Roadha Mihaaru
ރައީސްގެ ވަރުގަދަ ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް

އިންތިޚާބަށް ފަހު ރައީސް ޔާމީންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ލީޑަރުންނަށް

15 މެއި 2017

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ލީޑަރުންނަށް މިރޭ ދެއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕީއެމް ކޯލިޝަނަށް ލިބުނު ބޮޑު ނާކާމިޔާބީ އަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް އިދިކޮޅު ލީޑަރުންނަށް މިރޭ ދެއްވައިފި އެވެ.

ލޯކަލް އިންތިޚާބަށް ފަހު، ޕީޕީއެމް ކޯލިޝަނުން ބޭއްވި ޖަލްސާއެެއްގައި ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް އެންމެ ބޮޑަށް ރައްދު ކުރެއްވީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށާއި އެ ޕާޓީގެ ޓިކެޓްގައި ހޮވިވަޑައިގެންނެވި ކައުންސިލަރުންނަށެވެ. އަދި އެމްޑީޕީއާ ގުޅިގެން މިހާރު ސިޔާސީ މަސައްކަތްޕުޅުތަކެއް ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ނަންފުޅު ވިދާޅުނުވެ، އެމަނިކުފާނަށް ވެސް ފާޑުކިޔުން އަމާޒު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވެރިކަމަށް ދަހިވެތިވާ އިދިކޮޅު ލީޑަރުން "ފިއްލަވައިގެން" ނުތިއްބަވައި ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާ ކަމަށެވެ.

"އަޅުގަނޑުމެން މާ ވަރުގަދަ ސިޔާސީ ލީޑަރުން، އެންމެ ފުރަތަމަ ގައުމޭ ވިދާޅުވާ ބޭފުޅުން، މިއަދު އެންމެ ފުރަތަމަ ގައުމޭ ވިދާޅުވޭތޯ؟ އެމްޑީޕީ ޖަގަހައިގައި އެ ޖަހަނީ ތިޔައީއޭ ޒައީމޭ އަދު ލޮބުވެތި ގައުމު. މިއީ އަދުގެ ހާލު ހުރި ގޮތް،" މައުމޫނަށް ނިސްބަތްކޮށް ހަދާފައިވާ ލަވަ، އެމްޑީޕީގެ ހަރުގޭގައި މިހާރު ޖަަހާތީ، އެކަމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ނަޝީދު ސަލާމްކުރައްވަނީ.---ސޯޝަލް މީޑިއާ

ރައީސް ޔާމީނާއި ނަޝީދު ސަލާމްކުރައްވަނީ.---ސޯޝަލް މީޑިއާ

ރައީސް ވިދާޅުވީ "ވެރިކަމަށް ދަހިވެތިވާ ބޭފުޅުން އަންނަންވީ ރާއްޖެ އަށް" ކަމަށާއި ފިއްލަވައިގެން ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އެންމެ ފުރަތަމަ ގަބޫލުކުރަންވީ އެންމެންގެ މައްޗަށް ގާނޫނުގެ ހުކޫމަތު ހިނގާނެ ކަން. ދުރުގައި ތިބެގެން ކަންކަމަށް ފާޑު ކިޔައިގެން ކަމަކު ނުދާނެ. އަޅުގަނޑުމެންނާ އިދިކޮޅަށް ތިއްބެވި ބޭފުޅުންނަކީ، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ތިއްބެވި ބޭފުޅުން. އެބޭފުޅުން ދެއްކެވި ވާހަކަތައް އެ އޮތީ ފެންނަން،" ސަރުކާރުން އަޅާނެ ފިޔަވަޅަކަށްޓަކައި ރާއްޖެ އިން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންނާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު މިއަދު އެއް ބޭފުޅަކު އަނެއް ބޭފުޅަކު ހިމާޔަތް ދެވޭނެ ހާލަތެއްގައި ނޫން ތިއްބެވީ. އެބޭފުޅުން ތިއްބެވީ ގަނޑުކޮށް ރާއްޖޭން ބޭރަށް އަރުއްވާލެއްވިގެން."

ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި ގާނޫނުގެ އަތް ކޮންމެ މީހަކާ ހަމައަށް ވެސް ފޯރާނެ އެވެ. އެހެންވެ، އެކަން ގަބޫލު ކުރައްވައިގެން، ކުރީގައި ވެރިކަން ކުރައްވާފައި ޖަވާބުދާރީވުމަށް ރާއްޖެ ވަޑައިގަންނަވަންވީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކޮބައިތޯ ވެރިކަން ނިމުނު ދުވަހު މުލިއާގެ އިން ފެނުނު ރާފުޅިތައް. އެ އަށް ޖަވާބުދާރީވާން ޖެހޭ ބަޔަކު ތިބެން ޖެހޭނެ. ގެއަކުން ހަތިޔާރު ފެނުނީމަ، އެ ހަތިޔާރު ފެނުނު ގޭގެ ވެރިމީހާ އަށް ޖަވާބުދާރީ ނުވެވުނީމަ، އެ މީހާ އަށް ގާނޫނީ ހުކުމް އައިސް ޖަލުގެ ގޮޅިތަކަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަކީ މައްސަލަތައް އޮޅުވާލާނެ މީހެއް ނޫން. އަޅުގަނޑަކީ ދޮގު ހަދާނެ މީހެއް ނޫން. އަޅުގަނޑަކީ ވޯޓަށް ރައްޔިތުން ވާވައްދާނެ މީހެއް ނޫން."

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިއަދު މުޒާހަރާ އަށް ގޮވާލަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެކަމަށް ހިތްވަރު ދިނުމަށް ނުކުންނާނެ ބަޔަކު ވެސް ނެތް ކަަމަށެވެ.

"މީހުން މަސްއޫލުވެފައި މިތިބީ ރާއްޖޭގައި ހުރި މަސައްކަތްތައް ގިނަވެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރުއީ ނިޒާމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އަދުލު އިންސާފުގެ ތެރެއަށް މި ސަރުކާރުން އަތް ނުބާނާނެ ކަމަށެވެ.

"އެ މީހަކާ ބައްދަލުކުރާނީ ކޯޓު ރޫމް ތެރޭގައި. އެ މީހަކަށް ދިފާއުވުމުގެ ފުރުސަތު އޮންނާނެ. މިހެން ހުރި ކަންކަމަށް ޖަވާބުދާރީވާން ޖެހޭ މީހުން އިދިކޮޅު ކޯލިޝަންގެ ތެރޭގައި ތިބީ،" އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވާ އިދިކޮޅު ސިޔާސީ ލީޑަރުން: އިދިކޮޅު ލީޑަރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް މިރޭ ދެއްވި.

ރައީސް ޔާމީންގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަ ދައްކަވާ އިދިކޮޅު ސިޔާސީ ލީޑަރުން: އިދިކޮޅު ލީޑަރުންނަށް ބަހުގެ ހޫނު ހަމަލާތަކެއް މިރޭ ދެއްވި.

އެމަނިކުފާނު ވިދާޅުވީ ބައެއް ދާާއިރާތަކުގެ އަޣުލަބިއްޔަތު އިދިކޮޅު އެމްޑީޕީން ނެގިޔަސް، ތަރައްގީ އަށް ހުރަސް އަޅަން އެއްވެސް ކައުންސިލަރަކު މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށް ކަމަށެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ކައުންސިލަރުން އެހީވިޔަސް، ނުވިޔަސް ރާއްޖޭގެ ތަރައްގީ ސަރުކާރުން ބޭނުންވާ ހިސާބުތަކަށް ގެންދާނެ ކަމަށެވެ.

"ކައުންސިލްތައް އެގޮތަށް އޮތަސް، ރާއްޖޭގެ ސިޔާދަތު ފުރިހަމަ އަށް، ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގެ ކޮންމެ އަކަފޫޓަކަށް ހިނގާނެ ސަރުކާރަކަށް ވާތީ އެކަން ވެސް [ކުރިން] އޮންނާނީ ކޮށްފައި،" ވަރަށް ޖޯޝާއި ފޯރީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރަށްރަށުގެ ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެމްޑީޕީން މީގެ ކުރިން ހޯދައިގެން ކުރި ކަމަކީ ކޮބައިތޯ ސުވާލު އުފެއްދެވި އެވެ. ޕީޕީއެމަކީ ވެރިކަން ހޯދަން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވެފައި ހުރި ގިލަންވެރިކަމާއި ނަފްރަތާއި ބިރުވެރިކަން ފަދަ ކަންކަމުން ސަލާމަތްކޮށް ދިނުމަށް ނުކުތް ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ލޯކަލް އިންތިޚާބުގައި ވޯޓު ގުނަނީ.---މިހާރު ފޮޓޯ

