Roadha Mihaaru
މި ނުކުތީ ވަކި މީހަކާ ދެކޮޅަކަށް ނޫން: ރައީސް

މި ނުކުތީ ވަކި މީހަކާ ދެކޮޅަކަށް ނޫން، ޕާޓީ ބައިބައެއް ނުވާނެ: ރައީސް

07 ޖެނުއަރީ 2023

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ވަކި ބޭފުޅަކާ ދެކޮޅަށް ނޫން ކަމަށާއި އަދި ޕްރައިމަރީ އަށް ފަހު އެ ޕާޓީ ކުރިއަށް ދާނީ އަނެއްކާވެސް އެއްބައެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ ވަކި ބޭފުޅަކާ ދެކޮޅަށް ނޫން ކަމަށާއި އަދި ޕްރައިމަރީ އަށް ފަހު އެ ޕާޓީ ކުރިއަށް ދާނީ އަނެއްކާވެސް އެއްބައެއްގެ ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ނ. ވެލިދު އަށް ވަޑައިގެން، އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އެއްބައެއްގެ ގޮތުގައި ހިނގާ ޕާޓީއެއް ކަމަށެވެ. ޕްރައިމަރީ ނިމުނަސް، ޕާޓީ ބައިބައި ނުވާނެ ކަމަށާއި އަނެއްކާވެސް އެ ޕާޓީ ކުރިއަށް ދާނީ އެއްބައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

"މި އަކީ ވަކި މީހަކާ ދެކޮޅަށް އަޅުގަނޑުމެން ކުރާ ކަމެއް ނޫން. ވަކި ބަޔަކު ބާކީ ކުރަން ކުރާ ކަމެއް ވެސް ނޫން. އަޅުގަނޑުމެން މި ޕްރައިމަރީ ނިމުމާ އެކީގައި އަނެއްކާވެސް ކުރިއަށް ދާނީ ހަމަ އެމްޑީޕީ. އެމްޑީޕީއަކީ އެއް ބައެއް،" ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ އިސް ލީޑަރުކަން ވެސް ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި، ޕްރައިމަރީއަށް ފަހު އެމްޑީޕީ އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަށް ކެމްޕެއިން ކުރިއަށް ގެންދިއުމަކީ އެ މަނިކުފާނުގެ އެދިވަޑައިގަތުމެކެވެ.

"އެހެންވީމާ ޕާޓީ ޕްރައިމަރީ ނިމުމާ އެކީގައި އެގޮތަށް މަސައްކަތް ކުރެވޭނެ ވިސްނުމެއްގައި އަޅުގަނޑުމެންގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ކިބައިން މިރޭ ވެސް އެދޭ އެދުމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހަގީގަތުގައި ބާއްވާކަށް ނުވެސް ޖެހޭ ކަމަށެވެ. އެކަމަކު، ހާލަތު އެ ގޮތަށް އޮތަސް، އެ މަނިކުފާނަށް ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމަށާއި އޭގެ ފަހުގައި ރިޔާސީ އިންތިހާބު ވެސް އެއް ބުރުން ކާމިޔާބު ކުރައްވާނެ ރައީސް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބު އެއް ބުރުން، އެއް ބުރުން، ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ވެލިދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ވެލިދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއަށް ވިޔަސް، ރިޔާސީ އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވޭނީ ކިހިނެތް ކަމާ މެދު ކުރީގެ ތަޖުރިބާތަކަށް ބެލުމަށް ފަހު ވިސްނަންޖެހެ އެވެ. އެގޮތުން 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެއްޓުމާއި އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ނާކާމިޔާބުވި ގޮތާއި އޭގެ ފަހުން ކަންކަން ވެގެން ދިޔަ ގޮތް ހަނދާނަށް ގެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެންމެ 6،000 ވޯޓު މަދުވެގެން މި އޮތް ބޮޑު ޕާޓީ، އެ ވޯޓުލީ އެންމެންނާ އެކު ތިބީ މަގުމަތީގައި. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެ ދުވަހު އެ ކުރިމަތިވި ނާކާމިޔާބީއަށް ފަހު އަޅުގަނޑުމެންނަށް ކުރިމަތިވި އަނިޔާ އާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއަށް އަޅުގަނޑުމެން ދާނީތޯ؟" ރައީސް ސުވާލު އުފެއްދެވި އެވެ.

ވެލިދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން: މި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި.

ވެލިދޫގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި އެ ޕާޓީގެ ބައެއް މެމްބަރުން: މި ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ހާޒިރުވި.

ރައީސް ވިދާޅުވީ އެ އަނިޔާތައް ތަކުރާރު ނުވާނީ އެކި ފިކުރުތަކުގެ މީހުންނާ އެކު ސަރުކާރެއް ގާއިމު ކުރެވިގެން ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި އެ މަނިކުފާނަށް ކަމަށެވެ. އަދި ރައްޔިތުން ވެސް އެކަން ގަބޫލުކުރާ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް ވެސް އަޅުގަނޑު މި އަންނަނީ ތި ބޭފުޅުންނަށް އެކަން ހާމަކޮށްދެމުން. ރައްޔިތުން ވެސް އެކަން ގަބޫލުކުރޭ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން އެދޭ ގޮތަށް އެއްވެސް މީހަކު ބާކީ ނުކޮށް ހުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ކޯލިޝަން ސަރުކާރަށް އިޝާރާތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ މީހުން ބިނާކުރުން ކަމަށާއި އެ މަސައްކަތް އެންމެ ހަލުވިކޮށް ކުރިއަށް ގެންދަނީ މި ސަރުކާރުން ކަމަށެވެ. އަދި ތަރައްގީގެ އެތައް މަޝްރޫއެއް އަދިވެސް ކުރިއަށް ރޭވިފައި އެބަހުރިކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.