Roadha Mihaaru
ނަޝީދު ވިދާޅުވަނީ "ރައީސް ރިއެކްޓް" ނުކުރައްވާ ކަމަށް

ނަޝީދު މިސާލު ޖައްސަވަމުން ވިދާޅުވީ ރައީސް އެއްވެސް ކަމަކަށް "ރިއެކްޓް ނުކުރައްވާ" ކަމަށް

29 ޑިސެމްބަރ 2022

ސަރުކާރު ހިންގުމުގެ ތެރޭގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރު ހިންގުމުގެ ތެރޭގަ އާއި އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، "ރިއެކްޓް" ނުކުރައްވާ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ނަޝީދުގެ ކެމްޕެއިން، "ފިކުރެއްގެ ދިރުން" ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ރޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ވިދާޅުވީ މައްސަލަތައް ހައްލުކުރުމަށް ރައީސް މަސައްކަތް ނުކުރެއްވުމެވެ. އެ މިސާލު ޖެއްސެވުމުގައި ނަޝީދު ބޭނުންކުރެއްވި "ރިއެކްޓް" ބަހަކީ މީޑިއާތަކަަށް ފަސްޓްލޭޑީ އިންޓަވިއު ދެއްވިއިރު ބޭނުންކުރެއްވި ބޭނުންކުރެއްވި ބަހެކެވެ.

ފަސްޓްލޭޑީ މީގެ ކުރިން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވަނީ ރައީސަކީ ކަންކަމަށް ރިއެކްޓު ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ.

"ކަމެއް ދިމާވެއްޖިއްޔާ، އިބޫ، ރިއެކްޓެއް ނުކުރައްވާނެ. އެއްބައި މީހުން، މީހަކު އެއްޗެއް ބުނީ، ދެން އަނެއްކާ ރައްދުގައި އެއްޗެއް ބުނީ އެ ގޮތަށް ދޭ ނޫންތޯ. އަޅުގަނޑަށް ފާހަގަކުރެވޭ އިބޫ [އެގޮތަށް] ރިއެކްޓެއް ނުކުރައްވާނެ،" ރައީސް ހުވާކުރެއްވިތާ 12 ދުވަސް ފަހުން ފަޒޫ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

އެކަމަށް ޖޯކު ޖައްސަވައި ނަޝީދު ވިދާޅުވީ އެތައް މައްސަލަތަކެއް ހުރި ނަމަވެސް ރައީސް އެކަމަށް ރިއެކްޓެއް ނުކުރައްވާ ކަމަށެވެ.

މި ވެރިކަމުގައި މާލެއިން އަދި ރަށްރަށުން އެއްވެސް މީހަކަށް ބޯހިޔާވަހި ކަމެއް ނުލިބުނު ކަމަށާއި ހިއްކާފައިވާ ބިންތައް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ދޭނެ ކަމަށް މެނިފެސްޓޯގައި ހިމެނުނަސް އެކަމެއް ވެސް ނުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ނުވި، ނުވި. ނުވި. ރިއެކްޓެއް ނުކުރެއްވި. ވެށިފަށި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއްދަންފަޅީގެ މަދަރުސާއަކަށް ވެސް ނެތޭ ރިއެކްޝަނެއް. އައްޑޫ ސިޓީއާ ބޮޑެތި ރަށްތަކުގެ އިގުތިސޯދު ވަށައިގެންވާ އެހެން ރަށްތަކާ އަދި ތިނަދޫގެ ބޮޑު އިގުތިސޯދު، ބޮޑު އިގުތިސޯދު. ހުވަދު އަތޮޅުގެ އެތައް ރަށެއްގެ، ކިތައްމެ ރަށެއް މިހާރު އެބަހުރި 4،000 މީހުންނަށް ދާ. މިއީ އެކަށީގެންވާ ރަނގަޅު ވިކުރާއެއް ނުކުންނާނެ ވިޔަފާރި ކުރެވޭނެ ރަށްރަށް،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން އެ ރަށްރަށް ގުޅާލައި ނޫ އިގުތިސޯދުގައި އެކަންތައް ކުރާނެ ގޮތްތައް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ. ލާމަރުކަޒީ ނިޒާމުން ރަށްތަކަށް ބާރު ދޭނެ ގޮތްތައް ވެސް ރީތިކޮށް ބަޔާންކޮށްދިނަސް އެކަމަށް ވެސް ރައީސް ރިއެކްޓެއް ނުކުރެއްވި ކަމަށް ނަޝީދު ވިދަޅުވި އެވެ.

"ރައީސް ސޯލިހު އެތައް ތަގުރީރެއްގައި، ކިތައްމެ އިންޓަވިއުއެއްގައި ސާފު ސަރީހަ އިބާރާތުން ވިދާޅުވަމުން ގެންދެވި ވާހަކަ. ނަމަވެސް ވެރިކަމަށް ވަޑައިގެންފައި ރިއެކްޓެއް ނުކުރެއްވި."