މިދިޔަ ލޯކަލް އިންތިޚާބުގައި ވޯޓު ގުނަނީ.---މިހާރު ފޮޓޯ

ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރިން އުފެދުނު އެމްޑީޕީގެ ކައުންސިލްތަކުން ސަރުކާރުގެ އެކިއެކި މަޝްރޫއުތަކަށް ވަނީ ދަތިކޮށްފަ އެވެ. ޒުވާނުންނަށް ފުޓްސަލް ދަނޑު އަޅައި ދިނުމަށް ބިން ކަނޑައިދޭން އެދުމުން އެތައް މަހެއް ވަންދެން އެކަން ލަސް ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެތަންތަނަށް ސަރުކާރުން އެކި ތަރައްގީތައް ގެނައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލޯކަލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން ފިލާވަޅުތަކެއް ނަގަން ޖެހޭ ކަމަށެވެ. ހާއްސަކޮށް އިންތިޚާބުގައި ވޯޓުލުމަށް ނުކުތީ މަދު އަދަދެއްގެ ބަޔަކު ކަމަށާއި މާލެ އިން ވޯޓުލެވޭ ކޮންމެ 10 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ އެންމެ ތިން މީހުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޯޓުލުމަށް މީހުން ނުކުމެފައި ނުވަނީ، މީގެ ކުރިން ކައުންސިލްތަކުން ކުރި ކަންތައްތަކާ މެދު ހިތްހަމަނުޖެހުންތައް އުފެދިފައި ހުރުމުންނެވެ. މާލެ އަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް ސިޓީ ކައުންސިލުން އެއްވެސް މަސައްކަތެއް ކުރިން ކޮށްފައި ނުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފުރިހަމަ ކުރަމުން އަންނާތީ އިންތިހާބުގައި ވޯޓުލުމުގެ ބޭނުމެއް ނެތް ކަމަށް ގަބޫލު ކުރި މީހުން އެބަތިބި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިހާބުގައި ހުރިހާ ކަންކަން ހިނގައި ދިޔައީ މިނިވަން އިންސާފުވެރިކަމާއެކު ކަމަށް ބޭރުގެ އޮބްޒާވަރުން ވެސް ފާހަގަ ކުރެއްވި އެވެ.

މިދިޔަ ލޯކަލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓުލައްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

މިދިޔަ ލޯކަލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓުލައްވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ

"އަޅުގަނޑުމެން ނަތީޖާތައް ދިރާސާކޮށްފިން. އަދިވެސް މިދަނީ ނަތީޖާތައް ދިރާސާ ކުރަމުން. ތަފްސީލް ހިސާބުތަކެއް ވަރަށް އަވަހަށް ރައްޔިތުންނާ ހަމައަށް ހުށަހަޅާނަން،" ލޯކަލް އިންތިޚާބުގައި ނުކުތް ނަތީޖާއާ ގުޅޭ ގޮތުން ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން، އަޅުގަނޑުމެންނާ ވާދަކޮށްގެން 100 އެތައް ގޮނޑި މި އިންތިޚާބުން ވަނީ ގެއްލިފައި. އެއީ އިދިކޮޅު ފަރާތްތަކަށް ދިން ގޮނޑި. އިދިކޮޅު ފަރާތްތަކަށް ލިބުނު ގޮނޑީގެ ތެރެއިން 100 އުނިކޮށްފައި އަޅުގަނޑުމެން ކޯލިޝަނަށް 100 ގޮނޑި އިތުރުކޮށްފިނަމަ، އިންތިޚާބުގެ ނަތީޖާ ރައްޔިތުން އޮތީ ބުނެދީފައި،"

ޕީޕީއެމް ހިންގުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަތީ، ކޯޓު މެދުވެރިކޮށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހު ޕީޕީއެމްގެ ހިންގުން އެމަނިކުފާނާ ހަވާލުކުރެއްވިއިރު، އިންތިޚާބުގައި ވާދަކުރުމުގެ ހަކަތައެއް އެ ޕާޓީގައި ނެތް ކަމަށެވެ. އޭރު ލޯކަލް އިންތިޚާބަށް އެންމެ އެކަށީގެންވަނީ ކޮން ބައެއްތޯ ބަލައިލަން ރަށްރަށަށް ދިއުމުގެ ހިތްވަރަކާއި ފަންވަރު ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން ޕާޓީގެ މީހުން، ރަސްމީ ކެންޑިޑޭޓުންނާ ވާދަކުރެއްވުމުން ބަލިވީ. މިއިން ހުރި ދާއިރާތައް ބައިވަރު، 23 ދާއިރާގެ ގޮނޑި ގެއްލުމަށް ދިމާވި މައްސަލައަކީ މިއީ،" ރައީސް ވިދާޅުވި އެވެ.

މިހާތަނަށް އާއްމުކޮށްފައިވާ ނަތީޖާތަކުން ދައްކާ ގޮތުގައި ތިން ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީ އަށެވެ. އެއީ މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑި އާއި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ. އެއާ އެކު، އާބާދީ ބޮޑެތި ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ.