Roadha Mihaaru
ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަނީ

ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަނީ

15 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަން ނިންމައިފި އެވެ.

ޕީޕީއެމްގެ އާ އޮފީސް، ހ. ހުރަފާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން 64 ދާއިރާގެ ޕްރައިމަރީ ބާއްވަން ޖެހޭ ކަމަށެވެ. މާލެ އާއި އަތޮޅުތަކުގައި ޕްރައިމަރީ އޮންނައިރު، ތައްޔާރީތައް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޕްރައިމަރީއާ ނުލައި 212 ދާއިރާ އަށް ކެންޑިޑޭޓުން ވަނީ ހޮވިފަ އެވެ. އެ ކެންޑިޑޭޓުންގެ ފޯމުތައް މި ހަފުތާ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ.

ޕްރައިމަރީ ނުބާއްވަނީ، އޭނާ ވިދާޅުވި ގޮތުގައި، ކައުންސިލްގައި ވާދަކުރަން ޖެހޭ އަދަދަށް ކުރިިމަތިލާފައި ތިބި ދާއިރާތަކާއި ކޯލިޝަން ކެންޑިޑޭޓުން ވާދަކުރާ ދާއިރާތަކުގެ އިތުރުން ކްރައިޓީރިއާގައި ކަނޑައަޅާފައިވާ އަދަދަށް މާކްސް ނުލިބުނު ދާއިރާތަކުގަ އެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ ފޯމުތަކަށް ބަލާއިރު 600 އަށް ވުރެ ގިނަ ކެންޑިޑޭޓުން އެބަތިބި،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވީ ޕްރައިމަރީ އަށް ޕީޕީއެމްގެ ދަފްތަރު މިހާރު އެކުލަވާލާފައިވާއިރު، އޭގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ހުރުން އެކަށީގެންވާ ކަމަށެވެ. ޕާޓީގައި އުފެދުނު މައްސަލަތަކުގައި ދަފްތަރު ގެއްލިފައިވާއިރު އާ ދަފްތަރު އެކުލަވާލީ އިލެކްޝަންސް ކޮމިޝަނާއި ޕާޓީގެ ގޮފިތަކުން ހޯދި މައުލޫމާތުތަކުގެ އިތުރުން ޕާޓީގެ އެކި ހަރަކާތްތަކުން އެއްކުރެވުނު މައުލޫމާތުތަކުން ކަމަށް ވިދާޅުވި އެވެ.

އަލަށް އެކުލަވާލި ދަފްތަރުގައިވާ ގޮތުން ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދެއް އެ ޕާޓީން މިއަދު ހާމައެއް ނުކުރެ އެވެ. އެ ދަފްތަރު، އިންތިހާބަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާ ހިއްސާކުރާނެ ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައިވާ ގޮތުން ފެބުރުއަރީ، 21، 2015 އަށް އެ ޕާޓީގައި ތިބި ސައްހަ މެމްބަރުންގެ އަދަދަކީ 36،232 އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވޯޓުލެވޭނީ ކުރިން ވެސް އިއުލާންކޮށްފައިވާ ގޮތަށް ޑިސެމްބަރު 15 ގެ ކުރިން ޕާޓީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.

އަލީ އާރިފް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް އެ ޕާޓީ އަށް ކާމިޔާބުކުރެވޭނެ ކަމަށެވެ. އެ ޕާޓީން ރަށްތަކަށް ކުރާ ދަތުރުތަކުން އެކަން ފެންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ.