Roadha Mihaaru

39،000 މެމްބަރުން އުނިކުރި މައްސަލަ ބަލައިދޭން ނަޝީދު ހުށަހަޅުއްވައިފި

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވަން އުޅޭ ދަފްތަރުން 39،000 އަށް ވުރެން ގިނަ މެމްބަރުން އުނިކޮށްގެން ބާއްވާ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމުގެ ކަންބޮޑުވުމާ އެކު އެ މައްސަލަ ބަލައިދޭން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފި އެވެ.

39،000 މެމްބަރުންނާ ގުޅޭ ޝަކުވާ ބަލަން އެދިއްޖެ
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

02 ޖެނުއަރީ 2023

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވަން އުޅޭ ދަފްތަރުން 39،000 އަށް ވުރެން ގިނަ މެމްބަރުން އުނިކޮށްގެން ބާއްވާ ޕްރައިމަރީ އިންސާފުވެރި ނުވާނެ ކަމުގެ ކަންބޮޑުވުމާ އެކު އެ މައްސަލަ ބަލައިދޭން ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވައިފި އެވެ.

ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވާ، ނަޝީދުގެ ކެމްޕޭން ޓީމުން ވަނީ ވޯޓާސް ލިސްޓާ ގުޅޭ މައްސަލަތަކެއް ފެންމަތިކޮށްފަ އެވެ. އެ ޓީމުން ތުހުމަތުކުރާ ގޮތުގައި އިނގިލީގެ ނިޝާން ނުޖަހާތީ އާއި އެހެން ޕާޓީއެއްގައި ނަން އޮވެގެން ކަމަށް ބުނެ 39،393 މެމްބަރުން ޕާޓީގެ ދަފްތަރުން އުނިކުރީ ހީލަތްތެރި ރޭވުމަކުންނެވެ.

"މިއީ ރައީސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެކެވެ. މިއީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ،" ކެމްޕޭނުން ނެރުނު ބަޔާނުގައިވެ އެވެ.

"މާފަހުން އެކުލަވާ ޝަރުތުތަކެއް، މާއިހުއްސުރެ އެމްޑީޕީއަށް ސޮއިކޮށްގެން ތިބި ޕާޓީގެ އެންމެ ސީނިއަ މެންބަރުންގެ މައްޗަށް ތަންފީޒުކުރުމަކީ ބުއްދީގެ މަގުން ވެސް އަދި ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވާ ހިނދު، ގަނޑުކޮށް އުނިކުރި މެންބަރުންގެ މެންބަޝިޕް އިޔާދަކޮށް، އެމެންބަރުންގެ ސިޔާސީ-މަދަނީ ހައްގުތައް ހިމާޔަތްވާނެ މަގުން، އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ދިނުމަށް މި ކެންޕެއިނުން ޕާޓީގެ ޗެއާޕާސަނާއި އިސް އޮފިޝަލުންގެ މައްޗަށް ގޮވައިލަމެވެ."

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕްރައިމަރީގެ ކަންކަން ހިންގަން ޖެހޭނީ އެކުލަވާލާ ކޮމިޓީއަކުންނެވެ. އަސާސީ ގަވާއިދުގައި ބަޔާންކުރާ ގޮތަށް އެ ކޮމިޓީ އެކުލަވާލުމުގެ މާކުރިން، އިންތިހާބާ ބެހޭ ކަންކަން ކުރިއަށް ގެންދިޔަ ކަމަށާއި އެއީ އަސާސީ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަަމަށް ވެސް ނަޝީދުގެ ކެމްޕޭން ޓީމުން ތުހުމަތުކުރެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ފުރަން ޖެހޭ ތާއީދު ފޯމު ވެސް މާކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓީމަށް ލިބިފަ އެވެ. މިކަން ވަރަށް ހާމަކަން ބޮޑުކޮށް ހިންގުމުން އެ ފަރާތްތައް ހޯދައި ފިޔަވަޅު ނޭޅުމަކީ ޕްރައިމަރީގެ މަސައްކަތުގައި އިންސާފުވެރިކަން ގެއްލިފައިވާ މިންވަރު ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.

ނަޝީދުގެ ކެމްޕޭން ޓީމުން ބުނީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭނެ ކަމަށް ޕާޓީން ކަނޑައަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނޭ ޕާޓީގެ މެންބަރުންނަށް އެކަނި ކަމަށެވެ. ޕާޓީން ނިންމާފައިި އޮތީ މިދިޔަ މަހުގެ 18އާ ހަމައަށް ރަޖިސްޓްރީގައި ތިބި އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށެވެ.

"އެހެން ނަމަވެސް އެ ތާރީހުގައި އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ނުހިމެނޭ 457 މީހަކު އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައިވެ އެވެ. މިކެމްޕޭނަށް ގަބޫލުކުރެވެނީ އެ މީސްމީހުން ދަފްތަރުގައި ހިމަނާފައި އެވަނީ ވާދަވެރި ކެނޑިޑޭޓަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ،" ނޫސް ބަޔާނުގައިވެ އެވެ.

ޕްރައިމަރީއާ ގުޅިގެން ނަޝީދުގެ ޓީމުން މި ޝަކުވާތައް ހުށަހަޅާފައި ވިޔަސް އެމްޑީޕީން ބުނެފައި ވަނީ ދަފްތަރު ސައްހަކުރީ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިގެން ކަމަށެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި ލިސްޓު ސައްހަ ކުރަން ޖެހުނީ އެހެން ޕާޓީތަކުގައި ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު އެމްޑީޕީގައި ތިބުމުންނެވެ. އެ ދަފްތަރު މިހާރު އޮތީ، ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައި ކަމަށް އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.