭގެ ބައެއް މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ ސެޓުލްމަންޓް އެގްރިމެންޓެއްގެ ދަށުން ކަމަށާއި އެ މަޝްރޫއުގެ އަގަކީ 91.8 މިލިއަން ރުފިޔާ ކަމަށް، އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލެ 1 އަދި 2 ގެ 1.1 ކިލޯ މީޓަރުގެ މަގުތައް 5-6 މަސް ދުވަހުގެ ތެރޭގައި ހަދަން ޗައިނާގެ ރޮޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުންޏާ މި މަހުގެ ތިން ވަނަ ދުވަހު ވަނީ ހަވާލުކޮށްފަ އެވެ.

މަސައްކަތުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ. ރޮޓައިމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޯވޭޑޮންގު އެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއަކީ، އޮކްޓޯބަރު 2، 2022 ގައި އެ ކުންފުންޏާ ހަވާލުކުރި "ހުޅުމާލޭގައި ޓެމްޕަރަރީ ވޯކާސް އެކޮމޮޑޭޝަން" ތަރައްގީ ކުރުމުގެ މަސައްކަތުގެ ބަދަލުގައި ހަވާލުކުރި ކަމެއް ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކެއް އަޅަން ޗައިނާގެ ކުންފުންޏާ އޭރު ހަވާލުކުރީ ބައިނަލްއަގުވާމީ ކުޅިވަރު ސްޓޭޑިއަމެއް އަޅާތީ އެވެ. ނަމަވެސް، ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ބަދަލު އައުމުން އެކޮމޮޑޭޝަން ބްލޮކުގެ މަޝްރޫއު ވެސް ހުއްޓާލަން ޖެހުނީ އެވެ.

އެހެންވެ، މަގުތައް ހަދަން ފަހުން ހަވާލުކުރީ ސެޓްލްމަންޓް އެގްރީމެންޓްގެ ދަށުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ ބަޔާނުގައި ބުނީ ހުޅުމާލެ 1ގެ ފަސް މަގަކާއި ހުޅުމާލެ 2ގެ ވިނަރެސް ފްލެޓް ކައިރީގައިވާ މަގު ހިމެނޭ ގޮތަށް ޖުމްލަ 19،001 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގު ހަދާނެ ކަމަށެވެ. އޭގެ އިތުރުން، ހަލާކުވެފައިވާ 8،012 އަކަމީޓަރުގެ މަގުތައް މަރާމާތުކޮށް އަލުން ތާރު އަޅާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މަޝްރޫއުގެ އަގަކީ، ޖީއެސްޓީ ހިމެނޭ ގޮތަށް 91,860,829ރ. އެވެ. އެ ފައިސާ ދައްކަން ހަމަޖައްސާފައިވަނީ ކޭޝްފްލޯ އަށް ދަތިނުވާނެ ގޮތަށް 50 ޕަސެންޓު ފައިސާ އެއް އަހަރަށް ބަހާލައިގެންނެވެ. ބާކީ 50 ޕަސެންޓު ފައިސާ ދައްކަން ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރުން ފެށިގެން ހަ އަހަރަށް ބަހާލައިގެންނެވެ.

އެޗްޑީސީން ބުނީ މަގު ހަދަން ބޭނުންވާ ސާމާނާއި މެޝިނަރީ މޮބިލައިޒްކޮށް، ވީ އެންމެ އަވަހަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި އަވަހަށް މަސައްކަތް ނިންމައި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ފަސޭހަތައް ލިބުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުންޏެވެ.