Roadha Mihaaru
އަމިއްލަ ކެންޑިޑޭޓުންނަށް މައުމޫންގެ އިލްތިމާސެއް

މިނިވަން ކެންޑިޑޭޓުންގެ ދައުރު ގައުމު އިސްލާހުކުރަން ވަރަށް މުހިންމު: މައުމޫން

11 މެއި 2017

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ދައުރު ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް އިންތިހާ އަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ދައުރު ގައުމު އިސްލާހުގެ މަގަށް އެޅުވުމަށް އިންތިހާ އަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން 100 އެއްހާ ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިހާބުވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކަ އެވެ. ނަމަވެސް ޕީޕީއެމުން ކުރިން ބުނެފައިވާ ގޮތުގައި އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވި ގިނަ ކެންޑިޑޭޓުންނަކީ އެ ޕާޓީގެ ފިކުރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުންނެވެ.

މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން އިންތިހާބު ކާމިޔާބު ކުރެއްވި ދަނޑިވަޅަކީ ރާއްޖޭގައި ގާނޫނީ އިމުގެ ބޭރުން އެތައް ކަމެއް ހިނގަމުންދާ ދުވަސްވަރެއް ކަމަށެވެ.

އެކަން ހުއްޓުވުމަށާއި ސަރުކާރުގެ ނުފޫޒުން މިނިވަން މުއްސަސާތައް ސަލާމަތްކޮށް ގާނޫނީ ވެރިކަން ނެގެހެއްޓުމަށް މިނިވަން ކެންޑިޑޭޓުންގެ ދައުރު މުހިންމު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން ތިޔަ އެންމެހާ ކެންޑިޑޭޓުންނަށް ރައްޔިތުން އިތުބާރުކޮށް އިންތިހާބުކުރި ގޮތުގައި ސާބިތުކަމާއެކު ގައުމުގެ ހައްގުގައި ދެމި ތިއްބެވުމަށް ވަރަށް އިހްލާސްތެރިކަމާއެކު އިލްތިމާސް ކުރަމެވެ،" އިންޑިއާގައި ހުންނެވި މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި ނިމިގެންދިޔަ އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެކެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ސަރުކާރުގެ ކެންޑިޑޭޓުން ފިޔަވައި މި އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި އިންތިހާބެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެގޮތުން ކެމްޕޭން ކުރުމާއި ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ސަރުކާރުގެ ނުފޫޒްގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ކެންޑިޑޭޓުންނަށް ކުރިމަތިވި ކަމަށާއި އުނދަގޫތަކާއެކު އިސްލާހަށް މަސައްކަތް ކުރައްވާ ފަރާތްތަކުން މި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހާސިލް ކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.

"އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއިރު، ސާބިތުކަމާއި އެކު ދެމިތިއްބެވުމުގެ ނަތީޖާއަކީ އިންތިހާބުގެ ބޮޑު ބައެއް އެފަރާތްތަކަށް ކާމިޔާބުވުމެވެ. ސަރުކާރުގެ ފިއްތުންތަކުގެ ކުރިމަތީގައި މިފަދަ ކާމިޔާބެއް ލިބިފައި ވަނީ ތިޔަބޭފުޅުން ކުރެއްވި މިންނެތް މަސައްކަތުންނެވެ. އަދި ރައްޔިތުން ތިޔަ ކެންޑިޑޭޓުންނަށް ކުރެއްވި އަގު ނުކުރޭ ފަދަ ބޮޑު އިތުބާރެއްގެ ސަބަބުންނެވެ،" މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.